މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 10 އާ ހަމައަށް ދުބާއީގައި ބާއްވާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގެންފި އެވެ.
އިންވެސްޓަރުން އިންވެސްޓުކުރާ ގައުމުތަކުން ރެޒިޑެންސީ ދިނުމާ ގުޅޭ ގޮތުން ބާއްވާ މި ކޮންފަރެންސަކީ ލަންޑަނުގައި ބޭސްވެފައިވާ ހެންލީ އެންޑް ޕާޓްނާސް ކޮންސަލްޓަންސީއިން ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރައްޔިތު މީހާއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ. އޭގެ އިތުރުން, އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ގައުމުތަކުގެ ތަރައްގީގައި ޓެކްނޮލޮޖީގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.
ނަޝީދުގެ އިތުރުން މި ކޮންފަރެންސްގައި ގްރެނަޑާގެ ރައީސް ޑިކޮން މިޗެލް ވެސް ތަގުރީރު ކުރައްވާނެ އެވެ. އަދި, ދުނިޔޭގެ ގައުމުތަކުގެ ވެރިކަން ކުރެއްވި އެހެން ބައެއް ބޭފުޅުން ވެސް ތަގުރީރު ކުރައްވާނެ އެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ނޮވެމްބަރުގަ އެވެ.

އެމަނިކުފާނު ރާއްޖޭން ބޭރަށް ވަޑައިގަނެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ވަކިކުރުމަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. އެމަނިކުފާނު އެ މައްސަލަ އެކި ހުއްޖަތްތައް ދައްކަވައިގެން ހުއްޓުވާފައިވާއިރު އެ މައްސަލަ ކުރިއަށްދިޔުމާ ގުޅޭގޮތުން ދެން ގޮތް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.














