އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށުމާ ހަމައަށް އެއްވެސް އާ މަޝްރޫއެއް ހަވާލުކުރުން ސަރުކާރު ކުންފުނިތަކަށް މަނާކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ނެރުނު ސާކިއުލާ މިއަދު މުރާޖާކޮށްފި އެވެ.
ޕީސީބީން ފުރަތަމަ ނެރުނު ސާކިއުލާގައި ވަނީ ކުންފުނިތަކުން އާންމުކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި މުޅިން އަލަށް އެއްވެސް މަޝްރޫއެއް ނުވަތަ ކުންފުނިން ބޮޑު ހަރަދެއް ކުރަން ޖެހޭ އާ އެއްވެސް ކަމެއް ނުކުރަން އަންގާފަ އެވެ.
ނަމަވެސް ފަހުން ނެރުނު ސާކިއުލާގައި ވަނީ، ކުންފުނިތަކުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަަރުން ނެގޯޝިއޭޓްކުރެވިފައިވާ ޕްރޮޖެކްޓުތައް އަދި ހިނގަމުންދާ ޕްރޮޖެކްޓުތަކުގެ އެކްސްޓެންޝަން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ
.
މިހެންކަމުން ކުރިން އިއުލާންކޮށްގެން ބީލަން މަރުހަލާ ނިމިފައިވާ ޕްރޮޖެކްޓުތަކާއި މިހާރު ހިނގަމުންދާ ޕްރޮޖެކްޓުތަކަށް ކަމެއް އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ފުރުސަތު ސަރުކާރު ކުންފުނިތަކަށް ވަނީ ފަހިކޮށްދީފަ އެވެ. އެކަމަކު މިއީ ސަރުކާރުގެ ސިޔާސަތަށް ފެތޭ، ރައްޔިތުންނަށް މަންފާ ހުރި ޕްރޮޖެކްޓުތަކަށް ވާން ޖެހޭނެ ކަމަށް ޕީސީބީން އަންގާފައިވެ އެވެ.
ކުރިން މަޝްވަރާކޮށް އެއްބަސްވެފައިވާ ޕްރޮޖެކްޓުތައް ހިންގުނު ނަމަވެސް އާ ޕްރޮޖެކްޓެއް ފެށުމާއި ކުންފުނީގެ މުސާރަ އާއި ހިންގުމުގެ އޮނިގަނޑަށާއި މުވައްޒަފުންނާ ގުޅޭ އެއްވެސް ކަމެއް އިންތިގާލީ މުއްދަތުގެ ތެރޭގައި ކުރިން އަދިވެސް މަނަލެވެ.











