ބާސެލޯނާ (އޮކްޓޯބަރު 26) - ޗެމްޕިއަންސް ލީގުގައި ރޭ ޝަކްތަރު ޑޮނެސްކް އަތުން 2-1 އިން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ޖޮއާއޯ ފެލިކްސްއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި، ކުރިއަށް އޮތް ހަފްތާ ބަންދުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯގައި އޭނާ އަށް ކުޅެވޭނެކަމަށް ބާސެލޯނާ އިން ބުނެފި އެވެ.
ރޭގެ މެޗުގައި ފެލިކްސްގެ ފަލަމަސްގަނޑަށް ތަދެއް އަރައިގެން އޭނާ ބަދަލުކުރީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. ފެލިކްސްގެ ހަރަކާތްތަކަށް ބަލާއިރު އޭނާގެ އަނިޔާ ސީރިއަސް ވާނެކަމަށް ބެލެވުނެވެ.
މެޗަށް ފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އޭނާގެ ފަޔަށް ލިބުނު އަނިޔާ ސީރިއަސް ނޫންކަމަށާއި، އެލް ކްލަސިކޯ މެޗަށް ފިޓުވާނެކަމަށެވެ.
"އެއީ ކުޑަކުޑަ ތަދެއް. ދެން އޮތް މެޗަށް ރިކަވާވެ ތައްޔާރުވާނަން" ފެލިކްސް ބުންޏެވެ.
ފެލިކްސްއަށް އެލް ކްލަސިކޯގައިި ކުޅެވޭނެކަމުގެ އުއްމީދެއް އޭނާ ދިންއިރު، އެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ތިބީ އަނިޔާގަ އެވެ. އޭގެ ތެރޭގައި ރޮބާޓް ލެވަންޑޯސްކީ، ޕެޑްރީ ފްރެންކީ ޑި ޖޮން އަދި ރަފިންހާ ފާހަގަކޮށްލެ އެވެ.
މި ކުޅުންތެރިންގެ ތެރެއިން ޕެޑްރީ މިވަގުތު ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަވެސް އޭނާގެ ފިޓްނަސް އެއްކޮށް ރަނގަޅު ނުވަނީސް ކުޅެން ނެރެން ކޯޗު ޒަވީ ބޭނުމެއް ނުވެ އެވެ. ޕެޑްރީއަށް ނުކުޅެވުނަސް ލެވަންޑޯސްކީ، ރަފިންހާ އަދި ޑިޖޮންއަށް މި މެޗުގައި ކުޅެވިދާނެކަމަށް ބެލެވެ އެވެ.
އެލް ކްލަސިކޯގެ ނަމުން މަޝްހޫރު ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވާދަކުރާ މެޗަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ފޯރިގަދަ މެޗެކެވެ. ސްޕެނިޝް ލަލީގާގެ ތާވަލަށް މިވަގުތު ބަލާއިރު، މި މެޗު ކާމިޔާބުކުރާ ޓީމަކަށް އެއް ވަނައިގައި ލީޑެއް ނެގޭނެ އެވެ.
ލީގުގެ އެއް ވަނައިގައި މިވަގުތު ރެއާލް މެޑްރިޑް އޮތީ 25 ޕޮއިންޓާއިއެކުގަ އެވެ. 24 ޕޮއިންޓާއިއެކު ބާސެލޯނާ އޮތީ ދެ ވަނައިގަ އެވެ.












