ނިއު ދިއްލީ (އޮކްޓޯބަރު 16) - މިހާރު ކުރިއަށްދާ އައިސީސީ އޯޑީއައި ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑު އަތުން އަފްގާނިސްތާނުން ތާރީހީ މޮޅެއް ހޯދައިފި އެވެ.
މީގެ ކުރިން ބޭއްވި ވޯލްޑް ކަޕް، 2019ގެ ޗެމްޕިއަން އިންގްލެންޑް އަތުން އަފްގާނިސްތާން މޮޅުވީ 69 ލަނޑުންނެވެ. މިއީ ކްރިކެޓް ވޯލްޑް ކަޕްގެ ތާރީޚިގައި އަފްގާނިސްތާން މޮޅުވި ދެ ވަނަ މެޗެވެ. އަފްގާނިސްތާން ވޯލްޑްކަޕްގެ މެޗެއް ފުރަތަމަ ފަހަރަށް ކާމިޔާބުކުރީ 2015ގަ އެވެ. އޮސްޓްރޭލިއާ އަދި ނިއުޒީލެންޑުގައި އެ ފަހަރު އޮތް މުބާރާތުގައި އެ ޓީމް މޮޅުވީ ސްކޮޓްލެންޑް އަތުންނެވެ.
އިންޑިއާގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގެ ލީގު ބުރުގައި އަފްގާނިސްތާން ކުރިން ކުޅުނު ދެ މެޗުން ބަލިވިއިރު މި މެޗަކީވެސް އެ ޓީމު ބަލިވާނެ މެޗެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި އެވެ. ސަބަބަކީ އެންމެ ފަހުން ކުޅުނު މެޗުގައި އިންގްލެންޑުން ރަނގަޅު ފޯމެއްގައި ކުޅޭ 139 ލަނޑުން ބަންގަލަދޭޝް ބަލިކޮށްފައި އޮތުމެވެ.
އިއްޔެ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ނިންމީ އުކަން އަރާށެވެ. އަފްގާނިސްތާން ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 284 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 56 ބޯޅައިން 80 ލަނޑު ހެދި ރަހުމަނުﷲ ގުރުބާޒު އާއި 66 ބޯޅައިން 58 ލަނޑު ހެދި އިކްރާމް އަލިކިލް އެވެ.
މި އިނިންގްސްގައި އިންގްލެންޑު ޓީމުން އެންމެ ރަނގަޅަށް އުކީ 10 އޮވަރުގައި 42 ލަނޑަށް 3 ވިކެޓު ނެގި އާދިލް ރާޝިދު އާއި ނުވަ އޯވަރުގައި 50 ލަނޑަށް ދެ ވިކެޓު ނެގި މާކް ވުޑް އެވެ.
ޖަވާބުގައި އިންގްލެންޑް ޓީމް ކުޅެން އަރައި 40.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 215 ލަނޑެވެ. މި އިނިންގްސްގައި އިންގްލެންޑް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 61 ބޯޅައިން 66 ލަނޑު ހެދި ހެރީ ބްރޫކް އެވެ.
އަފްގާނިސްތާނުގެ ބޯލަރުން މޮޅަށް ކުޅުނު މި މެޗުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުޖީބުއްރަހުމާން ވަނީ 10 އޯވަރުަގއި 51 ލަނޑަށް ތިން ވިކެޓު ނަގައިފަ އެވެ. އަނެއްކޮޅުން އެ ޓީމުގެ ތަރި ރާޝިދު ހާންވެސް ވަނީ 9.3 އޯވަރުގައި 37 ލަނޑަށް ތިން ވިކެޓު ނަގާފަ އެވެ. ތަޖުރިބާކާރު ސްޕިނަރު މުހައްމަދު ނަބީވެސް މި މެޗުގައި ދެ ވިކެޓު ނެގި އެވެ.
މިއީ ބައިނަލްއަގުވާމީ ކްރިކެޓް މެޗެއްގައި އަފްގާނިސްތާނު އަތުން އިންގްލެންޑް ބަލިވި ފުރަތަމަ މެޗެވެ.
ކްރިކެޓް ވޯލްޑް ކަޕްގެ ލީގު ބުރުގެ މެޗުތައް މިހާރު ކުރިއަށްދާއިރު، އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވާ އިންޑިއާ އެވެ. ދެ ވަނައިގައި އޮތް ނިއުޒީލެންޑުން ވެސް ވަނީ ތިން މެޗު ކާމިޔާބުކޮށްފަ އެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން މޮޅުވެފައިވާ ސައުތު އެފްރިކާ އެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ވާދަކުރާނީ މި ވަގުތު ލީގު ބުރުގެ ތާވަލްގެ ފުލުގައި އޮތް އޮސްޓްރޭލިއާ އާއި އަށް ވަނައިގައި އޮތް ސްރީ ލަންކާ އެވެ. ދެ ޓީމު ވެސް މިހާތަނަށް މި މުބާރާތުގައި މެޗަކުން މޮޅުވެފައެއް ނުވެ އެވެ.












