މިލާން (އޮކްޓޫބަރު 10) - އެކުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އޭނާ އަށް އެންމެ މޮޅު ކުޅުންތެރިއަކީ އިޓަލީގެ ލެޖެންޑު ރޮބާޓޯ ބާޖިއޯ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ ވަނީ 1990 ވަނަ އަހަރުން ފެށިގެން 2006އާ ހަމައަށް ސީނިއާ ކެރިއަރުގައި 400 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ ބްރެޝިއާ، ރޯމާގެ އިތުރުން ގަތަރުގެ އަލް އަހްލީ ހިމެނެ އެވެ.
ބާސެލޯނާގެ ސީނިއާ ޓީމަށް 11 އަހަރު ކުޅުމަށް ފަހު ގާޑިއޯލާ އިޓަލީގެ ބްރެޝިއާ އަށް ބަދަލުވީ އުމުރުން 30 އަހަރުގަ އެވެ. އޭރު ކެރިއަރުގެ އެންމެ ފަހުކޮޅަށް އެޅިފައިހުރި އިޓަލީގެ ލެޖެންޑު ރޮބާޓޯ ބާޖިއޯ ވެސް ކުޅުނީ ބްރެޝިއާ އަށެވެ. އެ ސީޒަންގައި ގާޑިއޯލާ ވަނީ ބްރެޝިއާ އަށް 11 މެޗު ކުޅެދީފަ އެވެ.
އިޓަލީގައި ކުރިއަށްދިޔަ ފަންޑްރައިސިން ހަރަކާތެއްގެ ތެރެއިން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން ގާޑިއޯލާ ބުނީ އޭނާއާ އެކު ކުޅުނު ކުޅުންތެރިންގެ ތެރެއިން ބާޖިއޯ އަކީ އެންމެ ހުނަރުވެރި އަދި މޮޅު ކުޅުންތެރިއާ ކަމަށެވެ. އަދި މިއީ އޭނާ ވިސްނާފައި ޖަވާބުދޭ ވަރަށް ވުރެ ވެސް ފަސޭހަ ސުވާލެއް ކަމަށެވެ.
"ހަމަޔަގީނުންވެސް ރޮބާޓޯ ބާޖިއޯ. އެވަރުގެ ކުޅުންތެރިއަކާ އެކު ނުކުޅެން" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ، އިޓަލީގެ ބްރެޝިއާ އަށް ދިޔައީ އެޓީމްގެ އޭރުގެ މިޑްފިލްޑަރު އަންދްރޭ ޕިރްލޯ އެ ކުލަބު ދޫކޮށްލުމުން އޭނާ ނެތްތަން ފޫބެއްދުމަށެވެ. އެކަމަކު، މަނާ ބޭހަކަށް ޕޮޒިޓިވްވެ އޭނާ ހަތަރު މަހަށް އޭރު ސަސްޕެންޑްކުރި އެވެ. އެކަމުގެ ސަބަބުން ކުޅުމަށް އަސަރުކޮށް އޭނާ އިޓަލީގައި ހޭދަކުރި ތިން ސީޒަނުގައިވެސް އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
ގާޑިއޯލާ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2006 ވަނަ އަހަރު މެކްސިކޯގެ ޑޮރާޑޯސް އަށް ކުޅެފަ އެވެ.
ޖެހިގެން އައި އަހަރު ބާސެލޯނާގެ ޔޫތު ޓީމާ އެކު ކޯޗިން ކެރިއަރު ފެށި ގާޑިއޯލާ ވަނީ ބާސެލޯނާގެ ސީނިއާ ޓީމާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ކުލަބަށް ތިން ތަށި ހޯދައިދީފަ އެވެ. އޭގެ ފަހުން ގިނަ ކާމިޔާބީތަކެއް އެކުލަބަށް ހޯދައިދިނުމަށްފަހު އޭނާ ބަދަލުވި ޖަރުމަންގެ ބަޔާން މިއުނިކަށެވެ. އެ ކުލަބުގައި ހަތަރު ސީޒަން ހޭދަކުރުމަށްފަހު މިހާރު އޭނާ ކޯޗުކޮށްދެމުން އަންނަނީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށެވެ. ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރު އެވެ.












