ޗައިނާއިން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ރައްޔިތުންގެ މަޖިލީގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާފައިވެ އެވެ.
އެގޮތުން، ދެ ގައުމުގެ ދެމެދު ގައި އޮންނަ ގާތް ރަހްމަތްތެރި ގުޅުން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހާއި ޗައިނާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފައިވެ އެވެ.

މީގެ އިތުރުން، ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ދެމުންދާ އެހީތެރިކަމަށް މަޖިލީހުގެ ރައީސް ޝުކުރު އަދާ ކުރެއްވި އެވެ. ހާއްސަކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއު އަސްލަމް ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ނޫގާނު ހަދާ މަޖިލީހުގެ ސްޓޭންޑިންގ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަރުވާފައިވެ އެވެ. މި ސިޓީގައި އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވާފައިވެ އެވެ.












