ބާސެލޯނާ (އޮކްޓޫބަރު 23) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ޖިރޯނާ މޮޅުވެ، ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ މެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ރެއާލުން މި ހަފްތާގައި ކުޅުނު މެޗު ވަނީ އެއްވަރުވެފަ އެވެ. ބާސެލޯނާ އިން ވަނީ 1-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފަ އެވެ. ޖިރޯނާ އިން ވަނީ 5-2 އިން އަލްމެރިއާގެ މައްޗަށް ކުރިހޯދައިފަ އެވެ.
މި ނަތީޖާތަކާ އެކު ލީގުގެ އެއް ވަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް އަލްމެރިއާ އަށް ވަނީ 10 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. ރެއާލް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 10 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ.
ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 80 ވަނަ މިނިޓްގަ އެވެ. ބަދަލަކަށް ކުޅެން އެރި 17 އަހަރުގެ މާކް ގީއޫ މި ގޯލު ޖެހީ ޔާއޯ ފެލިކްސް ދިން ބޯޅައަކުންނެވެ. ކުޅެން އެރިތާ 30 ސިކުންތު ހިނގި ފަހުން، ފެލިކްސް ދިން ބޯޅައަކަށް އަރައި، ގީއޫ ޖެހި ބޯޅަ ގޯލަށް ވަނީ ބިލްބާއޯގެ ކީޕަރު އުނާއި ސިމޯން އަތުގައި ޖެހިފަ އެވެ. ގީއޫ އަކީ ބާސެލޯނާގެ ސީނިއާ ޓީމަށް އެންމެ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ބަދަލަކަށް ގީއޫ ކުޅެން އެރުވިއިރު، ވެސް އޭނާ ގާތުގައި ލަނޑު ޖަހާނެ އެއް ފުރުސަތު ލިބޭނެ ކަމަށް ބުނި ކަމަށެވެ. އަދި އެ ފުރުސަތު ލިބުމުން ގީއޫ ބޭނުންހިފީ ވަރަށް ރަނގަޅަަށް ކަން ޒަވީގެ ވާހަކައިގައި ވަނީ ފާހަަގަކޮށްފަ އެވެ.
ޖިރޯނާ އަށް ރޭގެ މެޗުގައި ލަނޑުތަައް ޖަހައިދިނީ އާޓެމް ޑޮވްބީކް ދެ ގޯލާއި، އިވާން މާޓީން، ސާވިއޯ އަދި ކްރިސްޓިއަން ސްޓުއާނީ އެވެ. އަލްމޭރިއާގެ ދެ ގޯލު ވެސް ޖެހީ ލެއޯ ބަޕްޓީސްޓް އެވެ.












