މުމްބާއީ (އޮކްޓޫބަރު 4) - މާދަމާ އިންޑިއާގައި ފަށާ ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕްގެ ގްލޯބަލް އެމްބަސަޑަރަކަށް އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާ ހަމަޖައްސައިފި އެވެ.
އޯޑީއައި ހަ ވޯލްޑް ކަޕެއްގައި ކުޅެ ރެކޯޑެއް ހާސިލްކޮށްފައިވާ ސަޗިން، މި ފަަހަރުގެ މުބާރާތް ފެށުމުގެ ކުރިން ރަސްމީކޮށް ޓްރޮފީ ހިފައިގެން އަރާނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރަނީ އިންގްލެންޑާއި ނިއު ޒީލެންޑް އެވެ.
ކްރިކެޓް ލެޖެންޑް، ސަޗިން ބުނީ ގްލޯބަލް އެމްބަސަޑަރެއްގެ ގޮތުގައި މި ފަހަރުގެ އޯޑީއައި ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ހާއްސަ އުފަލެއް ކަމަށެވެ.
"ބޯޅަ ހޮވަން ހުރި ކުއްޖެއްގެ ގޮތުގައި 1987 ވަނަ އަހަރު ހުރުމަށް ފަހު ހަ ވޯލްޑް ކަޕެއްގައި އިންޑިއާ ތަމްސީލްކުރަން ފުރުސަތު ލިބިގެން ދިއުމަކީ އަބަދުވެސް ހިތުގައި އޮންނާނެ ހާއްސަކަމެއް. ވޯލްޑް ކަޕްގެ ޗެމްޕިއަންކަން 2011 ވަނަ އަހަރު ހޯދުމަކީ އަހަރެންގެ ކެރިއަރުގައި ލިބުނު އެންމެ ހާއްސަ އެއް ކާމިޔާބީ،" ސަޗިން ބުންޏެވެ.
ސަޗިން ބުނީ މި ފަަހަރުގެ މުބާރާތުގައި ވެސް ވަރަށް ހާއްސަ ގައުމުތަކެއް ވާދަކުރާއިރު، ތަފާތު ހުނަރުވެރި ކުޅުންތެރިންތަކެއް ޓީމުތަކުގައި އެބަހިމެނޭ ކަމަށާއި މިއީ އެ ފަދަ ދެ ވަނައެއް ނެތް ކާމިޔާބު މުބާރާތަކަށް ވުމަށް އެދޭ ކަމަށެވެ.
"އަހަރެން ދެކެން ބޭނުން މި މުބާރާތުން ފެންނަ ކަންތައްތަކެއްގެ ސަބަބުން ގިނަ ޒުވާން ކުދިންތަކެއް ކުޅިވަރުން އެންމެ މަތީ ފަންތީގައި އިންޑިއާ ތަމްސީލްކުރަން ހިތްޖެހި، އެ އަޒުމުގައި މަަސައްކަތްކުރާތަން،" ސަޗިން ބުންޏެވެ.
ގްލޯބަލް އެމްބަސަޑަރެއްގެ ގޮތުގައި ސަޗިން މަސައްކަތްކުރާއިރު، އައިސީސީ އެމްބަސަޑަރުންގެ ގޮތުގައި ކުރީގެ ނަން މަޝްހޫރު ކުޅުންތެރިން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ވެސްޓް އިންޑީސްގެ ވިވިއަން ރިޗަޑްސް، ދެކުނު އެފްރިކާގެ އޭބީ ޑި ވިލާސް، އިންގްލެންޑްގެ އިއޯން މޯގަން، އޮސްޓްރޭލިއާގެ އާރޮން ފިންޗް، ސްރީ ލަންކާގެ މުތިއާ މުރަލިތަރަން، ނިއު ޒީލެންޑްގެ ރޮސް ޓޭލާ އަދި އިންޑިއާގެ ސުރޭޝް ރައިނާ އަދި މިތާލީ ރާޖް އެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ އިންޑިއާ، އަފްގާނިސްތާން، އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންގްލެންޑް، ނިއު ޒީލެންޑް، ޕާކިސްތާން، ދެކުނު އެފްރިކާ، ސްރީ ލަންކާ އަދި ނެދަލެންޑްސް އެވެ.












