މުމްބާއީ (7 ނޮވެމްބަރު) - ނުބައިނުވެ އޮސްޓްރޭލިއާގެ ގްލެން މެކްސްވެލް ހެދި 201 ލަނޑާއެކު އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ރޭ އަފްގާނިސްތާން އަތުން ތިން ވިކެޓުން މޮޅުވެ، އޮސްޓްރޭލިއާ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ނުބައިނުވެ މެކްސްވެލް 201 ލަނޑު ހެދިއިރު، މެޗުގައި އޭނާ ދެއްކީ ތަފާތު ހިތްވަރެކެވެ. އަނިޔާގެ މައްސަލައަކާއި، އަކުނުވިޔަށް ދަމައިގަނެ އެތައް ފަހަރަކު ފަރުވާ ހޯދި ނަމަވެސް، އޭނާ ހިތްވަރުކޮށް، ދަނޑު މަތީގައި މަޑުކުރިއެވެ. އަކުނުވިޔަށް ދަމައިގަންނާތީ ދުވަން އުނދަގޫވިޔަސް ޕެޓް ކަމިންގްސްއާއެކު ހެދި ޕާޓްނަޝިޕްގައި މެކްސްވެލް ކުޅުނީ އިތުބާރާއެކުއެވެ.
މި މެޗުގައި ފުރަތަމަ ކުޅެން އަރައި އަފްގާނިސްތާނުން 50 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 291 ލަނޑު ހެދިއެވެ. މި އިނިންސްގައި އަފްގާނިސްތާންގެ އިބްރާހިމް ޒަދުރާން ވަނީ 129 ލަނޑު ހަދައިފަ އެވެ. މިއީ ވޯލްޑް ކަޕެއްގައި އަފްގާނިސްތާންގެ ކުޅުންތެރިއެއް 100 ލަނޑު ހެދި ފުރަތަމަ ފަހަރެވެ.
އޮސްޓްރޭލިއާ އިން ކުޅެން އަރައި، 91 ލަނޑަށް ހަތް ކުޅުންތެރިން ނުބައިވުމާއެކު، އަފްގާނިސްތާން ކޮޅަށް މެޗު އޮތީ ވަރަށް ބޮޑަށް ބުރަވެފައެވެ. އެކަމަކު މެކްސްވެލް ކުޅެންއަރައި، އެ ޓީމުގެ އުންމީދު އާކޮށްދިނެވެ. މެކްސްވެލް 128 ބޯޅައިން 201 ލަނޑު ހެދި 21 ފަހަރު ހަތަރަަކަށް އަދި 10 ފަހަރު ހަޔަކަށް ބޯޅަ ޖެހި އެވެ. މެކްސްވެލް އަކީ ވޯލްޑް ކަޕެއްގައި 200 ލަނޑު ހެދި ތިން ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ވޯލްޑް ކަޕެއްގައި 200 ލަނޑު ހެދީ ވެސްޓް އިންޑީސްގެ ކްރިސް ގޭލް އާއި ނިއު ޒީލެންޑްގެ މާޓިން ގަޕްޓިލް އެވެ.
އިންޑިއާގައި ކުރިއަށްްދާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ޖާގަ މިހާރު ކަށަވަރުކޮށްފައިވާ ތިން ޓީމަކީ އޮސްޓްރޭލިއާގެ އިތުރުން އިންޑިއާ އަދި ދެކުނު އެފްރިކާއެވެ. ސެމީގެ ފަހު ޖާގަ އަށް މިހާރު ވާދަކުރަނީ ނިއު ޒީލެންޑް، ޕާކިސްތާން އަދި އަފްގާނިސްތާނެވެ. މި ތިން ޓީމު ވެސް އޮތީ 8 ޕޮއިންޓާއެކު އެވެ.












