ބާން، ސްވިޒަލެންޑް (އޮކްޓޫބަރު 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްވިޒަލެންޑުގެ ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅޭ މެޗު އާޓިފިޝަލް ޓާފްގައި ކުޅޭތީ، މެންޗެސްޓާ ސިޓީން އެއް ދުވަސް ކުރިން ސްވިޒަލެންޑަށް ހިނގައްޖެ އެވެ.
ޔަންގް ބޯއީސްގެ ސްޓޭޑިއަމްގައި ކުޅޭ މެޗަށް މެންޗެސްޓާ ސިޓީއިން އެއް ދުވަސްކުރިން ދިޔަ ސަބަބަކީ އެ ދަނޑުގައި "އާޓިފިޝަލް ޓާފް" އެއް އޮންނާތީ، ދަނޑަށް ހޭނުމުގެ ގޮތުންނެވެ. އެ ގޮތުން ސިޓީއިން ވަނީ އެހެން މެޗުތަކާ ހިލާފަށް މި މެޗުގެ ފަހު ފަރިތަކުރުންތައް ސްވިޒަލެންޑުގެ ދަނޑުގައި ކުރިއަށްގެންގޮސްފަ އެވެ.
އެ ކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޔުއެފާ އިން މި ދަނޑުގައި މެޗު ކުޅެން ނިންމާނީ، އެކަމަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް ގަބޫލުކުރާ ކަމަށެވެ.
ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގުގެ 99 އިންސައްތަ ޓީމުތަކުން ވިނަ ދަނޑުގައި ކުޅުނު ނަމަވެސް ބައެއް މެޗުތައް މިގޮތަށް ކުޅެން ޖެހުމަކީ ވެދާނެކަމެއް ކަމަށެވެ.
އާޓިފިޝަލް ޓާފް ދަނޑުގައި މެޗުތައް އޭނާ ސަޕޯޓްނުކުރާ ކަމަށާއި، ސަބަބަކީ އެއީ ކުޅުންތެރިން އަނިޔާވުމާއި ގޭމްގެ ސްޕީޑަށް ބަދަލުތައް އަންނާތީކަމަށް ގާޑިއޯލާ ބުންޏެވެ.
އެހެންކަމުން, އެއް ދުވަސްކުރިން އައިސް ފަރިތަކުރުމުގައި އެންމެ ބޮޑަށް ބެލީ ދަނޑަށް ހޭނިލައި، ޓާފްގައި މަތީ ބޯޅަ ޕާސްކުރާއިރު އޭގެ ސްޕީޑު ދެނެގަތުން ކަމަށް ވެސް އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު, ގާޑިއޯލާ ބުންޏެވެ.
"ޔުއެފާއިން މި ދަނޑުގައި މެޗު ކުޅެނީ، މި ދަނޑުގެ ހާލަތު ރަނގަޅުވީމަ ކަަމަށް މި ބަލަނީ، އަހަރުމެން ކުރީބައިގައި މިއައީ ދަނޑަށް ހޭނެން. ބޯޅައިގެ ސްޕީޑު އެބަތަފާތުވޭ އެކި ދިމާލަށް ޖަހާއިރު، މިސާލަކަށް ކުރިއަށް ޖަހާ ޕާސްގެ ސްޕީޑާ، އަރިމައްޗަށް ޖަހާ ޕާސްގެ ސްޕީޑުވެސް ތަފާތު. މިކަަށް ހޭނިލަން ފަހު ޕްރެކްޓިސް މި ދަނޑުގައި މިކުރީ" ގާޑިއޯލާ ބުންޏެވެ.
ޓާފް ދަނޑާ ގުޅޭގޮތުން ސިޓީގެ ޑިފެންޑަރު މެނުއަލް އަކަންޖީ ބުނީ އެ ޓީމްގެ ކުޅުންތެރިންނަށް ޓާފް ދަނޑުގައި ކުޅެން އާދަވެފައި ނެތުމުން މި މެޗުގައި އިތުރަށް ސަމާލުވެގެން ކުޅެން ޖެހޭނެ ކަމަށެވެ.
ގްރޫޕް ޑީގެ އެއް ވަނައިގައި މި ވަގުތު އޮތީ ހަ ޕޮއިންޓާ އެކު ސިޓީ އެވެ. ދެ ވަނައިގައި ތިން ޕޮއިންޓް ހޯދައިގެން ލައިޕްޒިގު އޮތްއިރު، ޔަންގް ބޯއީސް އާއި ރެޑް ސްޓާ ބަލްގްރޭޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.












