ފްލޮރިޑާ (ނޮވެމްބަރު 1) - ދާދި ފަހުން ބެލޮންޑިއޯ އެވޯޑު ހޯދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކާމިޔާބީ އޭނާ ކުޅެމުން އަންނަ ކުލަބު އިންޓަ މިއާމީގެ ކުޅުންތެރިންވެސް ތާރީޚީ ކާމިޔާބީ، އިންޓަ މިއާމީގެ ކުޅުންތެރިން ފާހަގަކޮށްފި އެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލޮންޑިއޯ އެވޯޑު އަށްވަނަ ފަހަރަށް ހޯދީ މިދިޔަ ހޯމަ ދުވަހު އެވެ. މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އެވެ.
ބެލޮންޑިއޯ ހަފްލާއަށްފަހު މެސީ އެނބުރި މިއާމީ އަށް އައީ އަންގާރަ ދުވަހު އެވެ. ކުލަބަށް އެނބުރި އައުމާއިއެކު ޓީމްގެ ހުރިހާ ކުޅުންތެރިން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ކޯޗުންނާއި އޮފިޝަލުންގެ އިތުރުން ހުރިހާ ކުޅުންތެރިން ހިމެނޭހެން ވަނީ މެސީގެ މި އުފަލުގައި ބައިވެރިވެފަ އެވެ.
މެސީއަށް ލިބުނު ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރާނެކަމަށް އިންޓަ މިއާމީގެ އެއް ހިއްސާދާރު ޑޭވިޑް ބެކަމް ވަނީ ބުނެފަ އެވެ. ބެލޮންޑިއޯ ހަފްލާގައި މެސީއަށް އެވޯޑު ހަވާލުކޮށްދިނީވެސް ބެކަމް އެވެ.
ބެކަމް ބުނީ މެސީ އިންޓަ މިއާމީގައި ހުއްޓާ މިވަރުގެ ބޮޑު ކާމިޔާބީއެއް ލިބުމަކީ މުޅި ކުލަބަށް ލިބުނު ބޮޑު ޝަރަފެކެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ ހޯދާފައިވާ އަހަރުތަކަކީ 2009، 2010، 2011، 2012، 2015، 2019، 2021 އަދި 2023 އެވެ. މިއަހަރުގެ އެވޯޑު މެސީއަށް ލިބުމުގައި އެންމެ ބޮޑު އެހީއަކަށްވީ 2022ގެ ވޯލްޑް ކަޕް އޭނާ އާޖެންޓީނާއާއެކު ކާމިޔާބުކުރުމެވެ. ފީފާ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް މިދިޔަ އަހަރު ހޯދީ މެސީ އެވެ.












