ސެން ސެބަސްޓިއަން (ނޮވެމްބަރު 5) - މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑް އަރައުހޯ ޖަހައިދިން ގޯލުން ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ރޭގެ މޮޅާއިއެކު ބާސެލޯނާ އަށް 27 ޕޮއިންޓް ލިބިފައިވާއިރު އެޓީމް އޮތީ ލީގުގައި ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ 28 ޕޮއިންޓް ލިބިފައިއޮތް ރެއާލް މެޑްރިޑެވެ. އެއްވަނައިގައި އޮތީ ރޭ އޮސަސޫނާ އަތުން 4-2 އިން މޮޅުވި ޖިރޯނާ އެވެ. މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޖިރޯނާ އިން ވަނީ ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެފަ އެވެ.
ބާސެލޯނާ އާއި ސޮސިއެޑާޑް ވާދަކުރި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ސޮސިއެޑާޑުންނެވެ. އެޓީމްގެ ޓަކެފޫސާ ކޫބޯ އާއި މާޓިން ޒުބިމެންޑި ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ކީޕަރު މާކް އަންދްރޭ ޓަ ސްޓެގަން ދިފާއުކުރި އެވެ.
ބާސެލޯނާ އިން މެޗުގައި ޖެހި ގޯލުގެ ކުރިން، އެޓީމުން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ ގަވީ ފޮނުވާލި ބޯޅަ އެވެ. އޭރިއާ ތެރެއަށްވަދެ ގަވީ ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އެވެ.
މެޗުގެ ހަމައެކަނި ގޯލު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އަރައުހޯ ޖަހައިދިނީ ގުންޑޮގާން ނަގައިދިން ހުރަހަކުންނެވެ. އަރައުހޯ ގޯލު ބޯޅަ ގޯލަށް ވައްދާލުމާއިއެކު ފުރަތަމަ ރެފްރީ ނިންމީ އޭނާ އޮފްސައިޑްކަމަށެވެ. އެކަމަކު އޭގެ ފަހުން ވީއޭއާރު ބެލުމަށްފަހު އޭނާ އޮފްސައިޑް ނޫންކަމަށް ނިންމައި އެ ގޯލު ރަނގަޅުކަމަށް ނިންމީ އެވެ.
ސްޕެނިޝް ލަލީގާގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ރެއާލް މެޑްރިޑުން ނުކުންނާނީ ރަޔޯ ވަޔޮކާނޯއާ ދެކޮޅަށެވެ. ވިޔަރެއާލް އާއި އެތުލެޓިކް ބިލްބާއޯ ވާދަކުރާއިރު، ވެލެންސިއާ އިން ނުކުންނާނީ ގްރެނާޑާއާ ދެކޮޅަށެވެ.












