ހުޅަނގު ކެމަރޫންގައި ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ގްރޫޕުތަކަކުން ދިން ހަމަލާތަކެއްގައި 20 މީހުން މަރާލައިފި އެވެ.
މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން އަދި ފިރިހެނުން ވެސް މަރުވެފައިވާއިރު އިތުރު 10 މީހަކަށް އަނިޔާވެ ދަނީ ފަރުވާ ދެމުންނެވެ. މި ހަމަލާ ދީފައިވަނީ އެންމެން ނިދާފައި ތިބި ގަޑިއެއްގައި ކަމަށް ކެމަރޫންގެ އިދާރާތަކުން ބުނެ އެވެ.
އެމްބަޒޯނިއާގެ ނަމުގައި ހުޅަނގު ކެމަރޫންގައި ވަކި ދައުލަތެއް ގާއިމުކުރުމަށް ވަކިވެގަތުމަށް މަސައްކަތްކުރާ ގްރޫޕްތަކުން ބޭނުންވެ އެވެ. މި ހަމަލާގެ ޒިންމާ ވަކި ގްރޫޕަކުން ނަގާފައި ނުވެ އެވެ.
ހަތިޔާރު އެޅި މި ގްރޫޕްތަކުން ދަނީ 2017 އިން ފެށިގެން ސަރުކާރާ ދެކޮޅަށް އެކި ހަމަލާތައް ދެމުންނެވެ. މިފަދަ ހަމަލާތަކުގައި މިހާތަނަށް 6,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.







