ބާސެލޯނާ (ނޮވެމްބަރު 4) - ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އަތުން ބަލިވި މެޗަށް ހަފްތާއެއް ވީއިރު ވެސް އެ ބަލި ހަޖަމްކުރަން އުނދަގޫކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ލަލީގާގެ އެންމެ ވާދަވެރި ދެ ޓީމް ކުޅުނު އެލް ކްލަސިކޯ ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 2-1 އިންނެވެ. މި މެޗުން ބާސެލޯނާ ބަލިވީ މެޗުގެ އިތުރު ވަގުތުގައި ޖޫޑް ބެލިންހަމް ވައްދާލި ގޯލުންނެވެ.
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ކުޅުނު މެޗަށް ހަފްތާއެއް ވީއިރުވެސް ބާސެލޯނާގެ ކޯޗު ޒަވީއަށް އެ ބަލިން އަރައިގަނެވޭ ގޮތެއް ނުވެ އެވެ. އޭނާ ބުނީ އެ މެޗަކީ އަދިވެސް ގަބޫލުކުރަން އުނދަގޫ ނަތީޖާއެއް ނުކުތް މެޗެއް ކަމަށެވެ.
ލަލީގާގައި މި ސީޒަންގައި ބަލިވި ފުރަތަމަ މެޗަށް އިޝާރާތްކޮށް ޒަވީ ބުނީ ރަނގަޅަށް ކުޅެ ގޯލު ޖަހާނެ ގިނަ ފުރުސަތު ހޯދި ނަމަވެސް ތިން ޕޮއިންޓް ނުލިބުމަކީ މާޔޫސްވާ ކަމެއްކަމަށެވެ. އެ މެޗުން ފިލާވަޅުތަކެއް ލިބިއްޖެކަމަށާއި، އެކަމުން އަރައިގަންނަން އުނދަގޫވެފައި ތިއްބަސް ކުރިއަށް ހުރި މެޗުތަކަށް ފޯކަސް ކުރުން މުހިންމު ކަމަށެވެ.
"އަހަރުމެން މި ތިބީ ރުޅިގަދަވެފައި، ހިތްހަމަނުޖެހިފައި. އަދިވެސް އެ ބަލިން އަރައިގަންނަން އުނދަގޫވެފައި މިތިބީ" ޒަވީ ބުންޏެވެ.
ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާ ނުކުންނާނީ ރެއާލް ސޮއިއެޑާޑާ ދެކޮޅަށެވެ.
މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އޮތުމާއިއެކު މި ސޮސިއެޑާޑު މެޗުން މޮޅުވުން މުހިންމުކަމަށް ޒަވީ ބުންޏެވެ.
އޭނާ ބުނީ ލީގަށް ވާދަކުރަން ބަލާއިރު ވާދަވެރި ޓީމްތަކާއި ދެމެދު އޮތް ފަރަގު ކުޑަވާން ޖެހޭކަމަށެވެ. އެއް ވަނައިގައި އުޅޭ ޓީމުން ހަދާ ގޯސްތަކުގެ ފައިދާ ނެގޭނީ އޭރުން ކަމަށްވެސް އޭނާ ބުންޏެވެ.












