ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ކުޅިވަރަށް ހާއްސަކޮށް އުފެއްދި ވުޒާރާ، މިނިސްޓްރީ އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މިނިސްޓަރަކަށް ކުޅިވަރުގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަބްދުالله ރާފިއު (ރާއްޕެ) ހަމަޖައްސައިފި އެވެ.
ޔޫތު މިނިސްޓްރީގެ ބައެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން ހިނގަމުން އައި ކުޅިވަރުގެ ކަންކަން، މުޅިން އަލަށް ރައީސް މުއިއްޒުގެ ސަރުކާރުގައި ކުރިއަށްދާނީ ސްޕޯޓްސް މިނިސްޓްރީގެ ދަށުންނެވެ. އެ ގޮތުން، ކުޅިވަރުގެ ތާރީހީ މި އިސް ޒިންމާ އަދާކުރާނީ، ކުޅިވަރު ގައުމީ މަޖިލީހުގައި އިސް ޒިންމާއެއް އަދާކުރަމުން އައި ރާފިއު އެވެ.
އިންޑިއާ އިން މެޑިކަލް ރިހިބިލިޓޭޝަންގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކުރިއިރު، އެ ކޯހުގައި ހާއްސަ ވަނައެއްގައި ތައުލީމު ހާސިލްކުރި، ރާފިއު އަކީ ރާއްޖޭގެ ކުޅިވަރު ދާއިރާ އަށް އާ މޫނެއް ނޫނެވެ.
ވީބީ ސްޕޯޓްސް ކްލަބް (ފަހުން، ވީބީ އައްޑޫ އެފްސީ)ގެ މެޑިކަލް ޓީމުން ފެނުނު، ރާފިއު ވަނީ އެންމެ ފަހުން، ރާއްޖޭން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރި ތިން ފަހަރު (2015، 2019 އަދި 2023) ވެސް މެޑިކަލް ޓީމު ލީޑުކޮށްފަ އެވެ. އޭގެ އިތުުރުން، މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ރާއްޖޭގެ ކޮންޓިންޖެންޓްގެ މެޑިކަލް ކަންކަމުގައި އިސްކޮށް، އެތުލީޓުންނާ ގާތުން މަސައްކަތް ކުރި ރާފިއު އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި، ރާފިއު ވަނީ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެ ގޮތުން، 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖޭން ލޯ މެޑަލް ހޯދިއިރާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، ޓީމުގެ މެޑިކަލް ކަންކަމުގައި ތަފާތު މަސައްކަތެއް ކުރި އެވެ.
ރާއްޖޭގައި 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، އެ މުބާރާތަށް ތައްޔާރުވާން ގަތަރުގައި ޓީމުން ޓްރެއިނިން ކޭމްޕް ކުރިއަށްގެންދިޔައިރު، ޓީމުގެ ޑޮކްޓަރުގެ ޒިންމާގެ އިތުރުން، މެނޭޖަރުގެ ކަންކަން ވެސް ބެލެހެއްޓީ ރާފިއު އެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުޅިވަރުގެ ކަންކަމަށް ހާއްސަ ކެބިނެޓް މިނިސްޓަރެއް ހަމަޖައްސައި، އެ ޒިންމާ ހަވާލުކުރެއްވި ފަރާތަކަށް ރާފިއު ވެގެންދިއުމަކީ ކުޅިވަރު އާއިލާގެ ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބިގެންދިޔަ ކަމެކެވެ. ހާއްސަކޮށް، އެސޯސިއޭޝަންތަކުގެ އެކި ލެވަލްގެ ފަރާތްތަކާއި ކުޅިވަރު އެތުލީޓުންނާ ވަރަށް ވެސް ގާތުން މަސައްކަތް ކުރި ރާފިއު ފަދަ ފަރާތަކަށް ކުޅިވަރު މިހާރު އޮތް ހާލަތުން ދެން އޮތް ހަރުފަތަށް ދާން ކުރަން ޖެހޭނެ މަސައްކަތް ވަރަށް ރަނގަޅަށް އެނގޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.












