ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ސާފުކޮށް ލިބިދީފައި އޮތް ބާރެއް ކަމަށާއި އެކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ ދައުރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ކަނޑައެޅުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގެ ބަހުސަށް ހުޅުވައިލުމުގެ ކުރިން ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ލިބިދީފައި ވަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ކަމަށެވެ. ކަމަކާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރުމުން އެ ވޯޓު ނެގުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީކީ އެއްވެސް ހާލެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ހަވާލާދެއްވީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަމްބަރަށެވެ.
ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގައި އޮތީ މަޖިލީހަށް އޮތް ގާނޫނު ހެދުމުގެ އާއްމު ބާރުގެ ތެރެއިން ކުރެވޭނެ ކަންތައްތަކެވެ.

"ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯއްދުމުގެ އާންމު ވޯޓު ނެގުން" އެ މާއްދާގެ (ށ)ގެ (6) ވަނަ ނަމްބަރުގައި ވެ އެވެ.
ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބާރު އެ މާއްދާއިން މަޖިލީހަށް ލިބިދީފައި އޮތް އިރު އެފަދަ ވޯޓެއް ނެގުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައި އޮތީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ކަމަށެވެ.
ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ނަޝީދު ވަކާލާތު ކުރައްވާތާ އެތައް އަހަރެެއް ވެއްޖެ އެވެ. އެކަމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އެމަނިކުފާނު އުފެއްދެވި އާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ހުސްވަގުތުކޮޅަށް މެދުކަނޑައިލުމުގެ ކުރިން ނަޝީދު ވިދާޅުވީ އިލްޔާސް ހުށަހެޅުއްވި ގަރާރުގެ ހުރިހާ މަސައްކަތެއް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށެވެ.













