ބާސެލޯނާ (ނޮވެމްބަރު 9) - ބާސެލޯނާ އަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ފައިސާ ހޯދުމުގެ ގޮތުން އެކުލަބުގެ ރަސްމީ ފުޓްބޯޅަ ދަނޑު ކޭމްޕް ނޯގެ ދަނޑުގެ ވިނަގަނޑުން މަސްނޫއީ އަލިމަސްތަކެއް ހަދައިގެން ވިއްކަން ފަށައިފި އެވެ.
2021 އިން ފެށިގެން ބާސެލޯނާ މާލީ ހާލަތު ދަށްވެ ކުލަބު އޮތީ އުނދަގޫ ފައްތަރެއްގަ އެވެ. އޭރު ޓީމްގައި ތިބި މުހިންމު ކުޅުންތެރިންގެ މުސާރަ ކުޑަކުޑަކުރަންޖެހުމާއިއެކު، ގިނަ ކުޅުންތެރިންތަކެއް ކުލަބު ދޫކޮށްލި އެވެ. އޭގެ ތެރޭގައި އެކުލަބުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ލިއޮނަލް މެސީވެސް ހިމެނެ އެވެ.
ކުލަބުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ފައިސާ ހޯދުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއްދިނީ ކުލަބުގެ އާމްދަނީ އިތުރުކުރުމެވެ. މިގޮތުން ޖާޒީ ވިއްކައިގެންނާއި، ޓީވީ ރައިޓްސް އަދި ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީގެ އިތުރުން ކުލަބުގެ މުދާތައް ކުއްޔަށްދޫކޮށްގެންވެސް ބާސެލޯނާ އިން އަންނަނީ ފައިސާ ހޯދަމުންނެވެ.
ބާސެލޯނާގެ ރަސްމީ ދަނޑުކަމަށްވާ ކޭމްޕް ނޯވެސް މަރާމާތުކުރަން ފަށާފައިވާއިރު، ކޭމްޕް ނޯގައި ހުރި އެކި އެއްޗެހި ވިއްކައިގެން އާމްދަނީ އަންނަނީ ހޯދަމުންނެވެ. މިގޮތުން ގޯލުގެ ދާގަނޑާއި ދަނޑުގައި ހުރި ފާހަގަކޮށްލެވޭ ބައެއް ސާމާނުތައްވެސްވަނީ ވިއްކާލާފަ އެވެ.
އެންމެ ފަހުން ބާޒާރަށް ނެރުނު އެންމެ އާދަޔާ ހިލާފު އުފެއްދުމަކީ ބާސެލޯނާގެ ކޭމްޕް ނޯގައި ވިނަގަނޑުން ހަދާފައިވާ މަސްނޫއީ އަލިމަސް ތަކެކެވެ.
އެ އަލިމަސް ވިނަގަނޑުގެ ކާބަންތައް ނެގުމަށްފަހު، ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ކާބަންތައް ހަރުކޮށްގެން ހަދާފައިވާ ތިމާވެއްޓާ ރައްޓެހި ޖަވާހިރު ތަކެކެވެ. ކޮންމެ އަލިމަހަކާ އެކު އެއާ ގުޅޭ ތަފްސީލްތައް ހިމެނޭ ސެޓްފިކެޓެއްވެސް ލިބޭނެ އެވެ. މާކެޓުގައި އެ އަލިމަސް ތަކުގެ އަގު އުޅެނީ 2،500 ޔޫރޯ އިން 15،000 ޔޫރޯއާ ދެމެދުގަ އެވެ.
ޖަވާހިރުތަކުގެ އިތުރުން ބާސެލޯނާ އިން އަންނަނީ ކޭމްޕް ނޯގެ ވިނަގަނޑުގެ އެކި ބައިތަކުން އެކި އުފެއްދުންތައް ހަދައި ވިއްކަމުންނެވެ. އޭގެ ތެރޭގައި ކީޓެގްތަކާއި، މޭޒުމަތީ ބަހައްޓާ ބަރުތައް ކަހަލަ އުފެއްދުންތައް ހިމެނެ އެވެ.
ބާސެލޯނާގެ ކޭމްޕް ނޯގެ މަރާމަތުގެ މަސައްކަތްކުރިއަށްދާތީ އެކުލަބުގެ ހޯމް މެޗުތައް މިހާރު ކުޅެމުން އަންނަނީ ބާސެލޯނާގައި ހުންނަ މޮންޓުއިކް އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. މިއީ 1992 ވަނަ އަހަރު ސްޕެއިންގައި ބޭއްވި އޮލިމްޕިކްސްގެ ހަރަކާތްތަކަށް ބޭނުންކުރި މައި ސްޓޭޑިއަމް އެވެ.












