ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޯބަރު 2) - ޔޫރަޕްގެ ފުޓްބޯޅައިގެ މަޝްހޫރު ރެފްރީން ދިގު މުއްދަތުގެ ކޮންޓްރެކްޓްތަކެއްގައި ސައުދީ އަރަބިއްޔާގެ ސައުދީ ޕްރޯ ލީގަށް ގެނައުމަށް ވިސްނަމުން އަންނަކަމަށް އެ ލީގުން ހާމަކޮށްފި އެވެ.
ސައުދީ ޕްރޯ ލީގަކީ މިހާރު ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ ލީގެކެވެ. އެ ގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރެޒިލްގެ ނޭމާގެ އިތުރުން ފްރާންސްގެ ތަރި ކަރިމް ބެންޒެމާ ވެސް ކުޅެމުން އަންނަނީ ސައުދީ ލީގުގަ އެވެ.
އާ ސީޒަން ސައުދީ އަރަބިއްޔާ އިން ފެށި ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިންނާ އެކުގަ އެވެ. މިހާރު އެ ލީގުގެ އަމާޒަކީ ލީގުގެ ފެންވަރު ރަނގަޅުކުރުމަށް ދުނިޔޭގެ މޮޅެތި ރެފްރީން ގެނައުމަށެވެ.
އެ ގޮތުން ޔޫރަޕްގެ ފުޓްބޯޅައިގެ ވަރުގަދަ ރެފްރީންނާއި ދެކުނު އެމެރިކާގެ ރެފްރީން ގެނައުމަށް މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ބޮޑު މުސާރަތަކެއް ރެފްރީންނަށް ހުށަހަޅަން އެ ލީގުން އަންނަނީ ތައްޔާރު ވަމުންނެވެ.
ސައުދީ ލީގުގައި ކުޅޭ މަޝްހޫރު ކުޅުންތެރިންނާ އެކު އެ ލީގަށް ލިބެމުން އަންނަ މަޝްހޫރުކަން ބޮޑުވެ، ލީގުގެ އަގުވެސް މިހާރު އަންނަނީ ބޮޑުވަމުންނެވެ. އަންނަ ސީޒަންގައި އެ ލީގުގެ ބްރޯޑްކާސްޓިން ރައިޓްސްގެ އަގުވެސް އުފުލޭނެކަމަށް ބެލެވެ އެވެ.
ސައުދީ ލީގަށް ދާކަމަށްވާނަމަ ރެފްރީންނަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައި ރެފްރީކަންކުރުމުގެ ފުރުސަތު ހަނިވުމެވެ. އަނެއްކޮޅުން ޔޫރޯ ފުޓްބޯޅަ މުބާރާތާއި، ކުލަބު ފުޓްބޯޅައިގެ ޔޫރަޕްގެ ބޮޑެތި މުބާރާތްތައް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގުގައި ވެސް ރެފްރީކަން ކުރުމުގެ ފުރުސަތު ޔޫރަޕްގެ ރެފްރީންނަށް ގެއްލޭނެ އެވެ.
އެހެންނަމަވެސް ސައުދީ ލީގުން މުސާރައިގެ ގޮތުގައި ހުށަހަޅާ އަދަދުތަކަކީ މިހާރު ޔޫރަޕްގެ ރެފްރީންނަށް ލިބޭ ފައިސާ އަށް ވުރެ އެތައް ގުނައެއް ބޮޑު އާމްދަނީއަކަށްވާތީ ގިނަ ރެފްރީންތަކެއް ސައުދީއަށް ދިއުން އެކަށީގެންވާ ކަމަށް ބެލެވެ އެވެ.
ސައުދީ ލީގުން ގެންނަން މަސައްކަތް ކުރަމުން އަންނަ ރެފްރީންގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ލީގުކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީން ވެސް ހިމެނޭކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
ސައުދީ ލީގުން ވަނީ މީގެ ކުރިން އާޖެންޓީނާ، ނިއުޒީލެންޑް އަދި ޕެރެގުއޭގެ ރެފްރީން އެ ލީގުގެ މުހިންމު އަދި ފޯރިގަދަ މެޗުތަކަށް ގެނެސްފަ އެވެ.












