ލަންޑަން (ނޮވެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު، އާސެނަލުން ބްރެންޓްފޯޑްގެ މައްޗަށް 1-0 އިން ކުރިހޯދައި ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އާސެނަލް އެއް ވަނަ އަށް އެރީ 13 މެޗުން 30 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 13 މެޗުން 29 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 13 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ.
ސިޓީ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އެ ޓީމަށް މެޗުގެ 27 ވަނަ މިިނިޓްގައި ލީޑުނަގައިދިނީ އާލިން ބްރައުޓް ހާލަންޑް އެވެ. ނޭތަން އަކޭ ދިން ބޯޅައަކުން ހާލަންޑް ޖެހި މި ގޯލަކީ ލީގުގައި އޭނާ ޖެހި 50 ވަނަ ގޯލެވެ. ހާލަންޑަކީ އެންމެ މަދު މެޗު ކުޅެެގެން މި އަދަދަށް ޕްރިމިއާ ލީގުގައި ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ އަދި ލީގުގައި ކުޅެފައިވަނީ 48 މެޗެވެ.
ލިވަޕޫލުން މި މެޗުގައި ނަތީޖާ ހަމަހަމަކުރީ 80 ވަނަ މިނިޓްގަ އެވެ. މުހައްމަދު ސަލާހު ދިން ބޯޅައަކުން އޭރިއާ ތެރެއަށް ވަދެ، މި ގޯލު ޖެހީ ޓްރެންޓް އަލެކްސަންޑާ އާނޯލްޑް އެވެ.
ބްރެންޓްފޯޑް ދަނޑުގައި ކުޅުނު މެޗުގައި އާސެނަލް މޮޅުކޮށްދިން ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ކައި ހަވާޓްޒް އެވެ. މެޗުގެ 89 ވަނަ މިނިޓްގައި ބުކާޔޯ ސަކާ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަށް އަރައި، ހަވާޓްޒް މި ލަނޑު ޖެހީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
ފޯމަކަށް އެޅެމުން އައި ޗެލްސީ ވަނީ ލީގުގައި ރޭ ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފަ އެވެ. އަލެކްސަންޑަ އިސާކް ޖެހި ލަނޑުން ނިއުކާސަލް ލީޑުނަގާފައިވަނިކޮށް ޗެލްސީ އަށް އެއްވަރުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ނިއުކާސަލް މޮޅުވީ ދެ ވަނަ ހާފުގެ ލަނޑުތަކުންނެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޖަމާލް ލަސޭލެސް، އެންތަނީ ގޯޑަން އަދި ޖޮއެލިންޓަން އެވެ.
ޗެލްސީގެ ރީސް ޖޭމްްސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.












