މި މަހު 12-24 އަށް މެލޭޝިއާގައި ކުރިއަށްދާ 19 އަަހަރުން ދަށުގެ އޭސީސީ މެންސް ޕްރިމިއާ ކަޕްގައި ވާދަކުރަން ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު މިއަދު މެލޭޝިއާ އަށް ފުރައިފި އެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނެނީ ސިންގަޕޫރާއި ކުވެއިތު އަދި ތައިލެންޑާ އެކު ގްރޫޕް ސީގަ އެވެ. ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުޅޭ ގޮތަށް މުބާރާތުގެ ފޯމެޓް ރޭވިފައިވާއިރު، ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ޓީމެކެވެ.
ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މި މަހު 12 ވަނަ ދުވަހު ކުޅޭނީ ސިންގަޕޫރާ އެވެ. ދެ ވަނަ މެޗުގައި 16 ވަނަ ދުވަހު ތައިލެންޑާ ބައްދަލުކުރާނެ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ނުކުންނާނީ ކުވެއިތާ ދެކޮޅަށެވެ. ގްރޫޕްގެ ފަހު މެޗު އޮންނާނީ މި މަހު 18 ވަނަ ދުވަހު އެވެ.
ޒުވާން ކްރިކެޓް ޓީމުގެ ކޯޗަކަށް ހަމަޖައްސައިފައިވަނީ އިސްމާއިލް ނިހާދު އެވެ. އަދި ޓީމުގެ މެނޭޖަރަކީ މުހައްމަދު އަޝްރަފް އެވެ.
މި ދޮޅު މަހެއްހާ ދުވަހަކީ ރާއްޖޭގެ ކްރިކެޓަށް ހާއްސަ ދުވަސްވަރެެކެވެ. އެ ގޮތުން، ރާއްޖޭގެ ކްރިކެޓް ޓީމުތަކުން ކައިރިކައިރީގައި ތިން މުބާރާތެއްގައި ވާދަކުރަން ޖެހިފައިވެ އެވެ. އެއީ، ދާދި ފަހުން ޗައިނާގައި ނިމުނު ހަންގްޒޫ އޭޝިއަން ގޭމްސް އާއި ގަތަރުގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕްގެ ސަބް-ރީޖަނަލް ކޮލިފައިން އެވެ.
ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗު ސްރީ ލަންކާގެ ޕަސިންދު ލިޔަނާރަޗީ، މީގެ ކުރިން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ތިން މުބާރާތުގެ ތެރެއިން އޭނާ ރާއްޖޭގައި ހާސިލްކުރަން ޓާގެޓަށް ދާން އެ މަސައްކަތަށް ބޭނުންވާ ކަންކަން ރަނގަޅަށް ދެނެގަނެވޭނެ ކަމަށެވެ.












