12 އަހަރުގެ އަލްސާ: ޓީޓީގެ ކުރިމަގާ ގުޅިފައިވާ އުއްމީދީ ތަރިއެއް

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި އަލްސާ ކުޅެނީ، އޭނާ ވަނީ އެ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައި - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި އަލްސާ ކުޅެނީ، އޭނާ ވަނީ އެ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައި - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ބޭބެއާ އެކު ޓޭބަލް ޓެނިސް ހޯލަށް އުމުރުން އެންމެ ނުވަ އަހަރުގައި އަލްސާ ވަނީ މި ކުޅިވަރުން ކުޅުމަށް މާ ބޮޑު ޝައުގުވެރިކަމެއް ހުރެގެނެއް ނޫނެވެ. ނަމަވެސް ޓޭބަލް ޓެނިސް ތަޖުރިބާ ކޮށްލަން އެ ދުވަހު އޭނާ އަށް ލިބުނު ފުރުސަތަކީ މި ކުޅިވަރުގައި ކުރިއަށްދާން އޭނާ އަށް މަގުކޮށައިދިން ދޮރަކަށްވި އެވެ.

އޭގެ ފަހުން, ފަސްބެލުމެއް ނެތި އަލްސާ އައީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުންނެވެ. ބުރަ މަސައްކަތާއި، ގަދަ ހިތްވަރުން އޭނާ އަންނަނީ ޅަ އުމުރުގައިވެސް ޓޭބަލް ޓެނިހުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީ އުއްމީދީ ނަތީޖާތަކެއް ނެރެމުންނެވެ.

އޭނާގެ ކުރިއެރުން ވަޒަންކޮށްލަން މިދިޔަ ދެ އަހަރުގެ މުބާރާތްތަކުގެ ނަތީޖާތައް ފުދެ އެވެ. އެ ގޮތުން، 2022 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ 13 އަހަރުން ދަށުގެ ސެމި ފައިނަލުން ބަލިވި އަލްސާ އަކީ ދާދި ފަހުން ނިމުނު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަނެވެ. މި އަހަރުގެ އެސޯސިއެޝަން ކަޕާއި، އިންޓަ ސްކޫލް މުބާރާތުގެ ވެސް 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އަލްސާ އެވެ.

އަލްސާ ހޯދަމުން އަންނަ ނަތީޖާތަކާ މެދު އޭނާގެ މިހާރުގެ ކޯޗު ހުސައިން ރަޝީދު ހައިރާނެއް ނުވެ އެވެ. ޕްރެކްޓިސްގައި ކުރާ މަސައްކަތާއި، މޮޅުވާން އަލްސާ ބޭނުންވާ މިންވަރަކީ ހުސައިން ގަބޫލުކުރާ ގޮތުގައި އަލްސާގެ އެންމެ ފާހަގަކޮށްލެވޭ ސިފަތަކެވެ.

"އަބަދުވެސް ގިވްއަޕް ނުކޮށް ކުޅޭ އެޓިޓިއުޑެއް ހުންނަ ކުއްޖެއް އަލްސާ އަކީ. ކިތަންމެ ޓަފްކޮށް ޕްރެކްޓިސް ދިޔަޔަސް ޝަކުވާއެއް ނުކުރާނެ. ނުވާނެއޭ ނުބުނާނެ. އަނެއްކާ ޕްރެކްޓިސްތައް އެއްވެސް ވަރަކަށް މިސްވިޔަ ނުދީ އަމިއްލަ އަށް ތައްޔާރުވެގެން އަންނާނެ. ވާރޭ ވެހުނަސް ހަމަ ގަޑިއަށް އަބަދުވެސް އަލްސާ އައިސް ހުންނާނެ" އަލްސާގެ ޕާސަނަލް ކޯޗެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ހުސައިން ބުންޏެވެ.

އަލްސާގެ މަންމަ ޝަހުމާ ހަސަން މަނިކު ބުނާ ގޮތުން ސްކޫލް ދުވަހެއް ވިޔަސް ޗުއްޓީ ދުވަހެއް ވިޔަސް އަލްސާ އެންމެ ބޮޑަށް ތައްޔާރުވާ އެއް ވަގުތަކީ ޓީޓީ ޕްރެކްޓިސް އޮންނަ ގަޑި އެވެ. ޕްރެކްޓިހަށް ދިޔުމަށް އަލްސާ އަމިއްލަ އަށް ކިޔެވުމުގެ ކަންކަން ނިންމައި ތައްޔާރުވާނެ އެވެ. ޕްރެކްޓިސް އަށް ގެންގޮސްދިނުމަށް ހަނދާންކޮށްދީ ރަނގަޅަށް ތާއްޔާރުވާނެ އެވެ.

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި އަލްސާ ކުޅެނީ - ފޮޓޯ: އަދަދު
ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި އަލްސާ ކުޅެނީ - ފޮޓޯ: އަދަދު

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި އަލްސާ ކުޅެނީ - ފޮޓޯ: އަދަދު

"އަސްލު އަލްސާގެ އަމިއްލަ މަސައްކަތް މިއީ. އަމިއްލަ އަށް ހަމަ މިކަން ކުރަން އަލްސާ ބޭނުންވާކަން ފެންނާނެ. ސްކޫލް ދުވަހެއް ވިއްޔާ ވަރަށް ހަމަ ޓައިޓް ޝެޑިއުލްއެއް އޮންނާނީ. ވަގުތު ވަރަށް ނުލިބޭނެ އެހެންކަންކަން ކުރަން. އެކަމަކު، އެއްވެސް ދުވަހަކު ވަރުބަލިވެެގެން ނޫޅޭނެ. ޕްރެކްޓިސް އޮންނަ ގަޑިއަށްދާން އަމިއްލަ އަށް ތައްޔާރުވާނެ. އެއްވެސް ކަމެއްގައި އަޅުގަނޑުމެން އަލްސާ ގާތު ބުނާކަށް ނުޖެހޭނެ. އިސްނަގައިގެން ހުރިހާ ކަމެއްވެސް ކުރާނީ" އަލްސާގެ މަންމަ ބުންޏެވެ.

ސްކޫލްތަކުގައި އުޅޭ ކުދިންނަކީ އާންމުކޮށް ގިނަ ކުޅިވަރުތަކެއް ތަޖުރިބާކުރާ ކުދިންނެވެ. ގިނަ ކުދިން ވަކި ކުޅިވަރަކަށް ހާއްސަވެ އެ ކުޅިވަރެއްގައި ކުރިއަށްދާން ނިންމަނީ ސާނަވީ ނުވަތަ މަތީ ސާނަވީއާ ހިސާބުންނެވެ. ނަމަވެސް އަލްސާގެ ފޯކަސް އެހެން ކުޅިވަރަކަށް ބަދަލުކުރަން އޭނާ ބޭނުމެއް ނުވެ އެވެ. ޓޭބަލް ޓެނިސް ނޫން އެހެން ކުޅިވަރެއް ކުޅުމުގެ ޝައުގެއް އޭނާގެ ނެތެވެ.

އަލްސާ ވަނީ ޒުވާން އުމުރުގައި ދެ މުބާރާތެއްގައި ގައުމީ ޓީމް ތަމްސީލްކޮށްފަ އެވެ. އެއީ މިދިޔަ މެއި މަހު އިންޑިއާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕާއި ތައިލެންޑުގައި ކުރިއަށްދިޔަ ޑަބްލިއުޓީޓީ ޔޫތު ކޮންޓެންޑާ މުބާރާތެވެ.

އޭނާގެ ކެރިއަރުގެ ފުރަތަމަ ބައިނަލްއަގްވާމީ މެޗަކީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕުގެ ޖޫނިއާ ބައިގެ ޑަބަލްސް އިވެންޓުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗެވެ. މި މެޗުގައި އަލްސާގެ ޑަބަލްސް ޕާޓްނަރަކަށް އޭނާއާ އެކު ކުޅުނީ ރާއްޖޭގެ ސީނިއާ އަންހެން ގައުމީ ޓީމްގައި ހިމެނޭ މިޝްކާ މުހައްމަދު އިބްރާހިމް އެވެ.

"އެ މެޗަށް އެރިއިރު އަލްސާ ހުރީ ކުޑަކޮށް ފިނިވެފައި. އަލަށް ކުޅޭއިރު އެންމެންނަށް ވެސް ހަމަ ޕްރެޝަރު އަންނާނެ. އަނެއްކޮޅުން މިޝްކާއާ އެކު މުޅިން އަލަށް އެ މެޗުގައި އަލްސާ ޑަބަލްސް ކުޅުނީ. އެހެންވީމަ ވެސް ކުޑަކޮށް ހުރި އާ ކަމެއް. އެކަމަކު، ވަރަށް ހިތްވަރުކުރި އަލްސާ. ބުނާ އެއްޗެހި އަޑު އަހައިގެން މަސައްކަތްކުރާ ކުޅުންތެރިއެއްގެ ގޮތުގައި އަލްސާ ފާހަގަވަނީ" މިޝްކާ ބުންޏެވެ.

2023 ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށްފަހު އަލްސާ އާއި މިޝްކާ އެކުގައި - ފޮޓޯ: އަދަދު
2023 ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށްފަހު އަލްސާ އާއި މިޝްކާ އެކުގައި - ފޮޓޯ: އަދަދު

2023 ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށްފަހު އަލްސާ އާއި މިޝްކާ އެކުގައި - ފޮޓޯ: އަދަދު

އަލްސާ ހޯދަމުން އަންނަ ކުރިއެރުން އެންމެ ފަހުން އޭނާ ދައްކާލީ މިދިޔަ ގައުމީ މުބާރާތުގަ އެވެ. ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ފުރަތަމަ ބުރުގައި ގައުމީ ސްކޮޑުގައި ހިމެނޭ މިންހާ މަހުޖޫބު ސުޖާއުއާ ދެކޮޅަށް އަލްސާ ކުޅުނު މެޗަކީ އޭނާގެ ކޯޗު ހުސައިން ގަބޫލުކުރާ ގޮތުގައި މިހާތަނަށް އަލްސާގެ އެންމެ ރަނގަޅަށް ކުޅުނު މެޗެވެ.

މި މެޗުގެ ފަހު ސެޓަށް ދިޔައިރު ދެ ކުޅުންތެރިން ވެސް އޮތީ ދެ ސެޓު ހޯދައި އެއްވަރުވެފަ އެވެ. ހޯލުގައި ތިބި ގިނަ ބަޔަކު ކުޑަ ކުޑަ އަލްސާ ދެއްކި ހިތްވަރު ފާހަގަކޮށް އޭނާއަށް ތަރުހީބު ދިނެވެ. މި މެޗުން އަލްސާ ބަލިވި ނަމަވެސް އޭނާ ދެއްކި ކުޅުމަކީ، އުއްމީދީ ކުޅުމެއްކަމަށް ކޯޗު ހުސައިން ފާހަގަކުރި އެވެ.

ހުސައިން ބުނީ އާންމުކޮށް ގިނަ ކުޅުންތެރިންނަށް ގޯހެއް ހެދުމާ އެކު އެކަމުގެ މާޔޫސްކަމުން އަރައިގަންނަން މެޗުގެ ތެރެއިން އުނދަގޫވާ ކަމަށެވެ. ނަމަވެސް އަލްސާގެ ފަރާތުން އެކަން ނުފެންނަކަން އޭނާ ފާހަގަކުރި އެވެ.

ކެރިއަރުގެ ކުރީކޮޅު އަލްސާއަށް ލިބުނު ކާމިޔާބީތަކުގައި އޭނާއަށް މިހާތަނަށް ކޯޗުކަންކޮށްދިން ހުރިހާ ކޯޗުންގެ ހިއްސާވެސް އޭނާ ފާހަގަކުރެ އެވެ.

"ވައިޑީޕީ ކޯޗުންތަކުން ފެށިގެން ހުސައިން ކޯޗާ ހަމައަށް ވަރަށް ގިނަ ކޯޗުން ހެލްޕްވެއްޖެ. މުންތިފް ކޯޗު، ޒީސްތު ކޯޗު، މައިޒަރު ކޯޗު، އިހާ އެކަޑަމީގެ މާކޯކޯޗާއި އިއްބެކޯޗު، މިހެން ގޮސް ބައިވަރު ކޯޗުން ހަމަ ހެލްޕްވި. ދެން މިހާރު ހުސައިން ކޯޗު ކުރާ މަސައްކަތް ފާހަގަކުރަން. ހުރިހާ އެންމެންވެސް ވަރަށް ހިތްވަރުދޭ ކުރިއަށްދާން" އަލްސާ ބުންޏެވެ.

އަލްސާގެ އެންމެ ބޮޑު ހުވަފެނަކީ ސީނިއާ ގައުމީ ޓީމުގައި ހިމެނި ބައިނަލްއަގްވާމީ މުބާރާތެއްގައި ކުޅުމެވެ. އަދި ރާއްޖެ އަށް ގިނަ މެޑަލްތަކެއް ހޯދައިދީ، ރީތި ނަން ގައުމަށް ހޯދައިދިނުމެވެ.

"އަލްސާގެ ވިސްނުން ހުރީ ލޯކަލް މުބާރާތުން ވަނަ ހޯދުމަށް ވުރެ ދުރުގައި. މިހާރު އެވަރުގެ ވިސްނުމެއް ހުރީމަ ކަންނޭނގެ އެ ތަފާތު ފެންނަނީ ވެސް" މުސްތަގުބަލާ މެދު ކުރެވޭ އުންމީދުތައް ހިއްސާކުރަމުން ހުސެއިން ބުންޏެވެ.

ކުޑަ ދުވަސްކޮޅެއްގައި ރާއްޖޭގެ ޓީޓީ އިން އުއްމީދީ އާ ތަރިއެއް ފެނިގެންދިޔައީ އެވެ. އަލިގަދަ ވިދުވަރެއްހެން އޭނާ އަންނަނީ މުބާރާތްތަކުގައި ކާމިޔާބީ ހޯދަމުންނެވެ. ވިދާ ބަބުޅަމުން އެ އަންނަނީ ރާއްޖޭގެ ކުޅިވަރުގެ އާ ތަރިއެއްކަން ޔަގީންވާ ހުރިހާ ކަމެއް އެބަ ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox