ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައި ގަރާރުގެ މައްސަލަ އެޖެންޑާކޮށް، އަންނަ އާދީއްތަ ދުވަހު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ނަޝީދު އިތުބާރު ނެތްކަމުގެ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވޭތީ، މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށަހެޅި މައްސަލާގައި، ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ އެމްޑީޕީއާ އެއްކޮޅަށެވެ. އެއާ އެކު މަޖިލިސް އިދާރާއިން ވަނީ އަންނަ އާދީއްތަ ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށް ބުނެފަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ. ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ވަނީ ނައިބު ރައީސް އީވާ ހާޒިރުވެވަޑައިނުގަންނަވާތީ އެވެ.
ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމި ކަންތައް:
ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސޯސުގައި ހިމެނޭ މައްސަލައެއް
- މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު، ނައިބު ރައީސް ނެތަސް ގެންދެވޭނެ
- ރިޔާސަތު ބެލެހެއްޓޭ މެންބަރުންގެ މާއްދާއަކީ ކޮންމެ ހާލަތަކު ވެސް ހިނގާނެ މާއްދާއެއް
- މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު އޮތުމުން ނުގެންދެވެނީ ބަހުސްއާއި ކަމެއް ފާސްކުރުން
- މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ގެންދަން ޖެހޭނެ
އެމްޑީޕީން ދެކެނީ ނައިބު ރައީސް ފިޔަވައި އެހެން މެންބަރަކަށް ވެސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. އެމްޑީޕީން ހަވާލާދެނީ ގަވާއިދުގެ 44 ވަނަ މާއްދާއަށެވެ. އޭގައި، މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ރިޔާސަތު ނުބެލެހެއްޓެވޭނަމަ، ބަލަހައްޓާނެ ފަސް މެންބަރަކު ކަނޑަައަޅަން ޖެހޭ ކަމަށް އޮވެ އެވެ.

އެމްޑީޕީން އެދިފައިވަނީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށް ޖަލްސާތައް ނުގެންގޮސްފައިވަނީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.
މި މައްސަލައަށް ޑިމޮކްރެޓްސްއާއި ޕީޕީއެމް/ޕީއެންސީން ވަނީ ތަދައްހުލުވެފަ އެވެ.
ޑިމޮކްރެޓްސްއަކީ، މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ ނިސްބަތްވާ ޕާޓީ އެވެ. އަދި އެއީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެވެ.














