ލަކްނައު، އިންޑިއާ (އޮކްޓޫބަރު 13) - އިންޑިއާގައި މިހާރު ކުރިއަށްދާ ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ އަތްދަށުވެ، އޯޑީއައި ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާގެ އެންމެ ތަފާތު ބޮޑު ބައްޔާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އޮސްޓްރޭލިއާ އަތުން ދެކުނު އެފްރިކާ މި މެޗުން މޮޅުވެފައިވަނީ 134 ލަނޑުންނެވެ. އޮސްޓްރޭލިއާ ވަނީ ފުރަތަމަ މެޗުން ދެ ހަ ވިކެޓުން އިންޑިއާ އަތުން ވެސް ބަލިވެފަ އެވެ. އެހެންކަމުން، މިއީ އޮސްޓްރޭލިއާ އިން ވޯލްޑް ކަޕްގައި ދަށްކޮށް ފެށި ފަހަރެކެވެ.
ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ގަސްދުކުރީ ފީލްޑް ކުރުމަށެވެ. އެ ގޮތުން، ދެކުނު އެފްރިކާ އިން ވަނީ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 311 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅަށް ކުޅުނީ 109 ލަނޑު ހަދައި، ސެންޗަރީއެއް ފުރިހަމަކުރި ކުއިންޓަން ޑީ ކޮކް އެވެ. ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ވެސް ޑީ ކޮކް ވަނީ 100 ލަނޑު ހަދައި، ސެންޗަރީއެއް ފުރިހަމަކޮށްފަ އެވެ.
ޑީ ކޮކް އަކީ އޭބީ ވިލިއާސް އަށް ފަހު އޯޑީއައި ވޯލްޑް ކަޕެއްގެ ފުރަތަމަ ދެ މެޗުގައި ސެންޗަރީ ހެދި ހަމައެކަނި ކުޅުންތެރިޔާ އެވެ.
ޖަވާބުގައި އޮސްޓްރޭލިއާ އިން ކުޅެން އަރައި، 40.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 177 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 46 ލަނޑު ހެދި މާނުޝް ލަބުޝާންޔޭ އެވެ.
އޯޑީއައި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ހަތަރު ޓީމެއް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އެއީ ދެކުނު އެފްރިކާ، ނިއު ޒީލެންޑް، އިންޑިއާ އަދި ޕާކިސްތާން އެވެ. ނިއު ޒީލެންޑުން މިއަދު ބަންގްލަދޭޝާ ކުޅޭނެ އެވެ. މާދަމާ އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗު އޮންނާނެ އެވެ.












