މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ މައްސަލައިގައި އެމްޑީޕީން އެދެނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާ ކުރުމަށްފަހު ވެސް ކެންސަލް ކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައެޅުމަށް ކަން އެނގިއްޖެ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓުގައި އެދުމަށް ނިންމާފައިވަނީ އެ މައްސަލައަކީ ގައުމީ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވާތީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިދިނުމަށެވެ.
މިއަދުގެ ޖަލްސާ ކެންސަލް ކުރީ، މަޖިލީހުގެ ރައީސް ވަކި ކުރަން ހުށަހަޅާ ގަރާރު އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ އެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ބުނެފައިވާއިރު، އޭނާ މިއަދުގެ ޖަލްސާއަށް ސަލާމް ބުނުމުންނެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރުވާ މައްސަލައިގައި އެމްޑީޕީން އެދެނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ޖަލްސާ ބޭއްވޭނެ ކަމަށާއި އެ މާއްދާގެ ދަށުން ޖަލްސާ ނުބޭއްވީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑަައެޅުމަށެވެ.
ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އެ މަޖިލީހުގެ ރައީސް އުޒުރުވެރިވެއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކި ކުރަން ގަރާރެއް ހުށަހަޅާފައިވާ ނަމަ އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ މައްސަލައިގައި އެމްޑީޕީން އެދެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެސް އޮންނަ ކަމެކެވެ.
އޭގެ އިތުރުން އެ މައްސަލައިގައި ބުނެފައި ވަނީ، ނަޝީދު ވަކި ކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ރިޔާސަތުން ހުރަސްއަޅަމުންދާ ކަމަށާއި އެގޮތަށް ހުރަސްއަޅާ ނަމަ، މަޖިލީސް ޕެރެލައިޒްވާނެ ކަމަށެވެ.
"މިހާރު މަޖިލިސް އޮތް ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ، ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްފަހު. ނަމަވެސް، އެ މަސައްކަތް އެގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް ރިޔާސަތުން އިސްވެ ހުރެ ހުރަސްއަޅަމުންދާހާ ހިނދަކު، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވިދާނެ އެއްވެސް މަގެއް ނެތް. ނަތީޖާއަކަށް ވާނީ، ރައްޔިތުންގެ މަޖިލީހެއް ވުޖޫދުގައި އޮވެމެ، މަޖިލިސް ހުއްޓުމަކަށް އައުމާއި އެއްވެސް މަސައްކަތެއް ނުކުރެވޭނެ ގޮތަށް ބާރު ކެނޑުން،" އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާ ކެންސަލް ކުރުމުން، އެހެން މީހަކު ރިޔާސަތު ބަލަހައްޓާ ގޮތަށް ހަމަޖައްސައިގެން ނަމަވެސް ޖަލްސާ ކުރިއަށް ގެންދިޔުމަށް އެމްޑީޕީން މަޖިލީހުގެ އިދާރާއަށް ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އެކަމަށް އެއްބަސްވެވަޑައިނުގެންނެވި ކަމަށް އެމްޑީޕީން ބުންޏެވެ.
މަޖިލީހުގެ ރައީސް ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ބުނީ އެކަމަނާއަށް މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވީ ޑެންގޫ ހުމަށް ޕޮޒިޓިވްވެފައިވާތީ ކަމަށެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާއަށް ވެސް އީވާ ވަޑައެއްނުގަންނަވަ އެވެ.
ދަ ޑިމޮކްރެޓްސް އިން ބުނަނީ ނަޝީދު ވަކި ކުރުމުގެ ގަރާރު ދެ ވަނަ ފަހަރަށް ހުށަހެޅީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ ޖަލްސާ ބޭއްވިޔަނުދޭން މަސައްކަތް ކުރާނެ ކަމަށް ކުރިން ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބުނަނީ، ނަޝީދުގެ ވަކި ކުރުމުގެ ޖަލްސާ ނުބާއްވާ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އޭގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރުމަށް ބާއްވާ ޖަލްސާ ވެސް ހިމެނޭނެ ކަމަށެވެ. އިންތިހާބީ ރައީސް ހުވާ ކުރައްވަން ޖެހެނީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.












