ދަރަމްސާލާ، އިންޑިއާ (އޮކްޓޫބަރު 18) - އައިއީސީ ކްރިކެޓް ވޯލްޑް ކަޕްގައި ރޭ ދެކުނު އެފްރިކާ އަތުން 38 ލަނޑުން ނެދަލޭންޑްސް މޮޅުވެއްޖެ އެވެ.
މިއީ މުބާރާތުގެ އެއް ފޭވަރިޓް ކަމަށްވާ ދެކުނު އެފްރިކާ އަތުން އަހަރެއްގެ ތެރޭގައި ނެދަލޭންޑްސް މޮޅުވި ދެ ވަނަ ފަހަރެވެ.
ވިއްސާރައިގެ ސަބަބުން 43 އޯވަރަށް ކުރުކޮށްގެން އިންޑިއާގެ ދަރަމްސާލާގައި ކުޅުނު މެޗުގައި، ފުރަތަމަ ކުޅެންއަރައި 8 ވިކެޓަށް ނެދަލޭންޑްސް އިން 245 ލަނޑު ހެދިއެވެ. ނެދަލޭންޑްސްގެ ކެޕްޓަން ސްކޮޓް އެޑްވަޑްސް ވަނީ ނުބައިނުވެ 78 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެންއަރައި، ދެކުނު އެފްރިކާ އަށް 42.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 207 ލަނޑެވެ. ނެދަލޭންޑްސްގެ ބޯލަރުންގެ ތެރެއިން ލޯގަން ވެން ބީކް ތިން ވިކެޓު ނެގިއިރު، ޕޯލް ވެން މީކެރަން އާއި ރޮއެލޮފް ވެން ޑަ މާވަ އަދި ބަސް ޑެލީޑް، ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ވިކެޓު ނަގައިފަ އެވެ.
ނެދަލޭންޑްސް އިން ވަނީ މިދިޔަ އަހަރުގެ ނޮވެެމްބަރު މަހު ޓީ20 ވޯލްޑް ކަޕްގައި ވެސް ދެކުނު އެފްރިކާ ބަލިކޮށްފަ އެވެ.
މިއީ މި އަހަރުގެ އައީސީ ވޯލްޑް ކަޕްގެ ދެ ވަނަ "ސަޕްރައިޒް" އެވެ. މީގެ ތިން ދުވަސް ކުރިން އަފްގާނިސްތާނުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑް އަތުން މޮޅުވެފަ އެވެ.
ދެކުނު އެފްރިކާ ޓީމުގެ ކެޕްޓަން ޓެމްބާ ބަވޫމާ ބުނީ މިއީ ލަދުވެތި ނަތީޖާއެއް ކަމަށެވެ.
"ހަނދާން ނައްތާލެވޭ ވަރުގެ ނަތީޖާއެއް ނޫން މިއީ. ވަރަށް ދެރަ ނަތީޖާއެއް މިއީ. އެކަމަކު މި ހިސާބުން އަދި މުބާރާތް ނުނިމޭ،" ބަވޫމާ ބުންޏެވެ.
ވޯލްޑް ކަޕްގައި މިއަދު ކުޅޭ މެޗުގައި ނިއު ޒީލެންޑް ބައްދަލުކުރާނީ އަފްގާނިސްތާންއާ އެވެ.












