ބާލިން (އޮކްޓޫބަރު 22) - ޖަރުމަން ލީގުގެ ކުރީގައި އުޅޭ ތިން ޓީމު ކަމަށްވާ ބަޔާ ލެވަކޫސެން، ސްޓުޓްގާޓާއި ބަޔާން މިޔުނިކުން ވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފަ އެވެ.
ލީގުގެ އެއް ވަނައިގައި އޮތީ 22 ޕޮއިންޓާ އެކު ލެވަކޫސެން އެވެ. ދެ ވަނައިގައި 21 ޕޮއިންޓާ އެކު ސްޓުޓްގާޓު އޮތްއިރު، ތިންވަނައިގައި ބަޔާން އޮތީ 20 ޕޮއިންޓާ އެކުގަ އެވެ.
ލެވަކޫސެން އިން ވަނީ ރޭ ކުޅުނު މެޗުގައި 2-1 އިން ވުލްފްސްބާގު ބަލިކޮށްފަ އެވެ. މި މެޗުގައި ލެވަކޫސެންގެ ދެ ގޯލު ޖަހައިދިނީ ޖެރެމީ ފްރިންޕޮންގް އާއި އެލެކްސް އެލެކްސް ގްރިމަލްޑޯ އެވެ. ވުލްފްސްބާގު ގޯލު ޖަހައިދިނީ މެކްޒެންސް ލެކްރޮއިޒް އެވެ.
ސްޓުޓްގާޓުން 3-0 އިން ޔޫނިއަން ބާލިން ބަލިކުރި މެޗުގައި ސެހްރޫ ގުރާސީ ވަނީ ގޯލެއް ޖަހާފަ އެވެ. މިއީ ލީގުގައި އޭނާ ޖެހި 14 ވަނަ ގޯލެވެ. ސްޓުޓްގާޓަށް ރޭ އަނެއް ދެ ގޯލު ޖަހައިދިނީ ސިލަސް ކަޓޮމްޕާ ވުމްޕާ އާއި ޑެނިޒް އުންޑާވް އެވެ.
ލީގުގައި ރޭ ބަޔާން މޮޅުވީ މައިންޒް އަތުން 3-1 އިންނެވެ. މި މެޗުގައި އިނގިރޭސި ފޯވާޑް ހެރީ ކޭން ގޯލެއް ޖެހި އެވެ. މިއީ ބަޔާނަށް ލީގުގައި ކުޅުނު އަށް މެޗުގައި އޭނާ ޖެހި ނުވަ ވަނަ ގޯލެވެ. އެޓީމްގެ އަނެއް ދެ ގޯލު މެޗުގައި ޖަހައިދިނީ ކިންގްސްލީ ކޯމަން އާއި ލިއޮން ގޮރެޓްޒްކާ އެވެ.
ލީގުގައި ރޭ ލެއިޕްޒެގުން ވަނީ ޑާމްސްޓަޑް ބަލިކޮށްފަ އެވެ. 3-1 އިން ލެއިޕްޒެގް މޮޅުވި މެޗުގައި އެޓީމްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ ލޮއިސް އޮޕެންޑާ އެވެ. އަނެއް ގޯލު ޖަހައިދިނީ އެމިލް ފޯސްބާގެވެ.












