ރޮސާރިއޯ، އާޖެންޓީނާ (އޮކްޓޫބަރު 20) - އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ އާ ސީޒަން ފަށަން ދެން ކުރު މުއްދަތުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޓީމަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށް އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.
އެމްއެލްއެސްގެ ޕްލޭއޮފުން އިންޓަ މިއާމީ އަށް ފުރުސަތު ގެއްލުމުން، ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި މެސީ، 36، އެނބުރި ކުރީގެ ކްލަބް ބާސެލޯނާ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވެދާނެ ކަމަށް މީޑިއާގައި .ވާހަކަ ދެކެވުނެވެ.
ބާސެލޯނާ އިން އެ ވާހަކަ ދޮގުކޮށްފައިވަނިކޮށް، އާޖެންޓީނާގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މެސީ ވެސް ވަނީ ވިސްނުމަކީ އިންޓަ މިއާމީ އަށް ފޯކަސްކޮށް، ފިޓްކޮށް ހުންނަން މަސައްކަތް ކުރުންކަމަށް ބުނެފަ އެވެ.
"ވަރަށް ގިނަ އަހަރުތަކެއް ކޮށްފައި އަހަންނަށް ރަނގަޅު ބްރޭކެއް މި ލިބެނީ ޑިސެމްބަރުގައި. އެހެންވީމަ އަހަރެން ވަރަށް ރަނގަޅަށް އޭގެ ބޭނުންހިފައި. ޖެނުއަރީގައި ޕްރީ ސީޒަނެއް ފަށައިގެން، ފިޓްކޮށް ހުރެ، އާ ސީޒަނަކަށް ތައްޔާރުވާން މަސައްކަތް ކުރާނަން، ފޯކަސް އަކީ އިންޓަ މިއާމީއާ އެކު ރަނގަޅު އަހަރުތަކެއް ހޭދަކުރުން،" ޓައިކް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.
މި ސީޒަނުގައި އިންޓަ މިއާމީން ކުޅޭ ފަހު މެޗު އޮންނާނީ މާދަމާ ޝާލޮޓް އެފްސީއާ ދެކޮޅަށެވެ. އަނިޔާގެ ސަބަބުން އިންޓަ މިއާމީން އެންމެ ފަހުން ކުޅުނު މެޗުތަކުގައި މެސީ ނުކުޅެ އެވެ. އެކަމަކު، އާޖެންޓީނާ އިން އެންމެ ފަހުން ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިން ދެ މެޗުގައި މެސީ ކުޅެފައިވާއިރު، އިންޓަ މިއާމީގެ ފަހު މެޗުގައި ވެސް މެސީ ކުޅޭނެ ކަަން މި ވަނީ ޔަގީންވެފަ އެވެ.
ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ "ބެލޮންޑިއޯ އެވޯޑް" މި ފަަހަރު ލިބެނީ މެސީ އަށް ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މެސީ ވަނީ ހަތް ފަހަރު ބެލޮންޑިއޯ ހޯދައިފަ އެވެ.












