ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާނުކޮށް މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން މަސައްކަތް ކުރުމުން އެމްޑީޕީގެ މެމްބަރުން ތަޅުމުގައި ހަޅުތާލުކޮށްފި އެވެ.
މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެކްސްގައި ކުރެއްވި ވީޑިއޯއަކުން ފެންނަ ގޮތުން އެމްޑީޕީ މެންބަރުން ވަނީ ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަކޮށް، ޖަލްސާ ކުރިއަށް ގެންދަން ހުރަސް އަޅަމުންނެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމްގައި ހުންނެވުމާ ގުޅިގެން މިއަދު ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ މާދަމާ އަށް ފަސްކޮށް، މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމެވެ. ނަމަވެސް ބަންޑާރަ ނައިބު ދެއްވި ލަފައާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ބަޖެޓު ހުށަހެޅުއްވުމަށް ޖަލްސާ އަށް ވަޑައިނުގަންނަވަ އެވެ.
އޭޖީގެ ލަފާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރަައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެެއްގެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މިއަދުގެ ޖަލްސާގެ އެޖެންޑާ ބަދަލުކޮށްދިނުމަށް އެދި އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ މަޖިލީހުގެ އިދާރާއަށް ސިޓީއެއްވެސް ފޮނުވި އެވެ.

މަޖިލީހުގެ އާމީންއާންމު ފާތިމަތު ނިޔުޝާއަށް އެޑްރެސްކުރައްވައި، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވާފައިވާ ސިޓީގައި ވަނީ މަޖިލީހުގެ ގަވާއިދު ބާރުއަޅަނީ މަޖިލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ހަމަވުމަށް ފަހު ދެން އެ މައްސަލަ ގެންދިޔުމަށެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް އެ މައްސަލަ މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި ނެތުމުން، އެޖެންޑާގައި ނުހިމެނި ސަބަބު ސާފުކޮށްދޭން ވެސް ސިޓީގައި އެދުނެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު އިއްޔެ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާނުކުރީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެ، އެ ގަރާރާ މެދު ގޮތް ނިންމުމުގެ ޖަލްސާ ބާއްވަން ޖެހޭ ފުރަތަމަ ދުވަހަކީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެހެން ނަމަވެސް އެ ޖަލްސާ އެ ދުވަހު ނުބާއްވަން މަޖިލީހުގެ އަމީންއަންމު ފާތިމަތު ނިއުޝާ ނިންމެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުންނެވެ.
އެގޮތަށް ނިންމެވުމުގައި ނިއުޝާ ހަވާލާ ދެއްވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) އަށެވެ.
titledesc
ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅާފައިވާތީ މިއަދުގެ ޖަލްސާ ކެންސަލް ކުރީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.












