ބާސެލޯނާ (ސެޕްޓެމްބަރު 29) - މިދިޔަ ސީޒަންގައި ބާސެލޯނާ އަށް ލިބުނު ސާފު ފައިދާ އިތުރުވެ، އެ ކުލަބުގެ ދަރަނި ބޮޑުތަނުން ދަށަށް ގޮސްފި އެވެ.
ބާސެލޯނާގެ މާލީ ހާލަތު ގޯސްވެ، ދަރަނި ބޮޑުވާން ފެށީ 2019 ގަ އެވެ. ބާސެލޯނާގެ އޭރުގެ ވެރިންގެ ގޯސް ނިންމުންތަކުގެ ސަބަބުން ކުލަބުގައި ތިބި ސީނިއާ ކުޅުންތެރިންގެ މުސާރަތައް ކުޑަކުރަން ޖެހި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ޕްރެޝަރު ބޮޑުވެ ކުލަބުގެ އޭރުގެ ރައީސް ޖޯސެފް މާރިއާ ބާޓެމޯ އިސްތިއުފާ ދިނީ 2020ގެ އޮކްޓޯބަރު މަހުގަ އެވެ.
އޭގެ ފަހުން ކުލަބުގެ ރައީސްކަމާ ހަވާލުވެ ޖޮއާން ލަޕޯޓާ އާއި އާ އެކްސްކޯގެ މެންބަރުން ވަނީ ކުލަބުގެ މާލީ ކަންކަމަށް ގިނަ ބަދަލުތަކެއް ގެނަ އެވެ. ނަތިޖާއެއްގެ ގޮތުން މިދިޔަ ދެ އަހަރު ކުލަބަށް ރަނގަޅު ފައިދާއެއް ވަނީ ވެފަ އެވެ.
މިދިޔަ ސީޒަންގައި ބާސެލޯނާ އަށް ވަނީ ސާފު ފައިދާ އަކީ 263 މިލިއަން ޕައުންޑު (321 މިލިއަން ޑޮލަރު) އެވެ. މިއީ ސީޒަން ފެށުމުގެ ކުރިން އެ ކުލަބުން އަންދާޒާކުރި ވަރަށް ވުރެ ބޮޑު އަދަދެކެވެ.
މިދިޔަ ސީޒަންގައި ލިބުނު ފައިދާއާ އެކު އެ ކުލަބުގެ ދަރަނި މިހާރު ވަނީ 487 މިލިއަން ޕައުންޑަށް (552 މިލިއަން ޑޮލަރަށް) ދަށްވެފަ އެވެ. ޖެހިޖެހިގެން ދެ އަހަރު ކުލަބުގެ ދަރަނި ބޮޑުތަނުން ދަށަށްދިޔުމަކީ ބޮޑު ކާމިޔާބެއްގެ ގޮތުގައި އެކުލަބުން ފާހަގަކުރެ އެވެ.
ބާސެލޯނާގެ ކޮމާޝަލް ރެވެނިއު (އިޝްތިހާރާއި ވިޔަފާރި ކޮށްގެން ލިބޭ އާމްދަނީ) ވަނީ މިދިޔަ ސީޒަންގައި 43 އިންސައްތަ ކުރިއަރާފަ އެވެ. މިގޮތުން ކުލަބުގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އާ ރެކޯޑު އަދަދެއްގެ ސްޕޮންސަރތަކެއް އެކުލަބަށް ލިބުމެވެ. ކުލަބުގެ އުފެއްދުންތައް ފިހާރަތަކުގައި ވިއްކައިގެންވެސް މިދިޔަ ސީޒަންގައި ބޮޑު އާމްދަނީއެއް ލިބުނެވެ.
ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ވަނީ އެކުލަބުން މިދިޔަ ސީޒަންގައި އެކުލަބަށް މާލީ ގޮތުން ލިބުނު ބޮޑު ކުރިއެރުން ފާހަގަކޮށް، އެކުލަބާއިއެކު މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.
މިދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާ މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގަ އެވެ. އެކުލަބަށް ކުރިއަށް އޮތީ މިރޭ ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.












