ބާސެލޯނާ (ސެޕްޓެމްބަރު 23) - ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް، އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފި އެވެ.
ޒަވީ އެންމެ ފަހުން ހުރި ކޮންޓްރެކްޓްގެ މުއްދަތު އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ކުރިން ބާސެލޯނާގެ ކެޕްޓަންކަން ކުރި ޒަވީ، މި ފަހަރު އެ ޓީމާ އެކު ސޮއިކުރި އެ އެއްބަސްވުމުގައިވާ ގޮތުން އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރަން ވެސް ބާސެލޯނާ އަށް އިހުތިޔާރު އޮންނާނެ އެވެ.
ޒަވީ، ބާސެލޯނާގެ ކޯޗަކަށް ހަމަޖެއްސީ ރޮނާލްޑް ކޫމަން މަގާމުން ދުރުކުރުމަށް ފަހު، 2021 ވަނަ އަހަރު އެވެ. އެއީ ކުޅުމުން ރިޓަޔާކުރިތާ ދެ އަހަރު ފަހުންނެވެ. ބާސެލޯނާއާ ހަވާލުވުމުގެ ކުރިން ޒަވީ ވަނީ ގަތަރުގެ އަލް ސާދަށް ވެސް ކޯޗުކޮށްދީފަ އެވެ.
ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ ބުނީ އޭނާ އެ ކްލަބާ ހަވާލުވިއިރު އޮތް ހާލަތަށް ބަލައި، މިހާރު އާދެވިފައި ހުރި ހިސާބަށް ވިސްނާލާއިރު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.
"މިދިޔަ އަހަރު އަހަރެމެންނަށް ވަރަށް މުހިންމު ދެ ތަށި ލިބުނު. އެކަމަކު އަދިވެސް ގަބޫލުކުރަން ޖެހޭ އަހަރެމެން މި ތިބީ ޓްރާންސިޝަންގައި،" ޒަވީ ބުންޏެވެ.
ޒަވީގެ ކޯޗުކަމުގައި ބާސެލޯނާ އިން ވަނީ ސްޕެނިޝް ސުޕަ ކަޕާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. ކޯޗިން ކެރިއަރުގައި މިވީ މަދު އަހަރުތަކުގެ ތެރޭގައި މިހާތަނަށް ވެސް ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ޒަވީ ހަވާލުވި ފަހުން ބާސެލޯނާ އިން ކުޅުނު 96 މެޗުގެ ތެރެއިން 60 މެޗުން ވަނީ މޮޅުވެފަ އެވެ.












