އަންނަ ޖެނުއަރީ މަހު ޓައިވާނުގައި ބާއްވާ އާންމު އިންތިހާބަށް މައި އިދިކޮޅު ދެ ޕާޓީން ކޯލިޝަން ހަދައިފި އެވެ.
ކޭއެމްޓީ ޕާޓީ އާއި ޓައިވާން ޕީޕަލްސް ޕާޓީއިން ޖެނުއަރީ 13 ގައި ބާއްވާ އިންތިހާބަށް އެކުގައި ނުކުންނަން ނިންމުމާ އެކު މިއީ ޓައިވާނުގެ ސިޔާސީ މަޝްރަހަށް ބޮޑު ލޮޅުމެއް އައިސްދާނެ ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ.
މި ނިންމުން ނިންމީ ހިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާތަކަށް ބެލުމަށް ފަހު ކަމަށް އެ ޕާޓީތަކުން ވަނީ ބުނެފަ އެވެ. ކޯލިޝަނާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާ ނުކުރެ އެވެ.
ވެރިކަން ކުރާ ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓަށް ވުރެ މި ދެ ޕާޓީގެ ކެންޑިޑޭޓުން އުޅެނީ މާ ފަހަތުގައި ކަމަށް އެ ޕޯލްތަކުން ދައްކަ އެވެ. އިދިކޮޅު ދެ ޕާޓީން ކޯލިޝަން ހެދުމާ އެކު އަނެއްކާ ވެސް ވެރިކަން ފުރޮޅޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.







