މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 16) - އެމެރިކާ ލީގު، މޭޖާލީގުސޮކާ (އެމްއެލްއެސް)ގެ ކްލަބް، އިންޓަ މިއާމީން އެ ޓީމުގެ ބްރޭންްޑް ވަރުގަދަ ކުރުމުގެ ގޮތުންނާއި އިޝްތިހާރު ކުރުމުގެ ވިސްނުމުގައި އެ ޓީމުގެ ތަރި، ލިއޮނަލް މެސީގެ ބޭނުންހިފަން ތައްޔާރުވެއްޖެ އެވެ.
މިދިޔަ ޖޫން މަހު، ޕީއެސްޖީ ދޫކޮށް އިންޓަ މިއާމީއާ ގުޅުނު މެސީ ވަނީ އެ ކްލަބާ އެކު މިހާތަނަށް ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު، މި ފަހުން މެސީ އަނިޔާގައި ހުރި މުއްދަތުގައި އިންޓަ މިއާމީގެ ނަތީޖާތަށް ދަށްވުމާ ގުޅިގެން، އެ ޓީމަށް ޕްލޭއޮފްސްގެ ޖާގައެއް ނުލިބުނެވެ. އެހެންވެ، މި މަހު 21 ވަނަ ދުވަހުން ފެށިގެން މި އަހަރަށް އިންޓަ މިއާމީ އަށް ސީޒަން ނިމުނީ އެވެ.
އެ ގޮތުން، އިންޓަ މިއާމީން ވަނީ އޮފް ސީޒަނުގެ ތެރޭގައި ޕްލޭންތަކެއް ހަދައި، ކްލަބް އިސްތިހާރު ކުރަން ކަންތައްތަކެއް ކުރަން ރާވައިފަ އެވެ. އޭގެ ފުރަތަމަ ކަމެއްގެ ގޮތުގައި އަންނަ މަހު ކުރީކޮޅުގައި ޗައިނާގައި ކޭމްޕެއް ކޮށް، ޗައިނީސް ސުޕަ ލީގުގެ ދެ ޓީމަކާ އެކު، އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެ އެވެ.
"އަހަރެމެން ޓީމުގައި މި ހުރީ ދުނިޔޭގެ ގިނަ ބަޔަކު ދެކޭގޮތުގައި އެންމެ މޮޅު ކުޅުންތެރިޔާ (މެސީ). އޭނަގެ ބޭނުން ހިފައިގެން މި ކްލަބް ޕްރޮމޯޓް ކުރެވިދާނެ. އަހަރެމެންގެ ޓީމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެޗުތައް ކުޅެފިއްޔާ، މި ކްލަބްގެ ކަންކަން ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ،" އިންޓަ މިއާމީގެ ޗީފް ބިޒްނަސް އޮފިސަރު، ޒަވިއޭ އަސެންސީ ބުންޏެވެ.
ޗައިނާގައި އަންނަ މަހު ފަސް ވަނަ ދުވަހު އިންޓަ މިއާމީން ކުޅޭ މެޗުގައި ނުކުންނާނީ ޖިންޑާއޯ ހަނިއޫއާ އެވެ. އޭގެ ތިން ދުވަސް ފަހުން ކުޅޭނީ ޗެންގްޑޫ ރޮންގްޗެންއާ އެވެ.
ކުރިއަށް އޮތްތަނުގައި އިންޓަ މިއާމީން ޔޫރަޕްގެ ގައުމުތަކުގައި ވެސް ޓުއާ ކުރިއަށްގެންދިއުމުގެ ވިސްނުން ގެންގުޅެ އެވެ.












