ޓްރާންސްފާގެ ހިދުމަތް ބޭނުންކޮށްގެން ރާއްޖޭގައި ފައިސާގެ މުއާމަލާތް ހިންގާ މިންވަރު ފާއިތުވި ހަތަރު އަހަރުތެރޭ 25 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ތިން އަހަރުވެސް ރާއްޖެއިން އެންމެ ގިނަ މުއާމަލާތް ކޮށްފައިވަނީ ޓްރާންސްފާގެ ހިދުމަތް ބޭނުންކޮށްގެންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ޓްރާންސްފާ މެދުވެރިކޮށް ޖުމްލަ 88.86 މިލިއަން ޓްރާންސެކްޝަން ވަނީ ހިންގާފަ އެވެ. އެއީ މުޅި އަހަރު ހިންގާފައިވާ ޓްރާންސެކްޝަންތަކުގެ 60 ޕަސެންޓެވެ. އަދި ފައިސާގެ އަދަދުން ބަލާއިރު 563.1 ބިލިއަން ރުފިޔާ އެވެ.
ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފައިސާގެ މުއާމަލާތްތަކަށް ޓްރާންސްފާގެ ހިދުމަތް ބޭނުންކުރަމުން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މީގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ ކޮވިޑާއެކު އެޅި ރައްކާތެރި ފިޔަވަޅުތަކުގެ ތެރެއިން ވިޔަފާރިތަކުން އޮންލައިންކޮށް ޕޭމަންޓްތައް ހެދޭ ގޮތައް ބަދަލު ގެނައުމުވެ. އެއާއެކެ ޓްރާންސްފާގެ ހިދުމަތުގެ ފަސޭހަކަމާއި މަގުބޫލުކަން އަހަރެއް އަހަރަކަށް އިތުރުވެ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި ވިޔަފާރިތަކަށްވެސް ޓްރާންސްފާކޮށްލައިގެން ފައިސާ ދެއްކޭގޮތައް މިހާރު ވަނީ ބަދަލުވެފަ އެވެ.

މިދިޔަ ހަތަރު އަހަރު ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ހިންގާފައިވާ ގޮތުގެ ތަފާސް ހިސާބު--- އެމްއެމްއޭ
ނަންބަރުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ޓްރާންސްފާ މެދުވެރިކޮށް ހިންގާފައިވަނީ ޖުމްލަ 22.22 މިިލިއަން ޓްރާންސެކްޝަނެވެ. އެއީ އެ އަހަރު ހިންގި ފައިސާގެ މުއާމަލާތްތަކުގެ 35.5 ޕަސެންޓެވެ. އެންމެ ގިނަ ޓްރާންސެކްޝަންތައް އޭރު ހިންގަމުން އައީ ބޭންކު ކާޑު ބޭނުންކޮށްގެންނެވެ. ކާޑު ބޭނުންކޮށްގެން އެ އަހަރު ޖުމްލަ 27.53 މިލިއަން ޓްރާންސެކްޝަން ހިންގި އެވެ.
ނަމަވެސް ކޮވިޑާއެކު ވިޔަފާރިތަކުން ނަގުދު ފައިސާއާ ދޫކޮށް އޮންލައިން ޕޭމަންޓް ހިދުމަތްތަށް ބޭނުންކުރަން ފެށުމުން 2020 ވަނަ އަހަރު ޓްރާންސްފާގެ ހިދުމަތް ބޭނުންކުރި މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ޓްރާންސްފާކޮށްގެން 37 މިލިއަން ޓްރާންސެކްޝަން އެ އަހަރު ހިންގާފައިވާއިރު ކާޑު ބޭނުންކޮށްގެން އެ އަހަރު ހިންގި މުއާމަލާތްތަކުގެ އަދަދު 29.69 މިލިއަނަށް ދަށްވެފަ އެވެ. އަދި ޗެކާއި ނަގުދު ފައިސާއިން ހިންގި މުއާމަލާތްތަކުގެ އަދަދުވެސް އެއަހަރު ވަނީ ދަށްވެފަ އެވެ.
ކޮވިޑާއެކު މަގުބޫލުކަން ލިބުނު ޓްރާންސްފާގެ ހިދުމަތް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނައިރު އަދިވެސް ދެވަނަ އަށް އެންމެ ގިނައިން މުއާމަލާތްތައް ކުރަނީ ބޭންކު ކާޑު ބޭނުންކޮށްގެންނެވެ. އަދި ޗެކާއި ނަގުދު ފައިސާ ބޭނުންކޮށްގެން މުއާމަލާތްތައް ހިންގާ ވަރު އަހަރެއް އަހަަރަށް ދަނީ ދަށްވަމުންނެވެ. އެގޮތުން 2022 ވަނަ އަހަރު ތެރޭ ޗެކު ބޭނުންކޮށްގެން ހިންގާފައިވަނީ 69.2 މިލިއަން ރުފިޔާގެ މުއާމަލާތެވެ. އަދި ނަގުދު ފައިސާއިން ކޮށްފައިވަނީ 32 މިލިއަން ރުފިޔާގެ މުއާމަލާތެވެ.










