ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީން މަޖިލީހަށް ފޮނުވާފައިވާއިރު، އެ ގަރާރު ބަލައިނުގަންނާނެ ކަމުގެ އިޝާރާތެއް ނަޝީދު އިއްޔެ ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދެން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އަންނަ ދައުރުގައި ކަމަށެވެ. އެއީ މީގެ ކުރިން އެފަދަ މައްސަލައެއް މި ދައުރުގައި ހުށަހަޅައި، އަނބުރާ ގެންގޮސްފައިވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަސްލު ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރުނެތް ކަމުގެ އެއް މައްސަލަ. މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ. މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް އަނބުރާ ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މިކަން ވާނީ،" ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާ މުހާތަބުކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ނަމަ ކަންތައް ކުރަންވީ ގޮތް އެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ލިޔެފައިވާ އަށް ނުކުތާއެއްގައި ބަޔާންކޮށްފައިވާއިރު، އެއް ދައުރެއްގައި ދެ ފަހަރަށް އެފަދަ ގަރާރެއް ހުށަނޭޅޭނެ ކަމަށް ބުނެފައެއް ނެތެވެ.
ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ފުރަތަމަ ހުށަހެޅި މައްސަލަ އަނބުރާ ނެގީ ނަޝީދު އެ މައްސަލަ އެޖެންޑާ ކުރެއްވި ފަހުންނެވެ. އެ މައްސަލަ އަނބުރާ ނެގީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެމްޑީޕީއަށް ނާކާމިޔާބުވުމާ ގުޅިގެން ނަޝީދާއި ދަ ޑިމޮކްރެޓްސްއާ އެކު މަޝްވަރާތައް ކުރިއަށް ދިޔަ ވަގުތުގަ އެވެ.

އޭރު އެ މައްސަލަ ނެގުމަށް ފަހު ނަޝީދުގެ އިތުބާރު ނެތްކަމުގެ ދެވަނަ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ވަނީ ނިންމައިފަ އެވެ. އެގޮތަށް ފާސްކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މުހިންމު ބައެއް ހަބަރު

އިޒްރޭލްގެ ހަމަލާއެއްގެ ގާޒާ ސިޓީގެ އިމާރާތެއް ބިމާ ހަމަވެފައި.












