ރިޒޭގެ ހެޓްރިކާ އެކު ޔޫވީ އަތުން އީގަލްސް އަށް ބޮޑު މޮޅެއް

Nov 16, 2023, 5:00 PM
ދިވެހި ޕްރިމިއާ ލީގުގައި ގޯލު ޖެހުމަށްފަހު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހިމް މަހުދީ (އިއްބެ) އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިވެހި ޕްރިމިއާ ލީގުގައި ގޯލު ޖެހުމަށްފަހު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހިމް މަހުދީ (އިއްބެ) އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހަތްދިހަ ނުވަ ދުވަހުގެ މެދުކެނޑުކަމަށް ފަހު، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށި މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ކުލަބު އީގަލްސް އިން 8-1 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔޫވީ އަތުން އީގަލްސް މޮޅުވިއިރު، މެޗުގައި އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ހެޓްރިކެއް ހެދި އެވެ. މި ނަތިޖާއާ އެކު ލީގުގެ އެއް ވަނައިގައި އީގަލްސް އަށް ވަނީ ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ. އެއީ ދެ ވަނައިގައި އޮތް މާޒިޔާއަށްވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. އީގަލްސް އަށް 26 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އަށް ލިބިފައިވަނީ 22 ޕޮއިންޓެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އީގަލްސް އިން ފެށީވެސް ގޯލަކާ އެކުގަ އެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ރިޒުވާން މި ގޯލު ޖެހީ އަރިމަތިން އިސްމާއިލް އީސަ (މެސީ) ނަގައިދިން ހުރަހަކުންނެވެ. އީސަ ތިރިތިން ނެގި ބޯޅަ ދިފާއުކުރަން ކީޕަރު އިބްރާހިމް ފައިރޫޝް ފައިސަލް ނުކުތް ނަމަވެސް ރިޒޭ ވަނީ ކީޕަރުގެ ފައި މަތިން ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

އޭގެ މިނެޓަށް ފަހުން ނަތީޖާ ހަމަހަމަކުރަން ޔޫވީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ ކީޕަރު މުހައްމަދު ސިނާހުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު އެ ބޯޅަ ގޯލަށް ފޮނުވާލަން ލޫތު އިބްރާހިމް އަށް ފުރުސަތު ލިބުނެވެ. ލޫތު ފޮނުވާލި ބޯޅަ ޑިފެންޑަރު ހިސާމް ސަލީމްގެ ފައިގައި ޖެހިފައި ދިޔައީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

އީގަލްސްގެ ދެ ވަނަ ގޯލަކީ އެޓީމުން ނެގި ކޯނަރަކުން ލިބުނު ބޯޅައެއް އޭރިއާ ބޭރުގައި ހުރެ ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ބޯޅަ ރިޒޭގެ ފައިގައި ޖެހިފައި ގޯލަށް ގޮސް ވަތް ގޯލެކެވެ.

އެ ޓީމުގެ ތިން ވަނަ ގޯލު ރިޒޭ ޖެހުމުގެ ކުރިން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރެއިން ހުސްކޮށް އޭރިއާ ތެރެއަށް ރިިޒޭ ވަދެ ފޮނުވާލަން އުޅުނު ބޯޅަ ކީޕަރު ނިކުމެ ދިފާއުކުރިއިރު، ހުސްކޮށް ހުރެ އަހުމަދު ހަސަން (އައްމަޑޭ) ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ރިޒޭ ހެޓްރިކް ހެދީ ދެވަނަ ހާފުގެ ކުރީކޮޅުގަ އެވެ. މިއީ، އައްމަޑޭ ދިން ޕާހަކުން ހުސްކޮށްހުރެ ރިޒޭ ޖެހި ގޯލެކެވެ. އޭގެ ފަހުން ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށްވަދެ ފޮނުވާލި ހަމަލާ ކީޕަރު ފައިރޫޝް ދިފާއުކުރި އެވެ.

އީގަލްސްގެ ހަތަރު ވަނަ ގޯލަކީ ލިބުނު ކޯނަރެއްގައި ރިޒޭ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ އަރިމަތީ ކަނަށް ވައްދާލައިގެން އީސަ ޖެހި ގޯލެކެވެ. އޭގެ ފަސް މިނެޓު ފަހުން އެ ޓީމުގެ ފަސް ވަނަ ގޯލު ޖެހީ ލިބުނު ހިލޭ ޖެހުމަކުން މިލޮވާން ޕެޓްކޮވިޗެވެ. އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން ގޯލުގެ މަތީ ކަނަށް ވަނީ ކީޕަރު ބޯމަތިންނެވެ.

ބޮޑު ލީޑެއް ލިބުމާ އެކު އީގަލްސް އިން ޓީމްގެ މެދުތެރެއަށް ބަދަލުތަކެއް ގެނަ އެވެ. މާގިނަ އިރުތަކެއް ނުވެ އެ ޓީމުން ހަވަނަ ގޯލު ޖެހި އެވެ. މި ގޯލު ޖަހައިދިނީ އީގަލްސްގެ ޒުވާން ފޯވާޑް އަބްދުﷲ ޒުހާން ހަސަން މުހައްމަދު އެވެ. މިއީ ޒުހާން އީގަލްސް އަށް ރަސްމީ މެޗެއްގައި ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ 78 ވަނަ މިނެޓުގައި އީގަލްސްގެ ހަތް ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޒައިން ޒަފަރު އެވެ. އޭގެ މިނެޓެއް ފަހުން ޔޫވީ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހި އެވެ. މިއީ ލޫތު ދިން ބޯޅައަކަށް ކުރިއަށް އަރައި ޝަނާން ރަޝާދު ޖަހައިދިން ގޯލެވެ. މުޅި މެޗުގައިވެސް ގޯލެއް ޖަހަން ޝަނާން އަށް ލިބުނީ މި ފުރުސަތު އެކަންޏެވެ.

އީގަލްސްގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. ރިޒޭ އަށް އަރިމަތިން ލިބުނު ބޯޅައާ އެކު އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ނަގައިދިން ހުރަސް ފޭދޫ އިއްބެ ގޯލަށް ވައްދާލީ ހުސްކޮށް ހުރެ އެވެ.

ކުރިން ރާވާފައި އޮތް ގޮތުން މިރޭ ލީގުގައި މާޒިޔާ އާއި ވެލެންސިޔާ ވާދަކުރާނެ އެވެ. ނަމަވެސް ވެލެންސިއާ އިން ލީގުގެ ބާކީ ބައި ނުކުޅެ ލީގުން ވަކިވާން ނިންމުމުން މިރޭގެ މެޗު ނުކުޅޭނެ އެވެ. ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އާދިއްތަ ދުވަހުގެ ހަވީރު ކުލަބު އީގަލްސް އިން ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox