ކޮލޮމްބޯ (13 ނޮވެމްބަރު) - ސަރުކާރުގެ ނުފޫޒު ފޯރާފައިވާތީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ސްރީލަންކާގެ ކްރިކެޓް ބޯޑަށް ދީފައިވާ ސަސްޕެންޝަން އުވާލުމަށް ލަންކާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ކުސަލް މެންޑިސް އެދިއްޖެއެވެ.
އައިސީސީ އިން މިދިޔަ ހުކުރު ދުވަހު ސްރީލަންކާގެ ކްރިކެޓް ބޯޑު ސަސްޕެންޑްކުރީ ލަންކާގެ ސަރުކާރުން އެ ގައުމުގެ ކްރިކެޓް ބޯޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ގަބޫލްކުރެވޭތީއެވެ. ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ރޯޝަން ރަނަސިންގޭ ކްރިކެޓް ބޯޑުގެ މެމްބަރުންނަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، ލަންކާގެ ގާނޫން ހަދާ މަޖިލީހުން ވަނީ ކްރިކެޓް ބޯޑުގައި ހިމެނޭ ހުރިހާ މެމްބަރުން އިސްތިއުފާ ދިނުމަށް އަންގައިފައެވެ. އައިސީސީން ލަންކާގެ ކްރިކެޓް ބޯޑު ސަސްޕެންޑްކުރީ މި އެންގުމާ ގުޅިގެންނެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން މެންޑިސް ބުނީ މި ސަސްޕެންޝަންގެ ސަބަބުން ހުރިހާ ގެއްލުމެއް ކުރިމަތިވާނީ ކުޅުންތެރިންނަށް ކަމަށާއި ސަސްޕެންޝަން އުވާލުމަށް އެދޭ ކަމަށެވެ.
"މިއީ އަހަރަމެން ކާންބޯން ކުރާ މަސައްކަތް. ކަމެއް ނުކޮށް، ގޭގައި ތިބެން އަހަރަމެން ބޭނުމެއް ނޫން. އަހަރަމެން ބޭނުން ފަރިތަކުރުންތައް ކުރިއަށް ގެންދަން. ޓުއާތަކެއް ރޭވިފައި އެބަހުރި،" މެންޑިސް ބުންޏެެވެ. "ކުޅުންތެރިންނަށް ތި ހިނގާ ކަންތައްތައް ކޮންޓުރޯލެއް ނުކުރެވޭނެ. ކެޕްޓަންގެ ހައިސިއްޔަތުން އަހަރެން އުންމީދުކުރަނީ ސަސްޕެންޝަން ވީހާވެސް އަވަހަކަށް އުވާލާނެ ކަމަށް."
އައިސީސީން ލަންކާ ސަސްޕެންޑްކުރިއިރު، 19 އަހަރުން ދަށުގެ ވޯލްޑް ކަޕް ޖެނުއަރީ މަހު އެ ގައުމުގައި ބާއްވަން ވަނީ ޝެޑިއުލްކޮށްފައެވެ. ސަސްޕެންޝަންގެ ތެރެއިން އެ މުބާރާތް ބޭއްވޭނަކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.
ލަންކާާގެ ކްރިކެޓް ބޯޑަށް ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުވީ މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އެ ގައުމަށް ލިބުނު ނާކާމިޔާބާ ގުޅިގެންނެވެ -- އޭއެފްޕީ













