ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ގަތުލްއާންމެއް ހިންގަމުންދާތީ، މި ދަނޑިވަޅު ފަލަސްތީނަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖެއިން ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ރޭ ނިންމި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނަށް މަސްދަޅު ހަދިޔާ ކުރަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
"ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ނިންމަވާފަ،" ޝާހިދު ވިދާޅުވި އެވެ.
އޭގެ އިތުރުން، ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތާއި ހައްގުތައް ކަށަވަރު ކުރަން ކުރާ މަސައްކަތްތަކަށް ރާއްޖެއިން ޝަރުތަކާ ނުލައި ތާއީދު ކުރަމުންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން މި ފުރުސަތުގައި ތަކުރާރުކުރަން،" ޝާހިދު ވިދާޅުވި އެވެ.

އޮކްޓޯބަރު 7، އިން ފެށިގެން އިޒްރޭލުން ގެންދަނީ ފަލަސްތީނަށް ވަރަށް ގަދަޔަށް ހަމަލާދެމުންނެވެ. އަދި އެއްވެސް ތަފާތު ކުރުމެއް ނެތި، ފަލަސްތީނުގެ ކުދި، ބޮޑު ގިނަ ބަޔަކު މިހާރު ވެސް ވަނީ މަރާލައިފަ އެވެ. ފަލަސްތީނުން މަރުވި މީހުންގެ އަދަދު 5،000 އަށް އަރައިފި އެވެ.
ގަތުލްއާންމުގެ އިތުރުން އިޒްރޭލުން ދަނީ ހަނގުރާމައިގެ ގިނަ، ބޮޑެތި ޖަރީމާތަކެއް ވެސް ހިންގަމުންނެވެ. އެގޮތުން ފެނާއި ކަރަންޓު ކަނޑާލުމާއި ހޮސްޕިޓަލުތަކަށް ބޮން އެޅުމާއި ކާބޯތަކެތި އުފައްދާ ތަންތަން ސުންނާފަތި ކުރުން ހިމެނެ އެވެ.
މުހިންމު ބައެއް ހަބަރު











