ލަންޑަން (ނޮވެމްބަރު 18) - ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ މެންޗެސްޓާ ސިޓީ އާއި ޗެލްސީ މި ސީޒަންގައި ރެލިގޭޓްވެދާނެކަމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެފްއެފްޕީގެ ސަބަބުން ޗެލްސީ އާއި މެންޗެސްޓާ ސިޓީއަށް ބޮޑު އަދަބަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ބެލެވިފައިމިވަނީ އިނގިރޭސި އެފްއޭއިން އިއްޔެ އެވަޓަންގެ 10 ޕޮއިންޓްކުރަން ނިންމުމުންނެވެ. އެފްއެފްޕީގެ ގަވާއިދާ ހިލާފްވީ އެންމެ މައްސަލައެއް ބެލުމަށް ފަހު އެފްއޭ އިން އެވަޓަން އަށް މިވަރުގެ އަދަބެއް ދިންއިރު، ގިނަ މައްސަލަތަކެއް ބަލަމުން އަންނަ ސިޓީ އާއި ޗެލްސީ އަށް ލިބޭ އަދަބު ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
އިނގިރޭސި އެފްއޭ އިން އަންނަނީ މެންޗެސްޓާ ސިޓީއިން އެފްއެފްޕީގެ ގަވާއިދާ ހިލާފުވި 115 މައްސަލައެއް ބަލަމުންނެވެ. އަނެއްކޮޅުން، ރޯމަން އަބްރަމޮވިޗް ޗެލްސީގެ ހިންގުމާ ހަވާލުވެހުރި ދުވަސްވަރު އެ ކުލަބުން ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކެއްގައި މައްސަލަތަކެއް އުޅޭކަމަށް ބަލައި އެކަންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެފްއެފްޕީގެ ތަޖުރިބާކާރެއް ބުނާގޮތުން މި ވަގުތު ތަހުގީގުކުރަމުން އަންނަ މައްސަލަތަކުގައި ޗެލްސީ އާއި ސިޓި ކުށްވެރިވެއްޖެނަމަ ދެ ޓީމްވެސް ރެލިގޭޓްކޮށްލުން ގާތެވެ.
ޗެލްސީގެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ ކުލަބަށް ލިބިފައިވާ ފައިދާ އޮޅުވާލުމާއި، ހަރަދުތަކުގެ ތަފްސީލްތައް ވެސް ގޯސްކޮށް ހުށަހަޅާފައި ހުރުމެވެ. ޗެލްސީ އަށް ބޮޑު ޖޫރިމަނާއެއް އައުމުގެ އިތުރުން ލީގުގައި ބޮޑު އަދަބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ސިޓީއަށް ބަލާއިރު އެކުލަބުން ޓްރާންސްފާތަކުގައި އެފްއެފްޕީގެ ގަވާއިދާ ހިލާފުވިކަމަށް މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ބެލެވުނެވެ. މިދިޔަ މާޗު މަހު ބަލަންފެށި މައްސަލަތައް އަދިވެސް ނުނިމެ އެވެ.
އެކުލަބަށް އަޅާފާނެ ފިޔަވަޅަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ވެސް އަންނަނީ ކުރިމަތި ކުރަމުންނެވެ. އެ ގޮތުން މިދިޔަ ދެ ސީޒަންގައި ވެސް އެފްއެފްޕީގެ މައްސަލަތަކެއް ސިޓީއާ ދެކޮޅަށް ތުހުމަތުކުރެވުނުއިރު ފިޔަވަޅެއް ނާޅައެވެ. މިއީ އެ ކުލަބުގެ މުއްސަނދި ވެރިންގެ ނުފޫޒުން ހިނގާ ކަމެއް ކަމަށް ޕްރިމިއާ ލީގުގެ އެހެން ކުލަބުތަކުން ތުހުމަތުކުރެ އެވެ.
އިނގިރޭސި އެފްއޭ އިން ބުނާގޮތުގައި ސިޓީގެ މައްސަލައިގައި ގޮތެއް ނިންމުން ލަސްވަނީ އެކުލަބާ ދެކޮޅަށް ބަލަމުން އަންނަ މައްސަލަތައް ގިނަވެފައި އެކަމުގައި ބަލަންޖެހޭ ކަންކަން ގިނަވުމެވެ.












