"މިއީ ހަމާސް އިން ހޯދައިގަތް ގެއްލުމެއް، އިޒްރޭލަށް ހަމަލާ ދިނުމަކީ ހިތުން ވަރަށް މޮޅު ކަމެއް ކަމަށް އެމީހުން ހީކުރީ،" މިއީ ޒަޔަނިސްޓް ވިސްނުމުގެ ޔަހޫދީއަކު ބުނި އިބާރާތެއް ނޫނެވެ. އެކަމަކު މިއީ ހުޅަނގުގެ މީޑިއާތަކުން މިދިޔަ 80 ވަރަކަށް އަހަރުގެ ތެރޭގައި ކުރަހައިދިން ދޮގު ތަސައްވުރުގެ ތެރޭގައި ބޮޑުވި ދިވެއްސަކު ބުނި އިބާރާތެކެވެ.
މަކަރުވެރި ޕްރޮޕަގެންޑާއިން ކުރަހައިލި އެ ތަސައްވުރުގައި ހަމާސް އިން ހަމަލާ ދިނީ މިނިވަން ގައުމެއްގެ ކުށެއް ނެތް އާއްމުންގެ ބަޔަކަށެވެ. ރަހީނުކުރީ ކުށެއްނެތް އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުން މިދިޔަ 17 އަހަރު ހިސޯރުކޮށްފައި ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިންގަމުން އެދާ ގަތުލުު އާއްމަކީ "ފަލަސްތީނު- އިޒްރާއީލް ހަނގުރާމަ" އެއްގެ ގޮތުގައި މިޖީލުގެ މީހުންނަށް ފެންނަނީ ވެސް ހަމަ އެ ޕްރޮޕަގެންޑާގެ ސަބަބުންނެވެ.
ހަގީގަތް ސާފުވާން އޮތީ 1948 ވަނަ އަަހަރުން ފެށިގެން މިހައިތަށް ކަންހިނގި ގޮތް ބަލާލައިގެންނެވެ. މުސްލިމުންގެ ބިންތައް އެ ދައުލަތެއްގެ ގޮތުގައި އެންމެ ފަހުން ހިންގި އުސްމާނީ ހިލާފަތު ނައްތައިލުމަށް ފަހު، އިނގިރޭސިން ޔަހޫދީންނަށް ހަދިޔާކުރި ފަލަސްތީނުގައި އިޒްރޭލުގެ ނަމުގައި ދައުލަތެއް އުފެއްދި ހިސާބަށް ޖެހިލައިގެންނެވެ.
އިޒްރޭލު އުފެއްދުން، ބެލްފޯ ޑެކްލަރޭޝަން
ތުރުކީގައި މަރުކަޒުކޮށްފައި އޮތް އުސްމާނީ ޚިލާފަތް ނައްތައިލުމަށް އިނގިރޭސީންނާއި ޔޫރަޕްގެ އެހެން ބާރުތައް ގުޅިގެން ކުރަމުން ދިޔަ ހަނގުރާމަ ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށް އިނގިރޭސި ހާރިޖީ ވަޒީރު އާތާ ޖޭމްސް ބެލްފޯ އިނގިރޭސިވިލާތުގެ ޔަހޫދީ ލީޑަރު ލިއޮނެލް ވޯލްޓާ ރޮތުސްޗައިލްޑަށް ސިޓީ އެއް ފޮނުވި އެވެ. އެންސައިކްލޮޕީޑިއާ ބްރިޓޭނިކާގައި ލިޔެފައިވާ ގޮތުގައި 1917، ނޮވެމްބަރު 02 ގައި އެ ސިޓީގައި އިނގިރޭސި ދައުލަތުން ޔަހޫދީންނަށް ވައުދުވެފައި އޮތީ ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ދައުލަތެއް އުފައްދައި ދިނުމަށެވެ.
ތާރީހު ލިއުންތެރިން އެ ވައުދަށް ދީފައިވާ ނަމަކީ "ބެލްފޯ ޑެކްލަރޭޝަން" އެވެ.
ދުނިޔޭގެ ޗާޓްތަކުގައި "އިޒްރޭލު"ގެ ގޮތުގައި މިހާރު ކުރަހާފައި އެ އޮތް ސަރަހައްދުގެ އާބާދީގެ 90 ޕަސެންޓަކީ އޭރު ފަލަސްތީނުގު އަސްލު ވަޒަންވެރިން ކަމަށްވާ އަރަބީންނެވެ.
އިނގިރޭސީން ޔަހޫދީންނަށް ވީ ވައުދު ފުއްދުމަށް ޓަކައި، އުސްމާނީ ހިލާފަތު ނައްތައިލުމަށް ފަހު ފަލަސްތީނު ބޭއްވީ އިނގިރޭސި ދައުލަތުގެ އަޅުވެތިކަމުގަ އެވެ. އެކަން 1923 ވަނަ އަހަރުން ފެށިގެން 1948 ވަނަ އަހަރާ ހަމައަށް ދެމެހެއްޓި އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން، ހާއްސަކޮށް ޔޫރަޕުން އެ ސަަރަހައްދަށް ޔަހޫދީން ޖަމާކުރި އެވެ.
ފަލަސްތީނު މީހުންނަށް ރޭކާލި އިރު މުޅި ސަރަހައްދުގެ "ޑާމޮގްރަފީ" އިނގިރޭސީން އޮތީ ބަދަލުކޮށްފަ އެވެ.
1930ގެ އަހަރުތައް، އަރަބީން ތެދުވުން
ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން އިނގިރޭސިން ހިންގި މަޝްރޫއު ވަރަށް ބޮޑަށް ކާމިޔާބުކޮށްފައި ވަނިކޮށް، ފަލަސްތީނުގެ އަރަބީން އެކަމާ ދެކޮޅަަށް ތެދުވީ 1936 ވަނަ އަހަރު އެވެ. "އަރަބް ނެޝަނަލް ކޮމިޓީ"ގެ ނަމުގައި އުފެއްދި ޖަމާއަތުން ފަލަސްތީނުގެ އަރަބީންނަށް ގޮވައިލީ އިނގިރޭސިންނަށް ޓެކްްސް ދެއްކުން ހުއްޓައިލުމަށާއި ޔަހޫދީންގެ އުފެއްދުންތައް ބޯކޮޓް ކުރުމަށެވެ. ކުރުކޮށް ބުނާ ނަމަ އިނގިރޭސި އިސްތިއުމާރާ މަދަނީ ގޮތުން ދެކޮޅު ހެދުމަށެވެ.
އަމިއްލަ ހައްގު ހޯދަން ފަލަސްތީނު މީހުން އެވަރުވެސް ކޮށްލިޔަ ނުދިނުމަށް ޓަކައި އިނގިރޭސިން ގިނަ އަދަދެއްގެ ފަލަސްތީނީން ހައްޔަރުކުރުމާއި ގެތައް ބިމާހަމަކުރުމެވެ. ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ބިންތަކުގައި މިހާރު ވެސް ކުރިއަށް އެ ގެންދަނީ އިނގިރޭސީން އޭރު ފެށި ސިޔާސަތެވެ.
ފަލަސްތީނުގެ އަސްލު ވަޒަންވެރީން ކަމަށްވާ އަރަބީންގެ ބިންތައް ފޭރި، އެ ތަންތަނުގައި ޔަހޫދީން އާބާދުކުރުމާ ދެކޮޅަށް ދެވަނަ ހަރަކާތެއް ފެށީ 1937 ވަ ވަނަ އަހަރު އެވެ. އެ ފަހަރު އިނގިރޭސި އިސްތިއުމާރީ ސިފައިންނާ ކުރިމަތިލީ އަސްކަރީ ގޮތުންނެވެ.
އެހައިތަނުން ފެށިގެން އިނގިރޭސީން ފަލަސްތީނަށް ސިފައިންނާއި ހަތިޔާރު ޖަމާކުރަމުން ގޮސް 1939 ވަނަ އަހަރާ ހަމައަށް އައި އިރު 30،000 އަށް ވުރެ ގިނަ އިނގިރޭސި ސިފައިން ފަލަސްތީނުގައި ތިއްބެވެ.
ނަސްލު ނައްތައިލުމުގެ ހަރަކާތް ވަރުގަދަކުރީ އެހިސާބުންނެވެ. އޭރު ކުރަމުން ދިޔަ ކަމަކީ ފަލަސްތީނުގެ އަވަށްތަކަށް ބޮން އެޅުމާއި ފަލަސްތީނު މީހުން އުޅޭ އަވަށްތަކުގައި ކާފިއު ހިންގުމާއި މީހުން ހައްޔަރުކޮށް ބަންދުގައި ބައިތިއްބައިގެން މެރުމެވެ.
ފަހު ކަމެއްގެ ގޮތުން ޔަހޫދީ ހަނގުރާމަވެރި ޖަމާއަތްތައްް އުފައްދައި އިނގިރޭސީން އެމީހުންނަށް ހަތިޔާރާއި ތަމްރީނު ދިނެވެ. ހަތިޔާރު އުފައްދާ ކާރުހާނާ ތައް ވެސް އެމީހުންނަށް ގާއިމްކޮށްދިނެވެ.
"އިޒްރެއިލީ ޑިފެންސް ފޯސް"ގެ ނަމުގައި މިހާރު އޮތް އަސްކަރިއްޔާގެ ހިތަކީ "ހަގަނާ"ގެ ނަމުގައި އޭރު އުފެއްދި ޔަހޫދީ ޓެރަރިސްޓް ޖަމާއަތެކެވެ.
1947، ޔޫއެން ޕާޓިޝަން ޕްލޭން
ޔަހޫދީ ހަނގުރާމަވެރި ޖަމާއަތްތަކުން ފަލަސްތީނުގެ އަސްލު ވަޒަންވެރިންނަށް ދޭން ފެށި ހަމަލާތަކަކީ ދާހިލީ ހަމަނުޖެހުމެއް ކަމަށް ސިފަކޮށް، އޭގެ "ހައްލެއް" ކަމަށް ބުނެ ޔަހޫދީންނަށް ބޮޑު ބައި ލިބޭ ގޮތަށް ފަލަސްތީނު ބަހައިލުމުގެ ޕްލޭނެއް އދ. އިން އެކުލަވައިލީ 1947 ވަނަ އަހަރު އެވެ.
މިހާރެކޭ އެއްގޮތަށް އދ. އަކީީ އޭރުވެސް އިނގިރޭސިންނާއި އެމެރިކާނުން ބޭނުން ގޮތަކަށް ހިންގާ ޖަމާއަތެކެވެ.
އެ ޕްލޭނުގައި އޮތީ ފަލަސްތީނުގެ ބިމުގެ 55 ޕަސެންޓް، އެ ތަނުގެ އާބާދީގެ އެންމެ 33 ޕަސެންޓްގެ ގޮތުގައި އޭރު ތިބި ޔަހޫދީންނަށް ދީފައި އަނެއްބައި އަރަބީންނަށް ބޭއްވުމަށެވެ. އަދި ފަލަސްތީނުގެ ފެނުގެ ވަސީލަތްތަކާއި ދަނޑުވެރިކަމަށް ރަނގަޅު ހުރިހާ ބިންތަކެއް ޔަހޫދީންނަށް ދޭ 55 ޕަސެންޓްގެ ތެރޭގައި ހިމެނުމަށެވެ.
އެ ޕްލޭނާ ފަލަސްތީނު މީހުން ދެކޮޅު ހެދި ނަމަ ވެސް އދ.ގެ މެމްބަރު 181 ގައުމަކުން ވޯޓުދީގެން އެކަން ފާސްކުރި އެވެ.
1948، ނަކުބާ: ފަލަސްތީނުގެ ބިންތަކުން އަސްލު ވަޒަންވެރިން ބޭރުކޮށްލުން
އިނގިރޭސީން ޔަހޫދީންށް އުފައްދައިދިން ހަނގުރާމަވެރި ޖަމާއަތްތައް ބާރުގަދަކޮށް ނިންމާފައި 1948 ވަނަ އަހަރު އިނގިރޭސި ސިފައިން ފަލަސްތީނުން ފޭބި އެވެ. ފަލަސްތީނުގެ ސަހަރުތަކާއި އަވަށްތައް ސުންނާފަތި ކުރުމުގެ ޖަރީމާތައް ޔަހޫދީ ހަނގުރާމަވެރި ޖަމާއަތްތަކުން އޭރުވެސް އޮތީ ފަށައިފަ އެވެ.
ނަސްލު ނައްތައިލުމުގެ ހަރަކާތް ފުޅާ ދާއިރާއެއްގައި ފެށުމުގެ ގޮތުން ޔަހޫދީ ޖަމާއަތްތަކުން ފުރަތަމަ ވަދެގަތީ ގުދުސްގެ ކައިރީގައި އެހައިތަނަށް އޮތް އަވަށެއް ކަމަށްވާ ދައިރު ޔާސީން އަށެވެ. އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތުން 100 އަށް ވުރެ ގިނަ ފަލަސްތީނީން އެ އަވަށުގައި އެންމެ ދުވަހެއްގެ ތެރޭގައި ގަތުލުކުރި އެވެ.
ޔަހޫދީން ހަނގުރާމަވެރި ޖަމާއަތްތަކުން 1947 ވަނަ އަހަރު ފެށި އެހަރަކާތް ފުޅާކޮށް ، އިޒްރޭލު އުފައްދައި 1949 ވަނަ އަހަރާ ހަމައަށް ފަލަސްތީނުގެ 500 އަވަށެއް މުޅީން ނެތިކޮށްލި އެވެ.
އެކަމުގެ ތެރޭގައި ހިންގި ގަތުލުއާއްމު ތަކުގައި 15،000 އަށް ވުރެ ގިނަ މީހުން މަރައިލި ކަމަށް "ރަސްމީ" ރެކޯޑްތަކުން ދައްކަ އެވެ. ގެދޮރުން ބޭރުކޮށް، ރެފިއުޖީންނަށް ހަދައިލި ފަލަސްތީނީންގެ އަދަދަކީ 750،000 އެވެ.
އެހުރިހާ ޖަރީމާތަކަށް ފަހު ޔަހޫދީ ދައުލަތް އިއުލާނުކުރީ 1948، މެއި 15، ގަ އެވެ. އެ ދައުލަތުގެ ސަރަހައްދު ކަމަށް ކަނޑައެޅި ސަރަހައްދުގައި އެހައިތަނަށް ތިބި 150،000 އަށް ވުރެ ގިނަ ފަލަސްތީނީން ވަޒަނުން ބޭރުކޮށްލީ އެންމެ ދުވަހެއްގެ ތެރޭގަ އެވެ. "ނަކުބާ"ގެ ނަމުގައި ފަލަސްތީނު މީހުން މިހާރު ފާހަގަ ކުރަނީ އެދުވަހެވެ.
އިޒްރޭލުން އަދިވެސް ކުރިއަށް ގެންދަނީ އެހަރަކާތް
އިޒްރޭލުގެ ދައުލަތް އޭރު އުފެއްދީއްސުރެ މިއަދާ ހަމައަށް ވެސް އެ ދައުލަތުން ކުރަމުން އަންނަ ކަމަކީ ފަލަސްތީނު މީހުންގެ ބިންތައް ފޭރުމެވެ. އެކަމާ ދެކޮޅަށް އަރަބީން ތެދުވީ ދެތިން ފަހަރަކު އެވެ. އެ ގޮތުން ކުރި އެއް ހަނގުރާމައަކީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމަ އެވެ. އިޒްރޭލު އުފެއްދި އިރު އަތްދަށު ނުލެވި ހުރި ގިނަ ބިންތަކަކަށް ވެރިވެގަތީ އެ ހަނގުރާމައިގަ އެވެ.
މުސްލިމުންގެ ތިން ވަނަ ހަރަމްފުޅު އަލް މަސްޖިދުލް އަގުސާ އެ ސަހަރެއްގައި ވާ އަލް ގުދުސް (ޖެރޫސަލަމް) އާއި މިހާރު ހަމަލާ ދެމުން އެ ގެންދާ ޣައްޒާ ވެސް ހިފީ އެ ހަނގުރާމައިގަ އެވެ.
އެ ބިންތަކަށް ވެރިވުމާ އެކު ޔަހޫދީން އާބާދުކުރުމުގެ ބޮޑު މަޝްރޫއެއް އިޒްރޭލުން ފެށި އެވެ. ހުޅަނގު އައްސޭރިއާއި ޣަައްޒާގައި ވެސް އެކަން ކުރިއަށް ގެންދިޔަ އެވެ.
ޣައްޒާގައި ގާއިމްކުރި ޔަހޫދީ އާބާދީ ނައްތައިލީ ފަލަސްތީނުގެ މުޖާހިދުން ދޭ ހަމަލާތަަކަށް ކެތްނުކުރެެވިގެން 2004 ވަނަ އަހަރު އެވެ. އޭގެ އެއް އަހަރު ފަހުން ފަލަސްތީނު މީހުން، އެމީހުންގެ ވެރިކަން ދިނީ ޣައްޒާ މިހާރު ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތަަށެވެ.
ޔާސިރު އަރަފާތު އަވަހާރަވީ ފަހުން ޔަހޫދީ ދައުލަތް ރުހޭހާ ގޮތަކަށް ހިންގާ ފަތަހަ ޖަމާއަތުން އެކަން ބަލައި ނުގަނެ، ހުޅަނގު އައްސޭރިން ހަމާސް ބޭރުކޮށްލީ ހަނގުރާމަކޮށްގެންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ހަމާސް ގެ ވެރިކަން އޮތީ ޣައްޒާގަ އެެވެ.
ޣައްޒާ ބަންދުކޮށްފައި އޮންނަތާ 17 އަހަރު
ހިންގުމުގެ އެއްވެސް ކަމަކަށް އިޒްރޭލުގެ ބާރު ނުފޯރާ ގޮތަށް ހަމާސް އިން ޣައްޒާ ކޮންޓްރޯލްކުރަން ފެށުމާ އެކު އިޒްރޭލުން 2004 ވަނަ އަހަރު އެރަށް ހިސޯރުކުރި އެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުންނެވެ.
އެންމެ އަސާސީ ވަސީލަތްތައް ވެސް ނުލިބޭ ގޮތަށް ހިސާރުކޮށްފައި ބާއްވައިގެން އިޒްރޭލުން 2008، 2012، 2014 އަދި 2021 ވަނަ އަހަރު ވެސް ޣައްޒާއަށް ބޮން އެޅި އެވެ.
ދަގަނޑާއި ސިމެންތި ފަދަ ބާވަތްތައް އެރަށަށް އެތެރެކުރިޔަ ނުދޭތީ 2008 ވަނަ އަހަރުއްސުރެ ހަލާކުވީ އެއް ވެސް އާބާދީއެއް އަލުން ބިނާ ނުކުރެވެ އެވެ. އެހާލަތުގައި ތިބި ޣައްޒާގެ އާއްމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ގެންދަނީ ވައިޓް ފޮސްފޮރަސް ފަދަ، ބައިނަލް އަގުވާމީ ގޮތުން މަނާކޮށްފައިވާ ނުރައްކާތެރި ހަތިޔާރުތައް ބޭނުންކުރަމުންނެވެ.
އެކަމަކު އެއިން ކޮންމެ ފަހަރަކު ބައިނަލް އަގުވާމީ މީޑިއާތަކުން އެ އުދުވާންތައް ރިޕޯޓްކުރީ "ހަނގުރާމަ" އެއްގެ ގޮތުގަ އެވެ.
ހަމާސް އިން މިދާކަށް ދުވަހު އިޒްރޭލަށް ދިން ހަމަލާ އަކީ ބޭކާރު ގޮތުގައި ދިން ހަމަލާއެއް ކަމަށް މީހުންނަށް ސިފަ ވަނީ ހުޅަނގެ މީޑިއާތަކުން ރޭވުންތެރިކަމާ އެކު ކުރަހައިދީފައި އޮތް ތަސައްވުރުގެ ސަބަބުންނެވެ. ހަމާސްގެ ބާރުގެ ދަށުގައި މިދިޔަ 17 އަހަރު ޣައްޒާ އޮތީ އާއްމު ހާލަތުގައި ކަމަށް ބަލައިފި ނަމަ އެެއީ ބޭކާރު ހަމަލާ އެކެވެ.
އިޒްރޭލުން ހިސާރުކޮށްފައި ބާއްވައިގެން ދިން ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ޣައްޒާގެ ހާލަތު އޮތީ އެގޮތަަކަށް ނޫނެވެ. އެ ރަށުގެ 64 ޕަސެންޓް ގޭބިސީއަށް ރަނގަޅަށް ކާބޯތަކެތި ނުލިބެ އެވެ. އާބާދީގެ 45 ޕަސެންޓް މީހުންނަށް އާމްދަނީއެއް ނުލިބެ އެވެ. ޣައްޒާގެ 2.3 މިލިޔަން މީހުން ތިބީ "އޯޕަން އެއާ ޕްރިޒަން" އެއް ގަ އެވެ.
ޣައްޒާގައި ހިނގަނީ ހަނގުރާމައެކޭ ބުނެވެން ނެތީ މިހެންވެ އެވެ. އެރަށުގައި ކުރިއަށް އެ ދަނީ 1948 ވަނަ އަހަރު އުފެއްދި ޔަހޫދީ ދައުލަތަށް ފަލަސްތީނުގެ ބިމުގެ 100 ޕަސެންޓް އަތުލަން އޭރު ފެށި މަސައްކަތެވެ.












