ބާސެލޯނާ (އޮކްޓޯބަރު 29) - ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑު އަތުން ބާސެލޯނާ ބަލިވުން ހައްގު ނޫންކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ލަލީގާގެ އެންމެ ވާދަވެރި ދެ ޓީމް އިއްޔެ ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުން ރެއާލް މޮޅުވީ ބާސެލޯނާ އިން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަަރާ ދެ ގޯލު ޖަހައިގެންނެވެ.
މެޗުގައި ބާސެލޯނާއިން ގޯލު ޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ހޯދިއިރު، ރެއާލް މެޑްރިޑަށް ގޯލާ އަމާޒުކޮށް އޮން ޓާގެޓް ހަމަލާއެއްވެސް ފޮނުވާލެވުނީ މެޗުގެ ފަހު ހާފުގަ އެވެ. އެ ޓީމުން މެޗު އަނބުރާލީ މެޗުގެ ފަހު 30 މިނެޓުގައި އެޑުއާޑޯ ކަވަމިންގާ އާއި ލޫކަ މޮޑްރިޑް ކުޅެން އެރުވި ހިސާބުންނެވެ.
ރޭގެ މެޗަށްފަހު ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ފުރަތަަމަ 30 މިނެޓުގައި މެޗު ޑޮމިނޭޓްކޮށް ގިނަ ފުރުސަތުތަކެއް ބާސާއިން ހޯދި ކަމަށާއި، މެޗުން މޮޅުވާންވެސް ހައްގު ޓީމަކީ ބާސެލޯނާ ކަމަށެވެ. ފަހުކޮޅުގައި ބާސެލޯނާގެ ކުޅުން ދަށް ނުވާކަމަށާއި، ހަމައެކަނި ތަފާތަކަށްވީ ރެއާލް އިން ލިބުނު ދެ ފުރުސަތެއްގެ ބޭނުން ހިފުން ކަމަށް އޭނާ ބުންޏެވެ.
"ފަހަރުގައި އަހަރެން މިހެން ބުނީމަ ބައެއް މީހުންނަށް ގަބޫލުކުރަން އުނދަގޫވެދާނެ. އެކަމަކު ދެއްކި ކުޅުމަށް ބަލާއިރު އަހަރުމެން މޮޅުވުން ހައްގުވަނީ،" ޒަވީ ބުންޏެވެ.
ރޭގެ މެޗަކީ މި ސީޒަންގައި ބާސެލޯނާ ކުޅުނު 14 މެޗުގެ ތެރެއިން ބަލިވި ހަމައެކަނި މެޗެވެ. މި މެޗާ ހަމައަށް ބާސާ އަކީ ލަލީގާގައިވެސް ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ.
އަނެއްކޮޅުން އެ މެޗުން ބަލިވުމުން ބާސެލޯނާ އާއި ރެއާލްއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގުވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފަ އެވެ.
ލަލީގާގައި ބާސެލޯނާއަށް ކުރިއަށް އޮތީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ.












