ހުލާސާކޮށް އިއްޔެ: މަޖިލީހުގައި އެޅުވި މަރުތަޅު ނެއްޓުން!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެމްބަރުން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެމްބަރުން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިޔަށް ނުގެންގޮސްގެން, އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ނިންމައި ކުރި ހުކުމުން އެ މަރުތަޅު ނެއްޓުނެވެ. އަދި ނަޝީދު ވަކިކުރަން ހުށަހަަޅާފައިވާ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނަމުން އައި ނަމަވެސް އެގޮތަށް އެކަން ނުވާނެ ކަމަށް ވެސް ހުކުމުން ކަނޑައެޅި އެވެ.

އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ހުއްޓިފައި އޮތީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އަމީން އާންމު ފާތިމަތު ނިއުޝާ މާނަކުރި ގޮތުންނެވެ.

އެ މާއްދާގެ ބ. ގައި ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

Advertisement

މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ވެސް، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ މެމްބަރަކު ރިޔާސަތު ބަލަހައްޓާ ގޮތަށް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިޔަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމުގެ އިތުރުން އެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އެހެން މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

ނަޝީދުގެ މައްސަލަ އެޖެންޑާކުރި އެއްވެސް ޖަލްސާއަކަށް އީވާގެ ގާނޫނީ ވާޖިބު އަދާކުރެއްވުމަށް ހާޒިރުވެ ވަޑައިނުގަތެވެ. ފުރަތަމަ ދެއްކެވީ ޑެންގޫ ޖެހުމުގެ އުޒުރެވެ. ދެން ދެއްކެވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައި އޮތުމުގެ އުޒުރެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސަށް ކަމަށް ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމް ކަނޑައެޅި އެވެ.

ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އެހެން މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދޭން އެމްޑީޕީން އެދުނު ނަމަވެސް، ސުޕްރީމް ކޯޓުން ނިންމީ ގާނޫނު އަސާސީން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

އެގޮތަށް ހުކުމުގައި ކަނޑައެޅުމުން އާ ރައީސް ހުވާކުރުމާއި، އަންނަ އަހަރުގެ ބަޖެޓާއި އާ ވަޒީރުންގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ އެވެ.

މުހިންމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox