މީގެ 17 އަހަރު ކުރިއްސުރެ އިޒްރޭލުން ހިސާރުކޮށްފައި އޮތް ގާޒާއަށް ދޭ ހަމަލާތައް ވަރުގަދަވާ ކޮންމެ ފަހަރަކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމުން އަވަސްވެގަންނަނީ ގާޒާގެ ރައްޔިތުންނަށް ފޮނުވާނެ އެހީގެ ތަކެތި އެއްކުރުމަށެވެ. ރާއްޖޭގައި ވެސް ހަމަ ކޮންމެ ފަހަރަކު ހެން އެ ހަރަކާތް ކުރިއަށް ގެންދެ އެވެ.
ރާއްޖެ އާއި އެހެން އެތައް ގައުމެއްގެ ރައްޔިތުން ހެޔޮހިތުން އެއްކުރާ އެހީގެ ތަކެތި ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެކަމަކު ވަރަށް ދަތި އުނދަގޫ ކަމެކެވެ. އިޒްރޭލުން އެކަމަށް ކުރިމަތިކުރާ ހުރަސްތައް ނައްތައިލަން އދ. އިން އިއްޔެ ވެސް ގޮވައިލި އެވެ.
އިންސާނީ އެހީ ދޭން ގާޒާގައި ތިބި އދ.ގެ އޮފިޝަލުން އިއްޔެ ބުނި ގޮތުގައި އެ ސަހަރުން ކާބޯތަކެތި ދަނީ ހުސްވަމުންނެވެ. އެއީ އެހީގެ އެއްވެސް އެއްޗެއް އެ ސަހަރަށް އެތެރެ ކުރެވެން ނެތީމަ އެވެ.
"ބަންދުކޮށްފައިވާ މި ތަނުގައި ތިބި 2.3 މިލިޔަން މީހުންނަށް ބޭރުން އެއްވެސް އެހީއެއް ގެނެވޭކަށް ނެތެވެ. މީގެ ތެރެއިން 220،000 މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ.ގެ އެެޖެންސީ "ޔޫއެން.އާރް.ޑަބްލިއު.އޭ" އިން ހިންގާ ސްކޫލްތަކުގަ އެވެ،" ގާޒާގެ ހާލަތާބެހޭ މައުލޫމާތު އާއްމު ކުރަން އދ. ގެ ވެބްސައިޓްގައި އިއްޔެ ޖެހި ލިއުމެއްގައި ބުންޏެވެ.
ރަފަހު ކްރޮސިން، އެހީގެ ހަމަ އެކަނި މަގު
މީގެ 17 އަހަރު ކުރިން ފެށިގެން އިޒްރޭލުން ވަރުގަދައަށް ހިސޯރުކޮށްފައިވާ ގާޒާއަށް އެހީގެ ތަކެތި ގެންދެވޭ ހަމަ އެކަނި މަގަކީ، މިސްރުގެ ސީނާއިން ގައްޒާއަށް ދާން އޮންނަ މަގު "ރަފަހު ކްރޮސިން" އެވެ. މިސްރުން އެ މަގު ބަންދުކުރި ކަމުގެ ހަބަރު ފެތުރުނު ނަމަވެސް އެ ގައުމުން ބުނީ އެ މަގު ބަންދު ނުކުރާ ކަމަށާއި އެެހެން ނަމަވެސް އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ގާޒާގައި ތިބި ފަލަސްތީނުގެ އޮފިޝަލުން ސީއެންއެންއަށް އިއްޔެ މައުލޫމާތު ދީފައިވާ ގޮތުގައި ރަފަހުގެ ގާޒާއާ ވީ ފަޅިއަށް އިޒްރޭލުން ތަކުރާރުކޮށް ބޮން އެޅުމުގެ ސަބަބުން އެ ސަރަހައްދު ބަންދުވެފައި އޮންނަތާ ދެ ދުވަސް ވެއްޖެ އެވެ.
ރަފަހުގެ ހާލަތު އެހެން އޮތް ނަމަވެސް މިސްރުން އިއްޔެ ބުނީ އެކި ގައުމުތަކުން އެހީގެ ތަކެތި ހިފައިގެން ދަތުރުކުރާ މަތިންދާ ބޯޓުތައް ސީދާ ސީނާއަށް ދަތުރުކުރުމުގެ ފުރުސަތު އެ ގައުމުން އޮތީ ހުޅުވައިލައިފަ އެވެ. އަދި އެއްގަމު މަގުން ސީނާ ހުރަސްކޮށް ގާޒާއަށް ދަތުރުކުރުމުގެ ފުރުސަތު ވެސް އެ ގައުމުން އޮތީ ހުޅުވައިލައިފަ އެވެ.
މިސްރުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ރަފަހުގެ ގާޒާ ފަޅިއަށް އިޒްރޭލުން މެދުނުކެނޑި ބޮން އަޅާތީ މީގެ ކުރިން އެހީގެ ތަކެތި ގެންދިޔަ ގޮތަށް މިހާރު ނުގެންދެވެ އެވެ. އެކަން ހުއްޓައިލަން މިސްރުން އިޒްރޭލު ސަރުކާރުގައި އެދިފައިވާ ކަމަށް ވެސް މިސްރު އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވެފައި ވެ އެވެ.
މިސްރުން ބުނި ގޮތުގައި ގާޒާ ބޯޑަރުން ފެށިގެން 45 ކިލޯމީޓަރު ދުރުގައި، މިސްރުގެ ސީނާގައި އޮން އަލް އަރީޝް އެއާޕޯޓް އޮތީ ގަތަރާއި އުރުދުން އިން ދަތުކުރާ މަތިންދާ ބޯޓްތަކުން ގެންދާ އެހީގެ ތަކެތި ލިބިގަންނަން ތައްޔާރުކޮށްފަ އެވެ.
އެހެން ނަމަވެސް އިންސާނީ އެހީ ހިފައިގެން ގާޒާއަށް ދަތުރުކުރާ މަގަށް އަމާންކަން ލިބެންދެން އެހީގެ ތަކެތި ބަހައްޓާނީ އެއާޕޯޓުގައި ކަމަށް ވެސް އެ ގައުމުން ބުންޏެވެ.
މިސްރުގެ ސަލާމަތީ އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވެފައިވާ ގޮތުގައި އެހީގެ ތަކެތި ގާޒާއަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އދ. އިން ވަނީ މިސްރަށާއި އުރުދުންއަށް ދީފަ އެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރާނެ ގޮތުގެ ތަފްސީލެއް އދ. އަކުން ނުދެ އެވެ.
އެހީގެ ތަކެތި ފޯރުކޮށް ދިނުމަށް ޓަކައި ހަމަލާ ދިނުން ވަގުތީ ގޮތުން ހުއްޓައިލަން އިޒްރޭލަށް ބާރު އަޅަން މިސްރާއި އެމެރިކާއިން ކުރިއަށް ގެންދިޔަ މަޝްވަރާތަކުން ނުކުތް ނަތީޖާއެއް އަދި ނޭނގެ އެވެ.
ކަން މިހެން ހުރި އިރު އދ. އިން އިން ބުނީ ގާޒާގައި ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު އެންމެ 24 ގަޑިއިރުގެ ތެރޭގައި 30 ޕަސެންޓުން އިތުރުވެފައިވާ ކަމަށެވެ. އެ އިތުރުވުމާ އެކު، ގެދޮރު ނެތި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 300،000 (ތިން ލައްކަ) އިން މައްޗަށް ގޮސްފަ އެވެ.
އެ އެންމެނަށް ވެސް އެހީގެ ގޮތުގައި ކާނާ އާއި އަސާސީ އެހެން އެތައް އެއްޗެއް ފޯރުކޮށްދޭން ޖެހެ އެވެ.












