ލަންޑަން (ނޮވެމްބަރު 25) - ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ ގަވާއިދާ ހިލާފުވެފައިވާތީ މެންޗެސްޓާ ސިޓީގެ މައްސަލަތަކެއް ބަލަމުން އަންނައިރު، އޭގެ ސަަބަބުން ސިޓީ ރެލިގޭޓްކޮށްލިޔަސް، އެ ޓީމުގެ ކޯޗުގެ މަގާމު ދޫކޮށްނުލާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މާލީ ގޮތުން ކްލަބްތައް ހަމަހަމަކޮށް ހަރަދުކުރަން ފުރުސަތު ހޯދައިދޭ އޮނިގަނޑެއް އޮންނަން ޖެހޭ ކަމަށް ބުނެ، މީގެ 13 ވަރަކަށް އަހަރު ކުރިން ގެނައި، އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން، މީގެ ކުރިން ވެސް އެކި ޓީމުތަކަށް ފިޔަވަޅު އަޅާފައިވެ އެވެ.
އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން، އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކަށް އެޅި އެންމެ ބޮޑު ފިޔަވަޅަކީ މީގެ ދުވަސްކޮޅެއް ކުރިން، އެވަޓަން އަތުން 10 ޕޮއިންޓް އުނިކުރަން ނިންމުމެވެ.
އެވަޓަން އަތުން 10 ޕޮއިންޓް އުނިކުރީ، އެ ޓީމު އެފްއެފްޕީ ގަވާއިދާ ހިލާފުވި އެންމެ މައްސަލައަކާ ހެދި އެވެ. އެފްއެފްޕީ ގަވާއިދާ ސިޓީން ހިލާފުވި، 115 މައްސަލައެއްގެ ތަހުގީގު ދަނީ ކުރިއަށެވެ.
ސިޓީން ވަނީ އެ މައްސަލަ އެޕީލްކޮށްފަ އެވެ.
އިނގިރޭސި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެވަޓަން އަށް އެއް މައްސަލައިގައި، ޕްރިމިއާ ލީގުން އެ ވަރުގެ އަދަބެއް އައުމުން، އެގޭ ކަމަކީ، ސިޓީގެ އެހާ ބައިވަރު މައްސަލަ އޮތްއިރު، އެ ޓީމަށް އަންނަން ޖެހޭނެ އަދަބު ބޮޑުކަމަށެވެ.
އެވަޓަން އަށް ދިން އަދަބާ ސިޓީގެ ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ވަނީ ގާޑިއޯލާއާ ސުވާލުކޮށްފަ އެވެ.
ގާޑިއޯލާ ބުނީ ސުވާލުތައް އޭނާއާ އަމާޒުވާއިރު، މިހާރު ވެސް ބެލެވިފައި އޮތް ކަމަކީ ގިނަ ބަޔަކު ބޭނުންވަނީ ސިޓީ އަށް އަދަބު ދިނުމަށް ކަމަށެވެ. އެކަމަކު، އެ ގޮތަށް އެކަން އެނގެން އޮތީ ތަހުގީގު ނިމި، އޭނާ އަށް އެކަން ނިމުނު ގޮތުގެ ރިޕޯޓް ލިބިގެން ކަމަށް ގާޑިއޯލާ ބުންޏެވެ.
"އެންމެން ވެސް އެކަން (ސިޓީ އަށް އަދަބުދޭން) ބޭނުންވާކަން އަހަންނަށް އެނގޭ. އެ އިހުސާސް އެބަކުރެވޭ. އެކަމަކު، އަހަރެން މި ހުރީ މައްސަލަ އެއްކޮށް ނިމެންދެން،" ގާޑިއޯލާ ބުންޏެވެ.
"ޔަގީންކަމެއް އެއީ، ތި ކަމަކާ ހެދި އަހަރެން ސިޓީއާ އެކު ހަދާނެ ގޮތެއް ނުނިންމާނަން. އެއީ، މި ލީގުގައި، ނޫނީ ލީގު ވަން (އިނގިރޭސި ތިން ވަނަ ޑިވިޝަން) ގައި ކުޅެން ޖެހުނަސް، ރެލިގޭޓްވިޔަސް، އަހަރެމެން އެ އޮތް މުބާރާތެއްގައި ވެސް ކުޅޭނަން،"
ގާޑިއޯލާ ބުނީ ސިޓީ ރެލިގޭޓްކޮށްލާ ވާހަކަ ދައްކާ މީހުން އެކަންކަން ކުރަނީ ހޯދަންޖެހޭ މައުލޫމާތު ރަނގަޅަށް ނުހޯދާ ކަމަށާއި އެވަޓަންގައި ކަންކަން ހިނގައިދިޔަ ގޮތް އޭނާ އަށް ނޭނގޭ ކަމަށެވެ. އެކަމަކު، ޔަގީނުން ވެސް ސިޓީން އުސޫލާ ހިލާފަށް އޭނާ އަށް އެނގިގެން އެފްއެފްޕީގެ ގަވާއިދުތަކާ ހިލާފުކަމެއް ކޮށްފައިނެތް ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ.
މީގެ ކުރިން، ސިޓީން އެފްއެފްޕީއާ ހިލާފުވެފައިވާތީ، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަނީ އެ ޓީމު ޗެމްޕިއަންސް ލީގުން ދެ އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު، ސިޓީން ވަނީ އޭގެ އަހަރެއް ފަހުން، އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައިގެން ސަލާމަތްވެފަ އެވެ. ސިޓީން ވަނީ މިިދިިޔަ ސީޒަނުގައި އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ.












