ރިޕޯޓުއައިއޭސީގެ މަސައްކަތްތަކާއި، ތުހުމަތުތައް އަދި ދިފާއު

އައިއޭސީގެ މަސައްކަތްތަކާއި، ތުހުމަތުތައް އަދި ދިފާއު

ފައިސާއަށް ހިޔާނަތްތެރިވާ ކަމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ދިވެހިން، އެކި ގައުމުތަކަށް އެހީގެ ގޮތުގައި ދޭ އެތައް މިލިއަން ފައިސާއަކަށް ހިޔާނާތްތެރިވާ ކަމަށް ކުރެވޭ ބޮޑު ތުހުމަތުތައް އެ ޖަމިއްޔާއިން ދޮގުކުރެ އެވެ.

އައިއޭސީގެ މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރު އަޒްހާދު އަހުމަދު "އަދަދު" އަށް އިންޓަވިއު ދެއްވަނީ : އޭނާ ވިދާޅުވީ ހިސާބު ނުބެލެހެއްޓޭ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އައިއޭސީގެ މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރު އަޒްހާދު އަހުމަދު "އަދަދު" އަށް އިންޓަވިއު ދެއްވަނީ : އޭނާ ވިދާޅުވީ ހިސާބު ނުބެލެހެއްޓޭ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ވާހަކަ އެވެ. އެހީގެ ގޮތުގައި ދޭ ފައިސާއިން ނަގާ 12.5 އިންސައްތައިގެ ހިސާބުތަކުގެ ވާހަކަ އެވެ.

އެ ފައިސާއަށް ހިޔާނަތްތެރިވާ ކަމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެކި ގައުމުތަކަށް އެހީގެ ގޮތުގައި ދިވެހިން ދޭ އެތައް މިލިއަން ފައިސާއަކަށް ހިޔާނާތްތެރިވާ ކަމަށް ކުރެވޭ ބޮޑު ތުހުމަތުތައް އެ ޖަމިއްޔާއިން ދޮގުކުރެ އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައިއޭސީގެ މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރު އަޒްހާދު އަހުމަދު ފާހަގަކުރެއްވީ 2016 ގައި އެ ޖަމާއަތަކުން މަސައްކަތް ފެށިފަހުން ހުރިހާ ހިސާބެއް ބަރާބަރަށް ބަލަހައްޓަމުންދާ ކަމަށެވެ. އެންމެ ރުފިޔާއެއްވެސް ހިސާބު ނުކުރެވި ނުވާނެ ކަމަށް ވިދާޅުވި އެވެ.

"މީގެ ހަތަރުމަސްވަރު ކުރިން އަޅުގަނޑުމެން މަޝްވަރާ ކުރެވިގެން އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން ހަގީގަތުގައި ދިވެހި ރައްޔިތުންނަށް ޖަވާބުދާރީ ވާން. މިކީ މީހެއްގެ ލާރިއެއް ނޫން ދިވެހި ރައްޔިތުންގެ ލާރި، އައިއޭސީއަކީ ދިވެހި ރައްޔިތުންގެ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީމުގެ ކުޑަކަމާއި މަސައްކަތުގެ ބުރަ ކަމުން ރޭވުނު ގޮތަށް އެކަން އަދި ކުރެވިފައި ނެތް ނަމަވެސް، ކައިރި މުސްތަގުބަލެއްގައި އެކަންކޮށް، ރައްޔިތުންނަށް ފައިސާގެ ހިސާބުތައް ފެންނާނެ ގޮތް ހަދައިދޭނެ ކަމަށެވެ.

އަށް އަހަރު ތެރޭ ބުރަ މަސައްކަތްތަކެއް

މިހާރު އައޭސީގެ ނަމުގައި މި ފެންނަ ޖަމާއަތް ފެށިގެންދިޔައީ 2016 ގަ އެވެ. ސީރިޔާގެ ހަނގުރާމާގައި ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިންނެވެ.

"އޭރު އުޅޭނެ އެހީ ޖަމްއިއްޔާ، [އެ ޖަމްއިއްޔާއިން] ރާއްޖޭގެ ނިކަމެތިންނަށް ވަރަށް އެހީވާނެ، ދެން އޭގެ ތެރޭގަ އުޅުނު ޒުވާން ކުދިންކޮޅެއް އިސްނަގައިގެން ނިންމީ ރާއްޖޭން ބޭރަށް އެހީ ވެވޭނެ ގޮތެއް ހަދަން، ދެން މަޝްވަރާތަކުގެ ތެރެއިން ބައިވަރު އެންޖީއޯތައް އެކުވެގެން ޔުނިޓީ ޕްލެޓްފޯމެއްގެ ގޮތުގަ އައިއޭސީ އުފެދުނީ،" އަޒްހާދު ވިދާޅުވި އެވެ.

އެގޮތުން 2016 ގައި ހިންގި އެންމެ ބޮޑު ހަރަކާތަކީ 'ހެލްޕް ސީރިއާ މޯލްޑިވްސް' ގެ ނަމުގައި ހިންގި ފަންޑް ރެއިޒިން އިވެންޓުތަކެވެ. ގިނަ ބަޔަކަށް އައިއޭސީގެ ބައެއް އޮފިޝަލުން އަދިވެސް އިނގެނީ ހެލްޕް ސީރިއާ މޯލްޑިވްސްގެ މީހުންގެ ގޮތުގަ އެވެ.

"ހަ މަސްދުވަހުގެ މަސައްކަތުން އައިއޭސީ ބޮޑުވެގެންދިޔައީ، ރަށްރަށުން [އެހީގެ] ތަކެތި ނެގީ، ތަކެތި ގެނެސް އެއްކޮށް، ދެން އަޅުގަނޑުމެން ފުރަތަމަ ފެށިއިރު ވަރަށް ސްޓަރަގަލްގައި އުޅުނީ. ތަނެއް ނެތް،"

އޭރުގެ ހާލަތުގައި އައިއޭސީގެ ޓީމުން ދިޔައީ އެކި ރަށްރަށުން ގެންނަ ތަކެތި ހުރި ފޮށިގަނޑުތައް ބަހައްޓާނެ ތަންތަން ހޯދަން "އާދޭސްކޮށް" އެ ފޮށިތައް ކަނޑާ ތަކެތި ސޯޓުކުރަމުންނެވެ. އޭގެ ތެރެއިން ސީރިއާއަށް ފޮނުވީ ކިރިޔާވެސް ރަނގަޅު ހާލުގައި ހުރި ތަންތަނެވެ. މިހާރު އައިއޭސީގެ ބޯޑުގައި ތިބި މެންބަރުން އޭރު މަސައްކަތް ކުރީ މެންބަރުންގެ ގޮތުގަ އެވެ.

"ހެދުނު ގުދަނަކަށް މުދާ ކޮޅެއް ވައްދާއިރަށް ކޮންމެސް ކަމެއް ދިމާވެގެން ނެރެން ޖެހިދާނެ"

ނަމަވެސް އެ ގޮންޖެހުންތަކާއެކުވެސް އައިއޭސީ އިން ހަ މަސް ދުވަހުގެ މަސައްކަތުން އެ ފަހަރު ސީރިއާއަށް ހަތަރު ކޮންޓޭނަރުގެ އެހީ ފޮނުވި އެވެ. އެއީ ހެދުމާއި ނެޕީއާ މަސްދަޅުފަދަ އަށް މިލިއަން ރުފިޔާގެ އަގުހުރި އެހީ އެވެ.

އެ ހަމަސް ދުވަހަށް ފަހު އައިއޭސީއިން މިސްރާބު ޖެހީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހަރަކާތްތެރިވާ އަމިއްލަ އެހީގެ ޖަމްއިއްޔާތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާވެސް ގުޅިގެން، އެކި ހިސާބުތަކަށް އެހީ ފޯރުކޮށްދިނުމަށެވެ.

އަށް އަހަރު ތެރޭ 2000 މަޝްރޫއު، ކިހިނެތް؟

އައިއޭސީގެ ވެބްސައިޓުން ފެންނަ ގޮތުގައި މިހާތަނަށް 2000 އަށްވުރެ ގިނަ އެހީގެ މަޝްރޫއު ވަނީ ހިންގާފަ އެވެ. އެއީ އަށް އަހަރަށް ބަހާލާނަމަ މަހެއްގެ މައްޗަށް 20 އަކަށް މަޝްރޫއު އެވެ. ސުވާލު އުފެދޭ ނަމްބަރެއް ކަމުން ތަފުސީލަށް އަހާލީމެވެ.

އަޒުހަދު ވިދާޅުވީ، އައިއޭސީ އުފެދިގެން އޭރު އަހަރެއްގެ މައްޗަށް ހިންގުނީ ދެތިން މަޝްރޫއު ކަމަށެވެ. ނަމަވެސް ނެޓްވޯކު ފުޅާވެ، އެހީ ފޯރުކޮށްދެވޭނެ މަގުތައް އިތުރުވުމާއި ދުނިޔޭގައި ކާރިސާތައް ހިނގާ މިންވަރާއި މީހުން ހާލުގައި ޖެހޭ މިންވަރު އިތުރުވުން ވެގެން ގޮސްފައިވަނީ އައިއޭސީގެ މަސައްކަތްތައް އިންތިހާއަށް އިތުރުކުރަން ޖެހުނު ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަންޑު ހޯދަން އިއުލާންކުރުމުގެ ކުރިން ހުރިހާ އެރޭންޖްމަންޓެއް އެބަ ހަދަން. މީތި ކޮންޓްރިބިއުޓް ކުރެވޭނީ ކިހިނެއްތޯ؟ އެ އުސޫލު ހަމަޖެހުނީމާ ނޫނި އަޅުގަނޑުމެން ރައްޔިތުން އަތުން ލާރިއެއް ނުނަގަން،" އޭނާ ވިދާޅުވި އެވެ.

މިއީ ވެސް އެއް ފަހަރާ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އައިއޭސީއިން ކޮށްފައިވާ އިތުރު ކަމެކެވެ.

"ހެލްޕް ސީރިއާ މޯލްޑިވްސް ނިމިފަ ދެން އައީ ރޮހިންޔާ ކޮންފްލިކްޓް. ދެން އަޅުގަނޑުމެން އެންމެ ނިންމީ އަނެއްކާ ރޮހިންޔާއަށްވެސް އެހީ ފޯރުކޮށްދޭން. ދެން އެގޮތައް މީތި [އައިއޭސީ] ފުޅާވަމުން ގޮސްފަ މިވަނީ،" އޭނާ ވިދާޅުވި އެވެ.

"ކޮންމެ ޕާޓްނަރަކާ އެކީ އުފެދިފަ އިންނަނީ ވަރަށް ވަރުގަދަ ބޮންޑެއް. އެހެންވީމަ އަޅުގަނޑުމެންގެ ޕްރޮޖެކްޓުތައް ހިންގާއިރު [ޕާޓްނަރުންނާ] ދޭތެރޭ ވަރަށް ފަސޭހަ ގޮތަކަށް މި އިންނަނީ."

އަޒުހަދު ވިދާޅުވީ އެހީތެރިކަން ބޭނުންވާ ބައެއް ސަރަހައްދުތަކުގައި ފެން ވަޅުތައް ބިނާ ކުރުމަކީވެސް ވަކި ޕްރޮޖެކްޓުތަކެއް ކަމަށެވެ.

ދިވެހިންގެ އެހީގައި އައިއޭސީއިން ބަންގްލަދޭޝްގައި އަޅައިދިން ފެން ވަޅެއް : އެ ފެންވަޅުތައް ބެލެހެއްޓުމުގެ ހިދުމަތްވެސް އައިއޭސީއިން ދޭ - ފޮޓޯ: އައިއޭސީ
ދިވެހިންގެ އެހީގައި އައިއޭސީއިން ބަންގްލަދޭޝްގައި އަޅައިދިން ފެން ވަޅެއް : އެ ފެންވަޅުތައް ބެލެހެއްޓުމުގެ ހިދުމަތްވެސް އައިއޭސީއިން ދޭ - ފޮޓޯ: އައިއޭސީ

ދިވެހިންގެ އެހީގައި އައިއޭސީއިން ބަންގްލަދޭޝްގައި އަޅައިދިން ފެން ވަޅެއް : އެ ފެންވަޅުތައް ބެލެހެއްޓުމުގެ ހިދުމަތްވެސް އައިއޭސީއިން ދޭ - ފޮޓޯ: އައިއޭސީ

މިސާލު ނެންގެވީ ރޯދަ މަހުންނެވެ. ކޮންމެ އަހަރަކުވެސް އައިއޭސީއިން އެންމެ ގިނަ މަޝްރޫއުތައް ހިންގަނީ ރޯދަމަހުގެ ތެރޭގަ އެވެ.

"ރޯދަމަހުގެ އެއްމަސް ދުވަސް ކުރިން އަޅުގަނޑުމެން އިއުލާނުކުރަން [އެހީ ފޯރުކޮށްދޭން]. ރޯދަ މަހުގެ ތެރޭގަ މިކަން ކުރިއަށްދާނީ. މިސާލަކަށް ރޯދަމަސް ތެރޭގައި ފުރުސަތު ލިބިދާނެ ރޯދަ ވީއްލުން ހަމަޖައްސަން. އެއީ ސިންގަލް ޕްރޮޖެކްޓްސްތަކެއް ގޮތަށް އަޅުގަނޑުމެން ބަލަނީ،" އަޒުހަދު ވިދާޅުވި އެވެ.

"މިސްކިތްތައް ހިމެނޭނެ، ސްކޫލު ހިމެނޭނެ، ކޮމްޕިއުޓަރު ލެބުތައް ހިމެނޭނެ، ހުވަފަތް އަންހެން ކަނބަލުންނަށް މަސައްކަތް ދަސްކޮށްދޭ ތަންތަން އެބަހުރި. އެހާ ކުރު މުއްދަތެއް ތެރޭ އެހާ ބައިވަރު ޕްރޮޖެކްޓުތަކެއް އެހުރީ އަޅުގަނޑުމެން އަތުގައި ވަރަށް ވަރުގަދަ ޕާޓްނަރުން ހުރެފަ އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންގެ އެހީ 'ފްރީކުއެންޓު' ކޮށް ލިބެމުންދާތީ"

ގާޒާއަށް އެހީ ފޯރުކޮށްދޭ މަގު

ގާޒާއަކީ ދުނިޔޭގެ އެންމެ އެކަހެރި އެއް ރަށެވެ. ހުޅުވާލެވިފައިވާ ޖަލެއްގެ ގޮތުގައި ސިފަކުރާ ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. އެފަދަ ރަށަކަށް ދިވެހީންގެ އެތައް މިލިއަން ރުފިޔާގެ އެހީއެއް ކޮންމެ އަހަރު ފޯރުކޮށްދޭ ގޮތާމެދުވެސް ދިވެހިން ކޮންމެސް ވަރަކަށް ސުވާލު އުފައްދަ އެވެ.

އައިއޭސީއިން މިކަމުގައި ހޯދާ ބައިނަލްއަގުވާމީ އެހީ ލިބުމުގެ މައިގަނޑު އެއް ސަބަބެއް ކަމުގައި ވަނީ ދިވެހި ރާއްޖެއަށް އެހެން ގައުމުތަކުން ކުރާ އިހުތިރާމު ކަމަށް އެ ޖަމްއިއްޔާއިން ދެކެ އެވެ.

"ދިވެހީންކަން އެނގުނީމަ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެބަލިބޭ ފަސޭހަތަކެއް، ދެން ތުރުކީގެ އެންމެ ބޮޑު ޕާޓްނަރު [ކަމަށްވާ] އިހާއިން [އައިއޭސީ] ރިކޮމެންޑު ކުރީމަ އެހެން ގައުމުތަކުގެ ހަރަކާތްތެރިވާ ޖަމްއިއްޔާތަކާ އެބޭފުޅުންނާ އޮންނަ ބަދަހި ގުޅުން އަޅުގަނޑުމެންނާއެކު އެބަ އުފެދޭ" އަޒުހަދު ވިދާޅުވި އެވެ.

މި ގުޅުމުގެ ސަބަބުން ދިވެހިންގެ އެހީ، ފަލަސްތީނާ ހަމައަށް ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ކުރިމަތިވެ އެވެ. އެގޮތުން އަޒުހަދު ވިދާޅުވި ގޮތުން އެންމެ ބޮޑު ފަސޭހައަކީ ވަގުތުން ވަގުތައް ލާރި ފޮނުވުމަކާ ނުލާ، ހެދިފައިވާ އެއްބަސްވުންތަކުގެ ތެރެއިން، އެ ޖަމްއިއްޔާތަކުން އެހީ ހަމަޖައްސައިދިނުމެވެ. ފައިސާގެ ކަންކަން ފަހުން ނިންމާ ގޮތަށެވެ.

މަޝްރޫއު ކުރިއަށް ގެންދަން ނިންމަނީ ޕާޓްނަރުންނާ މަޝްވަރާކުރެވި ލިޔެކިޔުންތައް ބަދަލުކުރުމަށްފަހު އެވެ. ގަންނަން ޖެހޭ ތަކެތީގެ އަގުތަކާ ހަމައަށް ތަފުސީލު ނުލިބެނީސް މަޝްރޫއަށް އޯކޭ ނުޖަހާނެ ކަމުގެ ޔަގީންކަންވެސް އައިއޭސީއިން ދެ އެވެ.

ގާޒާއަށް އެހީ ފޯރުކޮށްދޭއިރު ލިބޭ އަނެއް ފައިދާއަކީ، ހާލުގައި އުފެދިގެން އައި ޖީލުތަކުން، އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ރަށުގެ ތެރޭގައި ގާއިމުކޮށްފައިވާ އެހީ ޖަމްއިއްޔާތަކުގެ ވިއުގަތަކެވެ.

"ގާޒާއަކީ އަބަދު އެހީ ބޭނުންވާ ތަނެއް ވީމަ ވަރަށް ރަނގަޅަށް ރޭވިގެން އެހީގެ ކަންކަން ކުރިއަށްދާ ތަނެއް. ދިމާތަކަކަށް ބެހި، އެހީތައް ޖަމްއިއްޔާތަކަކާ ހަވާލުކޮށްގެން [އެހީ ފޯރުކޮށްދޭ ތަނެއް] މިސާލަކަށް މި ސަރަހައްދަކީ މިވެނި ބައެއްގެ ސަރަހައްދޭ އެހެންވީމަ އެ ސަރަހައްދަށް އެހީ ފޯރުކޮށްދޭނީ އެ ޖަމްއިއްޔާއިންނޭ،" ގާޒާގައި އެހީގެ ކަންކަން ކުރިއަށްދާ ގޮތް އަޒުހަދު ތަފުސީލުކޮށްދެއްވި އެވެ.

މި ފަހަރުގެ ހަމަލާތަކާ ގުޅިގެން ގާޒާގައި އައިއޭސީއިން އެހީގެ މަޝްރޫއެއް ހިންގި ނަމަވެސް، އަދި ބޭރުން ގާޒާއަށް އެހީ ވެއްދޭ ގޮތެއް ނުވެ އެވެ. މި މަހުގެ ހަތަކުން ފެށިގެން ދެމުންދާ އެހީތަކަކީ މިފަދަ ޖަމްއިއްޔާތަކާ ގުޅިގެން، ކުރިން ބުނެވުނު ބީދައިން ހިންގާ މަޝްރޫއުތަކެވެ.

12.5 އިންސައްތައާއި ބޭނުންކުރެވޭ ގޮތްތައް

މިހާރު ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް އައިއޭސީއަށް ފާޑުކިޔާ ދެކެވޭ ވާހަކައަކީ އެހީއިން އެޑްމިން ހަރަދުތަކަށް ނަގާ 12.5 އިންސައްތައިގެ ވާހަކަ އެވެ. އެ ފައިސާ ބޭނުންކުރާ ގޮތާއި ހިސާބުތައް ނޭނގޭ ވާހަކަ އެވެ.

އަޒުހަދު ވަނީ އެ ފައިސާ ނަގަން ނިންމި ސަބަބާއި، ބޭނުންކުރެވޭ ގޮތްތައް ތަފުސީލުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެހީގެ ފައިސާތަކުން 12.5 އިންސައްތަ ނެގުމަށް ބައިނަލްއަގުވާމީ ޕާޓްނަރުންގެ މަޝްވަރާއާއެކު ނިންމީ މީގެ ހަތަރު އަހަރު ކުރިން ކަމަށެވެ. އޭނާ އެ ފައިސާ ނަގަނީ ސިއްރުން ނޫން ކަމަށާއި އެކައުންޓު ނަމްބަރާއެކު އެހީ ހޯދަން ޖަހާ ކޮންމެ ޕޯސްޓެއްގައިވެސް އެ އިންސައްތައިގެ ވާހަކަ އޮންނާނެ ކަމަށެވެ.

އެ އިންސައްތަ ނަގަން ނިންމި އެއް ސަބަބަކީ، ރައްޔިތުންގެ އަތުން ލިބޭ ފައިސާ އެހީ ބޭނުންވާ ފަރާތްތަކަށް ފޮނުވުމަށް ދާ ހަރަދުތަކަށް އިތުރު 'ސްޕޮންސަރުންގެ' އަތުން ފައިސާ ހޯދަން ޖެހުމެވެ. މި މަސައްކަތުގައި ގިނަ ދުވަސްވީ ޖަމްއިއްޔާތަކުން ލަފާދިނީވެސް އެފަދައިންނެވެ.

"އެ 12.5 އިންސައްތަ ހަރަދުކުރެވޭ ގޮތް ދެއްތޯ ގޮތަކަށް ވާނީ،"" ސޯޝަލް މީޑިއާގައި ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ގުޅުވާ އަޒުހަދު ވިދާޅުވި އެވެ.

"އެ 12.5 އިންސައްތައަކީ ވަރަށް ބައިވަރު ކަންތައްތަކަށް ހަރަދުކުރެވޭ އެއްޗެއް، މީގެ ރިޕޯޓިން އަޅުގަނޑުމެންގެ އަތުގަ ހުންނާނެ. ބައްލަވަން ބޭނުންފުޅުވެއްޖިއްޔާ ވާނެ، އަބަދުވެސް ނޫސްތަކަށް އަޅުގަނޑު މި ދަންނަވަނީ ސޯޝަލް މީޑިއާގައި މި ދެކެވޭ ވާހަކަތަކަށް އަޅުގަނޑުމެން އެޑްރެސް ކުރާކަށް ބޭނުމެއް ނޫނޭ."

ދިވެހިންގެ އެހީގައި ސީރިއާގައި އަޅާ، ހިންގަމުންދާ ސްކޫލު - ފޮޓޯ: އައިއޭސީ
ދިވެހިންގެ އެހީގައި ސީރިއާގައި އަޅާ، ހިންގަމުންދާ ސްކޫލު - ފޮޓޯ: އައިއޭސީ

ދިވެހިންގެ އެހީގައި ސީރިއާގައި އަޅާ، ހިންގަމުންދާ ސްކޫލު - ފޮޓޯ: އައިއޭސީ

މައިގަނޑު ސަބަބެއް ގޮތުގާ ދެއްކެވީ ރައްޔިތުން ކުރަމުންދާ އިތުބާރެވެ. ފާޑުކިޔުންތަކާއެކުވެސް ލިބެމުންދާ އެހީ އެވެ.

"އެ 12.5 އިންސައްތައިގެ ތަފުސީލު ބޭނުން ވަންޏާ އެ އޮންނަ އުސޫލުގެ ތެރެއިން އަޅުގަނޑުމެން އާންމުންނަށް ހާމަކުރާނީ، އެއްގޮތަކަށްވެސް ފޮރުވާފަ އޮންނަ އެއްޗެއް ނޫން އެއީ،"

ނަމަވެސް، ދެއްވި އިންޓަވިއުގައި ކޮންމެވެސް ވަރަކަށް އެ ހަރަދުތަކުގެ ތަފުސީލެއް އޭނާ ދެއްވި އެވެ. ހިސާބުތައް ބަލަހައްޓަވާކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

އެގޮތުން ދިވެހިންގެ އެހީގައި އެހީގެ ގޮތުގައި އެޅޭ ތަންތަނުގެ ހިދުމަތް ދެމެހެއްޓުމުގެ ހަރަދަކީ އެ ފައިސާގެ ތެރެއިން ކުރެވޭ ހަރަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި ދިވެހިންގެ ފައިސާއިން އެޅި ފެން ވަޅުތައް މަރާމާތު ކުރުމަށް ދާ ހަރަދާއި ސީރިއާގައި ދިވެހިންގެ އެހީގައި އަޅާ ހިންގަމުންދާ ސްކޫލާއި 380 ދަރިވަރުންނަށް ދާ ހަރަދާއި ތުރުކީގައި ހުވަފަތް އަންހެނުންނަށް ހާއްސަކޮށް ހިންގާ ފަހާ ފެކްޓަރީއަށް ދާ ހަރަދުތައް އަދި ޔަމަނުގައި ހުރި ވޮކޭޝަނަލް ސެންޓަރުގެ ހަރަދުތަކަކީ ހަމަ އެ 12.5 އިން ކުރެވޭ ހަރަދުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެން ކޮންމެ މަޝްރޫއެއްވެސް ފެށީ ދިވެހި ރައްޔިތުން ދިން ފައިސާގެ އެހީންނެވެ. ނަމަވެސް އެ ތަންތަން ހިންގާ ދެމެހެއްޓުމުގެ ހަރަދުތައް އައިއޭސީއިން ކުރަނީ އެ ވިދާޅުވާ އިދާރީ ފީ އިންނެވެ. މީގެ އިތުރުން އެހީ ފޯރުކޮށްދިނުމުގައި ކުރެވޭ ދަތުރުފަތުރުތަކާއި ލޮޖިސްޓިކްސްއަށް ކުރެވޭ ހޭދަވެސް ކުރަނީ މި އިންސައްތައިގެ ތެރެއިން ކަމަށް އަޒުހަދު ވިދާޅުވި އެވެ.

އައިއޭސީއިން އަފްގާނިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވަނީ - ފޮޓޯ: އައިއޭސީ
އައިއޭސީއިން އަފްގާނިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވަނީ - ފޮޓޯ: އައިއޭސީ

އައިއޭސީއިން އަފްގާނިސްތާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވަނީ - ފޮޓޯ: އައިއޭސީ

"އަޅުގަނޑުމެން މި ވަގުތު އެހީ ފޯރުކޮށްދެމުން އެބަދަން އަފްގާނިސްތާނުގައި ވެސް ބިންހެލުމާ ގުޅިގެން، ނަމަވެސް ތިބޭފުޅުންނަކަށް ނުފެންނާނެ، އަޅުގަނޑުމެންގެ ސޯޝަލް މީޑިއާގަ އެއްވެސް ވަރަކަށް ނޯންނާނެފަންޑު ރެއިޒް ކުރަން އިއުލާންކޮށްފައެއް ވެސް. މިއީ ހަމަ އޭގެ [12.5 އިންސައްތައިގެ] ތެރެއިން ދާނެ ހަރަދުތައް ދެއްތޯ،"

ސޯޝަލް މީޑިއާ އަދި ތުންތުން މަތިންވެސް ދެން އިވޭ ސުވާލަކީ ކުއްލި ހާލަތްތަކުގައި ހޯދާ އެހީއިންވެސް އެ 12.5 އިންސައްތަ ނަގަނީ ކީއްވެތޯ ކުރެވޭ ސުވާލެވެ. ހާއްސަ ހާލަތްތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދެވުނު އެންމެ ބޮޑު އަދަދެއް ދިނުމަކީ އެންމެނަށްވެސް އެއްބަސްވެވޭނެ ހަގީގަތެކެވެ.

"އެމަޖެންސީ ހާލަތްތަކުގަ އަޅުގަނޑުމެން ކުރިން އިންނާނީ ފަސް އިންސައްތަ ނަގާ ގޮތަށް، އެހެންނަމަވެސް އަޅުގަނޑުމެންގެ ބޮޑެތި ޕާޓްނަރުންނާއެެކު މަޝްވަރާ ކުރުމަށްފަހު 12.5 އިންސައްތަ އަށް ބަދަލުކުރި އެންމެ ބޮޑު އެއް ސަބަބަކީ ކުއްލި ހާލަތްތަކުގައި [އެހީ ފޯރުކޮށްދިނުމަށް] އަޅުގަނޑުމެން އަތުން ހަރަދު ދާވަރު ބޮޑުވުން،" އޭނާ ވިދާޅުވި އެވެ.

ކުރަންޖެހޭ ހަރަދުގެ އިތުރަށް މިފަދަ ހާލަތްތަކުގައި ކުރިމަތިވާ ނުރައްކާވެސް ބޮޑެވެ. މި މަސް ތެރޭގައި ގާޒާގައި ހުރި އައިއޭސީގެވެސް ހިއްސާ އޮތް ގުދަނަކަށް އިޒްރޭލުގެ ހަމަލާއެއް އަމާޒުވި އެވެ.

ދެފުށް ފެންނަ ނިޒާމަކާއެކު އިދާރީ ބަދަލުތަކެއް ގެންނާނެ ކަމުގެ ޔަގީންކަން

އަޒުހަދު ވިދާޅުވި ގޮތުގައި އައިއޭސީއިން، ޖަމްއިއްޔާއަށް ލިބޭ ފައިސާ އާއި ދާ ހަރަދުތަކުގެ ތަފުސީލު އާންމު ކުރާނެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ވަރަށް ސާފުކޮށް ޕްރެޒެންޓޭޝަންތަކަކާ އެކީގައި [އައިއޭސީގެ މަސައްކަތް ހިނގާގޮތް ކިޔައިދިނުމަށް] އާންމުންނަށް ފޯރަމްތަކެއްވެސް ބާއްވަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޓީމުގައި ތިބި ފަސް މެންބަރުންނާއި މުސާރަ ދޭ ދެ މުވައްޒަފަކާއެކު ހަރަކާތްތެރިވާ މި ޓީމަށް، ކުރިން ދެންނެވިހެން ކާރިސާތައް ގިނަ މި ދުވަސްވަރު އެ މަސައްކަތް އަދި އެންމެ އެކަށޭނަ ގޮތައް ވަނީ ނުކުރެވިފަ އެވެ. އައިއޭސީގެ ވިސްނުން ހުރީ އެބޭފުޅުންގެ ވެބްސައިޓު މެދުވެރިކޮށް ނަމަވެސް ހަރަދުތައް ހިނގާ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށެވެ.

"އަޅުގަނޑުމެން ހަމަ ޕަބްލިކް ކުރާނަން، ވަރަށް ޓްރާންސްޕޭރެންޓުކޮށް ޕަބްލިކް ކުރާނަން. ސީދާ މިވެނި ދުވަހެކޭ ދަންނަވަން ބޭނުމެއް ނޫން. ނަމަވެސް އެ މަސައްކަތްތައް މިދަނީ ކުރަމުން، މިވަގުތު ބޮޑު ފޯކަސްއެއް މި ކުރަނީ ގާޒާއަށް ދިމާވެފައި އޮތް ހާލަތައް، އަޅުގަނޑުމެން ޓީމު އެއްކޮށް މިއުޅެނީ އެކަމުގައި،" އަޒްހަދު ވިދާޅުވި އެވެ.

ފާޑުކިޔުން އަމާޒުވި އަނެއް ކަމަކީ މީރާގައި އޮންނަ ޗެރިޓީ ޖަމާއަތްތަކުގެ ލިސްޓުގައި އައިއޭސީ ނެތުމުންނެވެ.

"[މީރާގެ އެ ލިސްޓުގައި] އަދި ނޯންނާނެ. އެ މަސައްކަތްވެސް ދަނީ ކުރެވެމުން. އިންޓާނަލީ ނިންމަން ޖެހޭ ބައިވަރު ކަންކަން އޭގެ ތެރޭގައި އުޅޭނެ،" އޭނާ ވިދާޅުވި އެވެ.

އަޒުހަދު ވިދާޅުވީ، އެފަދަ ކަމެއް އޮތް ނަމަވެސް، އައިއޭސީ ހިންގަމުންދަނީ ސަރުކާރުގެ އެހެން ވުޒާރާތަކުގައި ވާން ޖެހޭ ރަޖިސްޓްރީތައް ވެ، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައިގެން ކަމަށެވެ.

ބޭންކާއި އެމްއެމްއޭ އަދި ކަސްޓަމްސްގެ ނަން ފާހަގަކޮށް އޭނާ ވިދާޅުވީ އެ އިދާރާތަކަކީ ފައިސާގެ މުއާމަލާތްތަކުގައި އެންމެ ގިނައިން އެކުގައި މަސައްކަތް ކުރަން ޖެހޭ އިދާރާތައް ކަމަށާއި ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް ހުށަނާޅާ އެއްވެސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިނުވާނެ ކަމަށެވެ.

އަހުމަދު އާއިދު

ޖާނަލިސްޓް

އަހުމަދު އާއިދު ނޫސްވެރިކަމުގެ ދާއިރަށް ވަނީ މީގެ ދެ އަހަރު ކުރިންނެވެ. ސިޔާސީ ދާއިރާއިން ފެށިގެން ކުޅިވަރުގެ ދާއިރާގައި އޭނާގެ ގަލަން ހިނގަ އެވެ. އެންމެ ފަހުން އޭނާ އުޅުނު "ވޮއިސް" ނޫހުގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox