ރިޕޯޓުގާޒާއިން ދިން ތާރީހީ ހަމަލާއާ އެކު އިޒްރޭލަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް

ގާޒާއިން ދިން ތާރީހީ ހަމަލާއާ އެކު އިޒްރޭލަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް

ހޮނިހިރު ދުވަހުގެ ހަމަލާއަކީ ކުރިން ރާވައި ބޮޑެތި ތައްޔާރީތަކެއްވި ހަމަލާއެއް ކަމަށް ޔަގީންކުރެވެ އެވެ. އެކަމަކު އިޒްރޭލުގެ ޖާސޫސީ ފަރާތްތައް ފެއިލްވެ ހަމަލާގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އިޒްރޭލް މީހުން ދިރިއުޅޭ ހިސާބަކަށް ލިބިފައިވާ ގެއްލުން. -- ފޮޓޯ: ގެޓީ އިމޭޖާޒް
އިޒްރޭލް މީހުން ދިރިއުޅޭ ހިސާބަކަށް ލިބިފައިވާ ގެއްލުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ހޮނިހިރު ދުވަަހުގެ ހެނދުނު ފަލަސްތީނުގެ ގައްޒާއިން އިޒްރޭލަށް އަމާޒުކޮށް ހަމަލާ ދޭން ފެށީ ރޮކެޓުތައް ފޮނުވައި، ހަނގުރާމަވެރިން އިޒްރޭލުގެ ކޮމިޔުނިޓީތަކަށް ޓާގެޓުކޮށްގެންނެވެ.

އިޒްރޭލަކީ ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު އުފެއްދި ޔަހޫދީ ދައުލަތެކެވެ. އެ ދައުލަތް އުފެއްދި އިރު އޮތް ސަރަހައްދަށް ވުރެ އެތައް ގުނައެއް އިތުރަށް ހިފީ އޭގެ ފަހުން ކުރި ހަނގުރާމަތަކުގަ އެވެ.

އަގްސާ މިސްކިތް އެ ތަނެއްގައިވާ އިރުމަތީ ގުދުސަކީ ވެސް އިޒްރޭލު އުފެއްދި ފަހުން ހިފި ސަރަހައްދެކެވެ.

ފުރަތަމަ ހަމަލާ

ގައްޒާގައި ވެރިކަން ކުރާ ހަމާސް ގްރޫޕްގެ އަސްކަރީ ވެރިޔާ މުހައްމަދު ދެއިފް ހޮނިހިރު ދުވަހު ބުނީ އިޒްރޭލަށް އަމާޒުކޮށް 5،000 ރޮކެޓު ލޯންޗުކޮށްފައިވާ ކަމަށެވެ. އިޒްރޭލް ސިފައިން ބުނީ ލޯންޗުކުރީ 2،200 ރޮކެޓު ކަމަށެވެ. މުޅި ދުވަސް ރޮކެޓު ފޮނުވުމަށް ފަހު ހަވީރު ވަގުތަށް އެޅި އިރު ތެލް އަވީވްގައި އޮތީ ސައިރެންތައް ޖައްސައިފަ އެވެ.

މީގެ ކުރިން 2014 ގައި ކުރި ގައްޒާ ހަނގުރާމައިގައި ހޭދަވި 50 ދުވަހުގެ ތެރޭގައި ފަލަސްތީންގެ ގްރޫޕްތަކުން ލޯންޗުކުރީ 4،000 ރޮކެޓެވެ. އެހެންކަމުން، ހޮނިހިރު ދުވަހުގެ ހަމަލާއަކީ ކުރިން ރާވައި ބޮޑެތި ތައްޔާރީތަކެއްވި ހަމަލާއެއް ކަމަށް ޔަގީންކުރެވެ އެވެ. އެކަމަކު އިޒްރޭލުގެ ޖާސޫސީ ފަރާތްތައް ފެއިލްވެ އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ރޮކެޓު ފޮނުވުމުގެ އިތުރުން ފަލަސްތީނުގެ ހަނގުރާމަވެރިން ގައްޒާއިން ނިކުމެ އިޒްރޭލުގެ ބިންތައް ކަމަށް ބުނާ ހިސާބުތަކަށް އެތެރެވި އެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް ސާފެއް ނޫނެވެ. ހަމާސްއިން ވަނީ ގައްޒާ ބަންދުކުރަން އިޒްރޭލުން ޖަހާފައިވާ ފެންސު ފޫއަޅުވާލައި ސައިކަލުގައި ހަނގުރާމަވެރިން ދަތުރު ފެށި ވީޑިއޯ އާއްމުކޮށްފަ އެވެ.

އިޒްރޭލުގެ މީޑިއާއިން ބުނީ ފަލަސްތީނުގެ ހަނގުރާމަވެރިން ޕެރެގްލައިޑްކޮށްފައި ގޮސް، ބާކީ ތިބި މީހުންނަށް ފެންސުގެ ގޭޓުތައް ހުޅުވައިދިނީ ކަމަށެވެ. ޕެރެގްލައިޑަރުންގެ ދަތުރު ފެންނަ ވީޑިއޯއެއް ވެސް ދައުރުވި އެވެ.

އިޒްރޭލް ސިފައިންްގެ ތަރުޖަމާނު ރިޗާޑް ހެޗްޓް ބުނީ "އެއްގަމާއި، ކަނޑާއި، ވައިގެ މަގުން" ހަނގުރާމަވެރިން ހަރަކާތްތެރިވި ކަމަށެވެ.

މަރުވި އަދަދު

އިޒްރޭލުން ބުނީ މިހާތަނަށް އެ ގައުމުގެ 300 މީހުން މަރުވެ 1،600 މީހުންނަށް އަނިޔާވި ކަމަށެވެ.

ހަމާސްގެ ހަމަލާއަށް ރައްދު ދިނުމަށް އިޒްރޭލުން ވަނީ އާދައިގެ މަތިން ގައްޒާއަށް އަޅާ ބޮންތައް އިތުރުކޮށްފަ އެވެ. ފަލަސްތީނުން ބުނީ ގައްޒާއިން 232 މީހުން މަރުވެ، 1،700 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. ފަލަސްތީން މީހުން ދިރިއުޅޭ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ވެސް ވަނީ އަނިޔާތަކެއް ވެފަ އެވެ.

ހަމަލާއަށް ދިން ރައްދު

އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާންކޮށްފަ އެވެ.

"އަޅުގަނޑުމެން މި ތިބީ ހަނގުރާމައިގައި، މިއީ އޮޕަރޭޝަނެއް ނޫން،" ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވީޑިއޯ މެސެޖުގައި ބުންޏެވެ.

މީގެ ކުރިން ދުވަހަކު ވެސް ނުކުރާ ވަރު ކޮށް ބަދަލުހިފާނެ ކަމުގެ އިންޒާރު ދެމުން ނަތަންޔާހޫ ބުނީ ރިޒާވް ސިފައިން ނެރުމުގެ އަމުރެއް ވެސް ދީފައިވާނެ ކަމަށެވެ.

ހަމާސްގެ އަސްކަރީ ގޮފި، ގައްސާމް ބްރިގޭޑްސްގެ ލީޑަރު ދެއިފް ގޮވާލީ ފަލަސްތީނުގެ ހުރިހާ ރައްޔިތުންނާއި ހަނގުރާމަވެރި އެހެން ގްރޫޕްތަކުން އިޒްރޭލާ ދެކޮޅަށް ތެދުވުމަށެވެ.

އިޒްރޭލާ ދެކޮޅަށް 2006 ވަނަ އަހަރު ހަނގުރާމަ ކުރި ލުބްނާންގެ ހިޒްބުﷲ އިން ވަނީ ހަމާސްގެ ހަމަލާއަށް ތައުރީފުކޮށްފަ އެވެ.

"އަޅުވެތިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް އޮތް ހަމައެކަނި ގޮތަކީ ހިތްވަަރުކޮށްފައި ތެދުވުން. މިއީ އަރަބި އަދި އިސްލާމީ ދުނިޔެ އާއި މުޅި ބައިނަލްއަގްވާމީ ދުނިޔެއަށް މެސެޖެއް،" ހިޒްބުﷲ އިން ބުންޏެވެ.

"ވަކިން ހާއްސަކޮށް ދުޝްމަނުންނާ އެކު ގުޅުން ގާއިމްކުރަން މަސައްކަތް ކުރާ މީހުންނަަށް އޮތް މެސެޖެއް،" ސައުދީ އަރަބިއްޔާއަށް އިޝާރާތް ކުރަމުން އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.

މިހާރުގެ ހާލަތު

ހަމާސްއިން ވަނީ އިޒްރޭލުގެ ގިނަ އަދަދެއްގެ ބަޔަކު އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި އާއްމުންނާއި ސިފައިން ހިމެނެ އެވެ. ބެލެވޭ ގޮތުގައި އެ އެންމެން ގެންދިޔައީ ގައްޒާއަށެވެ.

ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުން ބުނީ 22 ލޮކޭޝަނެއްގައި ހަމަލާ ބަދަލުކުރަމުންދާ ކަމަށާއި ގައްޒާ ވަށައި ޖަހާފައިވާ ފެންސު ކައިރިއަށް އިތުރު ސިފައިން ފޮނުވާފައިވާ ކަމަށެވެ.

އޭގެ އިތުރުން ގައްޒާއިން ދަންވަރުގެ ވަގުތު ކަރަންޓު ކަނޑާލައި ބޮން އަޅަމުން ގެންދިޔަ އެވެ. އެ ތަނަށް ބޭނުންވާ ޒަރޫރީ އެއްވެސް އެއްޗެއް ނުލިބޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފަސްފަހަތް

މިއީ މީގެ 50 އަހަރު ކުރިން މިސްރުން ފެށި 1973 ހަނގުރާމައަށް ފަހު އިޒްރޭލާ ދެކޮޅަށް ކުއްލި ގޮތަކަށް މިހާ ބޮޑުކޮށް ދިން ފުރަތަމަ ހަމަލާ އެވެ.

ހަމާސް އާއި ހިޒްބުﷲ އިން ބުނީ ހަމަލާ ދިނީ އިރުމަތީ ގުދުސްގައި އަލ އަގްސާ މިސްކިތުގެ މައްސަލައިގައި އިޒްރޭލުން އަމަލު ކުރާ ގޮތަށް ރައްދު ދިނުމަށް ކަމަށެވެ.

މި ދުވަސްކޮޅަކީ ޔަހޫދީންގެ ގިނަ ދީނީ ދުވަސްތަކެއް ދިމާވާ ދުވަސްވަރެވެ. އަލް އަގްސާގައިވާ "ވެސްޓަން ވޯލް" ކައިރިއަށް ޔަހޫދީން ދިޔުމުގެ ހުއްދަ އޮވެ އެވެ.

އެހެން ނަމަވެސް، މިހާރަކަށް އައިސް، ޔަހޫދީން ފާހަގަކުރާ ދުވަސްތަކާ ދިމާކޮށް، އަލް އަގްސާ މިސްކިތުގައި އޮޕަރޭޝަންތައް ހިންގައި، މިސްކިތާއި ގޯތިތެރެއިން ފަލަސްތީނު މީހުން ގަދަކަމުން ނެރެ އެވެ.

މީގެ ކުރިން 2021 ގައި ވެސް އަގްސާ މިސްކިތުގެ މައްސަލަ ހޫނުވެ، ހަމާސްއިން ރޮކެޓު ހަމަލާތައް ފޮނުވި އެވެ. އެ ފަހަރު ރައްދުގައި އިޒްރޭލުން ބޮން އަޅައި، ދެ ހަފުތާ ވަންދެން ހިންގި ކެމްޕެއިންގައި ފަލަސްތީނުގެ 250 މީހުންނާއި އިޒްރޭލްގެ 14 މީހުން މަރުވި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރަކީ 2005 ވަނަ އަހަރަށް ފަހު އިޒްރޭލުން ފަލަސްތީން ރައްޔިތުންނާ މެދު އެންމެ އަނިޔާވެރިވަމުންދާ އަހަރެވެ. އެގޮތުން ހުޅަނގު އައްސޭރީގައި އެކަނިވެސް އިޒްރޭލުގެ އެކި ހަމަލާތަކުގައި 172 މީހުން މަރާލާފައިވެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox