"އެއްގަމާއި ކަނޑާއި ވައިގެ މަގުން ގާޒާ ހިސާރުކޮށްފައި އޮތް އޮތުމަކީ އެއްވެސް އިސްތިސްނާއެއް ނެތި މުޅި އާބާދީއަށް ދޭ އަދަބެކެވެ،" ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކަށް ފޮނުވި ސިޓީގައި ގާޒާގެ ހާލަތު ސިފަކުރަމުން ބުނެފައި ވެ އެވެ.
ގާޒާ އެގޮތަށް ހިސާރުކޮށްފައި ބާއްވައިގެން އެ ރަށުގެ ރައްޔިތުންނާ ދެކޮޅަަށް އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވަން މަަސައްކަތް ނުކުރާތީ އެ ޖަރީމާތަކުގެ ޒިންމާ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުން ނަގަން ޖެހޭނެ ކަމަށް އެ ޖަމާއަތްތަކުން ބުންޏެވެ.

އިޒްރޭލުން ގާޒާއަށް ބޮން އަޅަނީ
ފަލަަސްތީނު މީހުންގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ތިން ޖަމައާތަކުން ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކަށް ފޮނުވި ހުޅުވާލާފައިވާ ސިޓީގައި ގޮވައިލީ މިހާރު ހިނގަމުންދާ ހަމަނުޖެހުން އެކަމަކަށް މޫލާފައިވާ މައްސަލަ ހައްލުކޮށްދިނުމަށެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު 15 ގައުމަށް އެ ސިޓީ ފޮނުވީ ފަލަސްތީނު މީހުންގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަލް ހައްގު، އަލް މީޒާން ސެންޓަ ފޯ ހިއުމަން ރައިޓްސް ގުޅިގެންނެވެ.
ސިޓީގައި އެ ޖަމާއަތްތަކުން ސިފަކުރި ގޮތުގައި ފަލަސްތީނު މީހުންނަށް މިދިޔަަ ދެ އަހަރަކީ އެންމެ ލޭއޮހޮރުވުން ބޮޑު ދެ އަހަރެވެ.
"އިޒްރޭލުން ވަނީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގާޒާގައި އަސްކަރީ ބޮޑެތި ހަތް ހަރަކާތް ހިންގައިފަ އެވެ. އެކަމުގެ ސަަބަބުން ގާޒާ ސްޓްރިޕް ވެފައި ވަނީ އިންސާނުންނަށް ދިިރިނޫޅެވޭ ވަރުގެ ތަނަކަށެވެ،" އިންސާނީ ހައްގުތަކަށް މަސައްކުރާ ޖަމިއްޔާތަކުގެ ސިޓީގައި ބުންޏެވެ.
އެމެރިކާއިން ދިފާއުކުރަނީ އިޒްރޭލު
ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެ ސިފަކުރާ ފަދަ ހާލަތެއްގައި ގާޒާގެ ރައްޔިތުން މިދިޔަ 17 އަހަރު ދުވަސް ހޭދަކުރި އިރު އެ ރަށް ކޮންޓްރޯލްކުރަމުން އައީ ހަމާސް ޖަމާއަތުންނެވެ. އެޖަމާއަތުން މިފަހަރު އިޒްރޭލަށް ދިން ކުއްލި ހަމަލާގެ އެއް ސަބަބަކީ ވެސް އެޔެވެ. އެހެން ނަމަވެސް އިޒްރޭލާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފިޔަވަޅެއް ނޭޅެނީ އެފަދަ ކަމެއް ކުރިޔަ ނުދޭން އެމެެރިކާއިން ކުރާ މަސައްކަތުގެ ސަބަބުންނެވެ.
މިފަހަރު ވެސް އެމެރިކާއިން އަވަސްވެ ގަތީ އިޒްރޭލު ދިފާއުކުރުމަށެވެ. އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭަޓް އެންޓޮނީ ބްލިންކެން މިހާރު ވަނީ ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދާއި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިހު އަބްދުﷲ ބިން ޒާއިދު އަލް ނަހުޔާންއާ ގުޅުއްވައި ވާހަކަ ދައްކަވައިފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގައްޒާގެ ސަރަހައްދެއް ވީރާނާ ވެފައި
އެ ވާހަކަތަކަށް ފަހު ބްލިންކެންގެ ތަރުޖަމާނު ނެރުނު ބަޔާނުގައި ބުނީ "އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހައްގު އިޒްރޭލަށް އޮތް ކަން" އެ ވާހަކަތަކުގައި އޭނާ ފާހަގަ ކުރެއްވި ކަމަށާއި އިޒްރޭލާ މުއާމަލާތް ކުރަން އެ ދެ ގައުމަށް ބާރު އެޅުއްވި ކަމަށެވެ.
ސައުދީއާއި ޔޫއޭއީއަށް ވެސް ބްލިންކަން ދެއްވި މެސެޖަކީ އެމެރިކާއިން މަސައްކަތް ކުރާނީ ހަމާސް އިން އިޒްރޭލަށް ދޭ ހަމަލާތައް ހުއްޓުވަން ކަމުގެ މެސެޖެވެ. ހަމާސް އިން ރަހީނުކޮށްފައިވާ މީހުން ސަލާމަތްކުރަން މަސައްކަތް ކުރާނެ ކަމަށް ބްލިންކަން ވިދާޅުވި ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.
ސަލާމަތީ މަޖިލީހުން ބަޔާނެއް ނުނެރެވުނީ އެމެރިކާއިން ބާރު އެޅުމުން
ހަމާސްއާ އިޒްރޭލުން ހަނގުރާމަ ފެށުމުން އދ.ގެ ސަލާމަތީ މަޖިލީހުން ކުއްލި ބައްދަލުވުމެއް ބޭއްވި އެވެ. އަލްޖަޒީރާ ބުނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ސަލާމަތީ މަޖިލީހުން ބަޔާނެއް ނުނެރެވުނީ ގައުމުތަކަށް އެއްބަސްނުވެވިގެންނެވެ.
އެ ބައްދަލުވުމުގައި އެމެރިކާއިން ގޮވައިލީ ސަލާމަތީ މަޖިލީހުގެ މެމްބަރު 15 ގައުމުން ވެސް ހަމާސް ޖަމާއަތް ކުށްވެރިކުރުމަށެވެ. ޑިޕްލޮމޭޓުންނާ ހަވާލާދީ އަލްޖަޒީރާ ބުނި ގޮތުގައި އެމެރިކާއިން އެގޮތަށް ބާރު އެޅި އިރު ރަޝިޔާއާއި އެގައުމަށް ތާއީދުކުރާ ގައުުމުތަކުން މަސައްކަތްކުރީ ހަމަ އެކަނި ހަމާސް ކުށްވެރިކުރުމުގެ ބަދަލުގައި ފުޅާ ދާއިރާއެއްގައި މުޅި މައްސަލައަށް އަމާޒުކުރާ ބަޔާނެއް ނެރުމަށެވެ.
އެ ބައްދަލުވުން ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ކުރިއަށް ދިޔަ އެވެ.
އިޒްރޭލު ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުން ހުއްޓުވުމަށް ފަހު އެމެރިކާއި އެގައުމަށް ތާއިދުކުރާ ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ އިޒްރޭލަށް ތާއީދުކޮށް ބަޔާނެއް ނެރެފަ އެެވެ.
މެދު އިރުމަތީގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެއީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ސީދާ ގޮތެއްގައި ވާގި ދިނުމެވެ.
މިޑުލް އީސްޓް ކައުންސިލް އޮން ގްލޯބަލް އެފެއާޒްގެ އުމަރު ރަހުމާން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އެެއީ އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގަން ދިން ފެހި ސިގްނަލެކެވެ.
"މިއީ ހަމަ ފުރިހަމަ ފެހި ސިގްނަލެއް. އިޒްރޭލުން ކުރަން އުޅޭ ކަންތައް ހުއްޓުވަން އެއްވެސް މަަސައްކަތެއް ނުކުރޭ، ސީދާ ހަނގުރާމައިގެ ކުށްތައް ހިންގަމުން ދާއިރު. ވަކި ތަނެއް ނުބަލައި ބޮން އަޅައި ސްކޫލްތަކާއި މިސްކިތްތަކާއި ހޮސްޕިޓަލްތައް އަދި މީހުން ހިޔާވަހިކަން ހޯދާ އާއްމު އިމާރާތްތައް ގޮއްވަމުން އެދަނީ. އަދި [އިޒްރޭލުގެ ވެރިން] ފާޅުގައި ގޮވަމުން އެ ގެންދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަން،" އޭނާ ވިދާޅުވެފައި ވެ އެވެ.
އިޒްރޭލުން ހިންގާ ޖަރީމާތައް އެމެރިކާއިން ދިފާއުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އިޒްރޭލު ދެމެހެއްޓުމުގައި އެމެރިކާ އަކީ އަބަދުވެސް އެންމެ ބުރަކޮށް މަސައްކަތްކުރާ ގައުމެވެ.












