ލަންޑަން (އޮކްޓޫބަރު 7) - ނިއުކާސަލް ޔުނައިޓެޑްގެ ކިބައިގައި ދުނިޔޭގެ އެންމެ ބޮޑު ކްލަބަށް ވެވޭނެ ފެންވަރު އެބަހުރި ކަމަށް އެ ޓީމާ ހަވާލުވެހުރި ޒުވާން ކޯޗު އެޑީ ހޯވް ބުނެފި އެވެ.
ވިހި އަހަރަށް ފަހު، ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ނިއުކާސަލް އިން ވަނީ މި ސީޒަނުގައި ހޯދައިފަ އެވެ. ނިއުކާސަލުން ޗެމްޕިއަންސް ލީގުގައި މި މުއްދަތުގައި ހޯދި ފުރަތަމަ މޮޅަކީ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ އަތުން 4-1 އިން ހޯދި ކާމިޔާބެވެ.
ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް)ގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ، ފުޓްބޯޅަ ކްލަބެއް ހިންގަން ހަވާލުވެފައި އޮތް ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ.
ނިއުކާސަލްގެ ޗެއާމަން، ޔާސިރު އަލް-ރުމައްޔާން ދާދި ފަހުން އެ ކްލަބްގެ ޑޮކިއުމެންޓްރީއެއްގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އުންމީދަކީ ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭ މަސައްކަތް ކޮށްގެން ނިއުކާސަލް އަކީ ދުނިޔޭގެ އެއް ވަނަ ކްލަބަށް ހެދުން ކަމަށެވެ. އެކަމަކު، އޭނާ ދެެއްކެވި ވާހަކައިގައި ވަނީ ޕީއެސްޖީ، މެންޗެސްޓާ ސިޓީ، ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް ފަދަ ކްލަބްތައް މި ވަގުތު އޮތީ އެ ރޭހުގެ މާ ކުރީގައި ކަން ފާހަގަކުރައްވައިފަ އެވެ.
ރުމައްޔާން ދެއްވި އެ އިންޓަވިއުގައި ހުރި ބައެއް ކަމަކަށް އިޝާރާތްކޮށް ހޯވް ބުނީ ނިއުކާސަލްގެ ކިބައިގައި ކުރިއަށްދެވޭނެ ރަނގަޅު ގިނަ ސިފަތަކެއް އެބަހުރި ކަމަށެވެ.
"އަހަރެމެންނަކީ މި ވަގުތު އެއް ވަނައިގައި އޮތް ބޮޑު ކްލަބެއް ނޫން. އެކަމަކު، އެއީ ނުވާނެ ކަމެއް ނޫން. އަހަރެމެން މި މަސައްކަތް ކުރަނީ އެ އަމާޒުގައި. ވަގުތުނަގާނެ. ޖާދޫ ހަދާނެ ގޮތެއް ނެތް މީގެ އެއް. މި ކަމުގައި އޮތީ މަސައްކަތް ކުރުން. އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބަށް ވުން ކަމަށްވަންޏާ އަހަރެެމެން މި ތިބީ އެ މަސައްކަތް ކުރަން،" ހޯވް ބުންޏެވެ.
މިއަދަކީ ސައުދީގެ ޕީއައިއެފް އިން ނިއުކާސަލް ގަތްތާ ދެ އަހަރު ފުރޭ ދުވަހެވެ. ހޯވް ބުނީ މި ދެ އަހަރަށް ބެލިޔަސް ގިނަ ބަޔަކު ހީނުކުރާ ފަދަ ކުރިއެރުމެއް ނިއުކާސަލް އިން ހޯދާފައިވާ ކަމަށެވެ.
އެ ގޮތުން، ރެލިގޭޝަނުން ސަލާމަތްވާން ކުރަމުން އައި މަސައްކަތުން ފަށައި، ކަންކަން އެެހެން ލެވެލަކަށް ޖައްސައި، އެ ޓީމު މި ވަގުތު އޮތީ ޗެމްޕިއަންސް ލީގުގައިކަން ހޯވްގެ ވާހަކައިގައި ފާހަގަކުރި އެވެ.












