ރިޕޯޓުފަލަސްތީނު ސަޕޯޓަރުން ބައެއް ބްރޭންޑުތައް ބޯއިކޮޓް ކުރާ ސަބަބުތައް

ފަލަސްތީނު ސަޕޯޓަރުން ބައެއް ބްރޭންޑުތައް ބޯއިކޮޓް ކުރާ ސަބަބުތައް

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ގުޅިގެން އެކި ގައުމުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ސަޕޯޓަރުން ދަނީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ބްރޭންޑުތަކެއް "ބޯއިކޮޓް" ނުވަތަ ބޭނުންކުރުން ހުއްޓައިލުމަށް ގޮވައިލަމުންނެވެ.

ފަލަސްތީނު ސަޕޯޓަރުން ބައެއް ބްރޭންޑުތައް ބޯއިކޮޓް ކުރާ ސަބަބުތައް

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ގުޅިގެން އެކި ގައުމުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ސަޕޯޓަރުން އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ބްރޭންޑުތަކެއް "ބޯއިކޮޓް" ނުވަތަ ބޭނުންކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ ވިޔަފާރިތަކަކީ އިޒްރޭލުގެ ވިޔަފާރިތަކެއް ވެސް ނޫނެވެ. އިޒްރޭލާއި މި ބްރޭންޑުތަކާއި އޮންނަ ގުޅުމަކީ ކޮބާތޯ އަދި ބޯއިކޮޓް ކުރަންވީ ކީއްވެގެން ތޯ ބަލާލަންޖެހެނީ މިހިސާބުންނެވެ.

ބޯއިކޮޓް ކުރަން ގޮވާލާ ބައެއް ބްރޭންޑުތައް

ކޮކަ ކޯލާ

ކޮކަ ކޯލާއަކީ އެމެރިކާގެ މަލްޓީ ނޭޝަނަލް ކުންފުންޏެކެވެ. ރާއްޖެ ހިމެނޭހެން ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުގައި މި ބްރޭންޑުގެ ކުންފުނިތައް ހުރެ އެވެ.

ފަލަސްތީނަށް ތާއީދުކުރާ މީހުން ކޮކަ ކޯލާ ބޯއިކޮޓްކުރަން ގޮވައިލަނީ އެ ކުންފުންޏާއި އިޒްރޭލާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތަކުގެ ސަބަބުންނެވެ. ކޮކޮ ކޯލާ އަދި އިޒްރޭލަކީ ޓްރޭޑް ޕާޓްނަރުންނެވެ. 1996 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ވަނީ އިޒްރޭލާއެކު ވަރުގަދަ ގުޅުމެއް ގާއިމްކޮށްފަ އެވެ.

ކޮކަ ކޯލާއިން އަންނަނީ އެކި ގޮތް ގޮތުން އިޒްރޭލަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އިޒްރޭލުގެ ކުދި ވިޔަފާރިތައް ކުރިއެރުވުމުގައި ކޮކަ ކޯލާއިން ބޮޑު ދައުރެއް އަދާކުރެ އެވެ.

ބާގާ ކިންގް

މިއީ ވެސް އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުންޏެކެވެ. 1953 ގައި އުފެދުނު މި ފާސްޓް ފުޑް ކުންފުނީގެ ރެސްޓޯރެންޓުތައް ރާއްޖޭގައި ވެސް ހުރެ އެވެ. ދުނިޔޭގެ 100 ގައުމެއްގައި އޮޕަރޭޓްކުރަމުން އަންނަ މި ކުންފުނީގެ ބްރާންޗެއް އިޒްރޭލުގައި ވެސް ހުންނަ އިރު، މި ރެސްޓޯރެންޓް ބޯއިކޮޓް ކުރަން ގޮވާލަނީ ތަފާތު ސަބަބަކާހުރެ އެވެ.

އިޒްރޭލުގައި ހުންނަ ބާގާ ކިންގުން ވަނީ ފަލަސްތީނަށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވާ އިޒްރޭލުގެ ސިފައިންނަށް ހިލޭ ކާނާ ފޯރުކޮށްދީފަ އެވެ. އެ ރެސްޓޯރެންޓުން ވަނީ ސިފައިންނަށް ކާއެއްޗެހި ފޯރުކޮށްދޭ ފޮޓޯ އަދި ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

އެގޮތުން "ބާގާ ކިންގް އިޒްރޭލް" ގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވަނީ "އޮން ދަ ވޭ ޓު ޔޫ" އަދި އިޒްރޭލްގެ ދިދަ ޖެހުމަށްފަހު ރީލެއް ވެސް ހިއްސާކޮށްފަ އެވެ. މީގެ އިތުރުން ސިފައިންނަށް ކާއެއްޗެހި ދިނުމަށްފަހު ނަގާފައިވާ ފޮޓޯތަކެއް ވެސް މި އެކައުންޓުގައި ވަނީ ހިއްސާކޮށްފަ އެވެ.

ޕޫމާ

ޖަރުމަނުގެ މި މަލްޓިނޭޝަނަލް ކުންފުންޏަކީ ކުޅިވަރު ބޫޓު، ޖާޒީ އަދި ކުޅިވަރަށް ހާއްސަ އުފެއްދުންތައް އުފައްދާ ކުންފުންޏެކެވެ.

ޕޫމާ ބޮއިކޮޓް ކުރަން ގޮވާލަނީ އެ ކުންފުންޏަކީ އިޒްރޭލް ފުޓްބޯލް އެސޯސިއޭޝަން (އައިއެފްއޭ) ގެ މައި ސްޕޮންސަރަށް ވުމުންނެވެ. ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް އިޒްރޭލުން ހިފައި ޔަހޫދީން ވަޒަންވެރިކުރުވާފައިވާ، ފަލަސްތީނުގެ އެތައް ބިމެއްގައި އައިއެފްއޭގެ ޓިީމުތައް ދިރިއުޅެ އެވެ.

ޕިއްޒާ ހަޓް

1958 ގައި އުފެދުނު މި ކުންފުންޏަކީ ވެސް އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުންޏެކެވެ. 100އަށް ވުރެ ގިނަ ގައުމުގައި ރެސްޓޯރެންޓުތައް ހިންގާ މި ކުންފުނީގެ ރެސްޓޯރެންޓެއް ރާއްޖޭގައި ވެސް ހުރެ އެވެ.

ޕިއްޒާ ހަޓާ ދެކޮޅަށް ފަލަސްތީނު ސަޕޯޓަރުން އަޑު އުފުލަން ފެށީ އިޒްރޭލުގައި ހުންނަ ޕިއްޒާ ހަޓުން 2017 ވަނަ އަހަރު ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އޭރު އިޒްރޭލް ޖަލުގައި ހުރި ފަލަސްތީނު ލީޑަރު މަރްވާން ބަރުގޫސީ ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރެއްވި އެވެ. މި ހަޅުތާލަށް ފުރައްސާރަކޮށް ޕިއްޒާ ހަޓު އިޒްރޭލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބަރުގޫސީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހުއްޓާލާނަމަ، ޕިއްޒާ ކެއުމަށް ބުނެފަ އެވެ.

"ބަރުގޫސީ، ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހުއްޓާލާނަމަ، ޕިއްޒާ ކިހިނެއް ވާނެ؟" އެ ޕޯސްޓުގައި ބުނެފައި ވެ އެވެ.

މި ހާދިސާއަށް ފަހު މިއަދާ ހަމައަށް ވެސް ފަލަސްތީނު ސަޕޯޓަރުން އަންނަނީ ޕިއްޒާ ހަޓް ބޯއީކޮޓް ކުރުމަށް ގޮވާލަމުންނެވެ.

އަހަވާ

އަހަވާއަކީ ހަންގަޑަށް ހާއްސަ އުފެއްދުންތައް އުފައްދާ މަޝްހޫރު އިޒްރޭލުގެ ކުންފުންޏެކެވެ. މި ކުންފުނީގެ ހެޑް ކުއާޓާ ހުންނަނީ ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިމެއްގަ އެވެ. އަހަވާގެ އުފެއްދުންތައް އުފައްދަނީ ޑެޑްސީއިން ލިބޭ މިނަރަލްތައް ބޭނުންކޮށްގެނެވެ.

އަހަވާގެ އައުޓްލެޓްތައް އިޒްރޭލުގެ އިތުރުން، ޖަރުމަނު، ހަންގޭރީ، ސައުތު ކޮރެއާ، ފިލިޕީންސް އަދި ސިންގަޕޫރުގައި ހުރެ އެވެ.

މި ފަސް ބްރޭންޑުގެ އިތުރުން ވެސް އެތައް ކުންފުންޏެއްގެ އުފެއްދުންތައް ބޯއީކޮޓް ކުރުމަށް ފަލަސްތީނު ސަޕޯޓަރުން އަދި ބޯއީކޮޓް ޑައިވެސްޓްމެންޓްސް އެންޑް ސޭންކްޝަންސް އިން އަންނަނީ ގޮވާލަމުންނެވެ.

އިޒްރޭލުން މެދުކެނޑުމެއް ނެތި ފަލަސްތީނަސް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 6،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 2،700 އަށް ވުރެ ގިނަ ކުޑަ ކުދިން، 1،500 އަށް ވުރެ ގިނަ އަންހެނުން އަދި 300 އަށް ވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ.

މަރިޔަމް އަފާ ނިޒާމް

ޖާނަލިސްޓު

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox