މަޔާމީ (ސެޕްޓެމްބަރު 27) - ޔޫއެސް އޯޕަން ކަޕްގެ ފައިނަލަށް އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ފިޓުވާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޖެރާޑޯ މާޓީނޯ ބުނެފި އެވެ.
ހިއުސްޓަން ޑައިނަމޯސްއާ ދެކޮޅަށް ޔޫއެސް އޯޕަން ކަޕްގެ ފައިނަލްގައި ބުރާސްފަތި ދުވަހު އިންޓަ މިއާމީ ނުކުންނައިރު، އެ ޓީމުން މިއަދު ހުޅުވާލައިގެން ކުރި ތަމްރީނުތަކުގައި މެސީ ބައިވެރިއެއްނުވެއެވެ.
މެސީ އަށް ކުރިމަތިވެފައިވާ އަނިޔާގެ މާ ބޮޑު ތަފްސީލެއް ނޭނގުނު ނަމަވެސް، މާޓިނޯ ބުނީ މެސީ އަށް ދިމާވެގެން އުޅޭނީ ކުރިން ކުރިމަތިވި އަނިޔާއެއްގެ މައްސަލައެކެވެ.
މާޓިނޯ ބުނީ މެސީ ފައިނަލަށް ފިޓުވާނެކަމުގެ ޔަގީންކަމެއް މި ވަގުތު ނެތް ކަމަށެވެ. އެކަމަކު، މެސީއާ މެދު ގޮތެއް ނިންމާނީ "އެންމެ ފަހު ވަގުތަށް" ބަލާފައި ކަމަށެވެ.
"މެސީގެ ފިޓްނަސްއާމެދު މުޅިން ގޮތެއް ނިންމާނީ މާދަމާ (ބުދަ ދުވަހު). އެންމެ ފަހު ވަގުތާ ޖެހެންދެން މެސީ އަށް ބަލާނަން،" މާޓިނޯ ބުންޏެވެ.
އެކަމަކު މެސީއާ އެކު މި ސީޒަންގައި އިންޓަ މިއާމީގެ އަށް ބަދަލުވި ޑިފެންޑަރު ޖޯޑީ އަލްބާ އަށް އަނިޔާގެ ސަބަބުން ފައިނަލްގައި ނުކުޅެވޭނެކަން މާޓިނޯ ކަށަވަރުކޮށްދިނެވެ.
މެސީ ،36، އިންޓަ މިއާމީއާ ގުޅުނު ފަހުން އެ ޓީމުން ވަނީ ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. މާޓިނޯ ބުނީ ފައިނަލެއްގެ ނޫންނަމަ، މި މެޗަށް މެސީ ނެރެން އޭނާ ނުވިސްނާނެ ކަމަށެވެ.
"އާދައިގެ މެޗެއްނަމަ އަހަރަމެން ރިސްކެއް ނުނަގާނަން. ފައިނަލެއް ނޫންނަމަ އަހަރަމެން ރިސްކެއް ނަގާކަށް ނުވިސްނާނަން،" މާޓިނޯ ބުންޏެވެ.












