ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 6) - އެމެރިކާ ލީގު، މޭޖަ ލީގު ސޮކާގެ ކްލަބް، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ، މި ސީޒަނުގެ ފަހު ބައިގައި ކެރިއަރުގެ ބޮޑުބައި ހޭދަކުރި ކްލަބް، ބާސެލޯނާ އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޓަ މިއާމީއާ މިދިޔަ ޖޫން މަހު ގުޅުނު މެސީ އަންނަނީ އެ ޓީމުގައި ތަފާތު ދައްކަމުންނެވެ. އެކަމަކު، މެސީ އަނިޔާގައި ހުރި މި މުއްދަތު ތެރޭގައި އިންޓަ މިއާމީން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އެހެންވެ، އެ ޓީމަށް މޭޖަ ލީގު ސޮކާގެ ޕްލޭއޮފް އިން ފުރުސަތު ނުލިބިދާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ.
އެކަން އެ ގޮތަށް ވެއްޖެނަަމަ، ޖެނުއަރީ ޓްރާންސްފާގައި ކުރު މުއްދަތެއްގެ ލޯން ޑީލެއްގައި މެސީ ހޯދަން ބާސެލޯނާ އިން މަސައްކަތް ކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެއީ، އެމެރިކާ ލީގު އެންމެ އަވަހަށް ވެސް ފަށާނީ މާޗް މަހު ކަމަށް ވާތީ އެވެ.
މެސީ، 36، އަށް ބާސެލޯނާގެ ކެރިއަރު ނިންމާލަން ޖެހުނީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގަ އެވެ. އެއީ އެ ވަގުތު ބާސެލޯނާގެ މާލީ ހާލަތު ވަރަށް ބޮޑަށް އަޑިއަޅާލައި، ކްލަބް ބަނގުރޫޓްވެދާނެ ހާލަތަކަށް ވެއްޓިފައި އޮއްވައި މެސީގެ ކޮންޓްރެކްޓް އާ ކުރެވެން ނެތުމުންނެވެ. މިދިޔަ އަހަރުތަކުގެ ޓްރާންސްފާ މާކެޓް ހުޅުވިފައި އޮތް އެކި ވަގުތުތަކުގައި އަލުން މެސީ ހޯދަން އެކި ފަަހަރު މަތިން ބާސެލޯނާ އިން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ކާމިޔާބެއްނުވި އެވެ.
ބާސެލޯނާ ދޫކޮށް މެސީ މީގެ ދެ އަހަރު ކުރިން ބަދަލުވީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށެވެ. އެކަމަކު، އެ ޓީމުގައި މެސީ އަށް އޭނާގެ އަސްލު ލެވަލްގައި ނުކުޅެވުނެވެ. އޭގެ ސަބަބުތައް ބައިވަރު ފާހަަގަވެގެންދިޔައިރު، އެންމެ ބޮޑަށް ގިނަ ބަޔެއްގެ ލޯ އަމާޒުވީ ޕީއެސްޖީގެ އަލްޓްރާ ސަޕޯޓަރުންގެ ނުރުހުން އަމާޒުވެ، މެސީ އަށް ކުރިމަަތިވެގެންދިޔަ ޕްރެޝަރެވެ.












